މިއަހަރު ޑެންގީ ރިޕޯޓުކުރި މިންވަރު މަދު

ޑެންގީ ހުން ފަތުރާ މަދިރި --

އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފެބްރުއަރީމަހު ޑެންގީ ހުން ޖެހިގެން 43 ކޭހެއް ރިޕޯޓުކޮށްފައިވާއިރު މާޗުމަހު ރިޕޯޓުކޮށްފައިވަނީ 40 ކޭހެކެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ މިންވަރު މަދު ނަމަވެސް، މިފަދަ ބަލިތައް ކޮންޓްރޯލުކޮށް ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީމަހު އަރިދަފުސްރޯގާގެ 19،633 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މާޗުމަހު އަރިދަފުސްރޯގާގެ 16،994 ކޭސް ރިޕޯޓުކުރި އިރު، އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ރޯގާ އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގައި ބޭރަށް ހިންގުމާއި ހޮޑުލުން ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށާއި ފެބްރުއަރީ މަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1656 ކޭސް ރިޕޯޓުކޮށްފައިވާއިރު މާޗުމަހު 1214 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެ އިދާރާ އިން ބުންޏެވެ.

އެޗްޕީއޭ އިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވާޅު އެޅުމަށް އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރު ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލުރޯގާ ރިޕޯޓު ކޮށްފައިވާ މިންވަރު މަދުކަންވެސް އެޗްޕީއޭ އިން ފާހަގަ ކުރެއެވެ.

comment ކޮމެންޓް