ފަރުވާކުޑަވެގެން އިސް މެޖިސްޓްރޭޓަކަށް ނަސޭހަތްތެރިވެއްޖެ

ޖުޑިޝަލް ސާވިސް ކޮމިޝަން ހިންގާ އިމާރާތް --- ސަންފޮޓޯ/ ފަޔާޒު މޫސާ

ބ. ދަރަވަނދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ނިންމައި އޭނާއަށް ނަސޭހަތް ދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ސަލާމް ބުނި ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެ ކޮމިޝަނުން މައްސަލަ ބެލިއިރު ވަރަށް ގިނަ ކަންކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެގޮތުން ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަނޑިޔާރުންގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެންމެ މަތީ މިންގަނޑުގެ އިހުލާސްތެރިކަމާއި އިހުސާންތެރިކަމާއި ވަފާތެރިކަމާއި އަހުލާގު ހުންނަންވާނެ ކަމަށް ބުނެފައިވާއިރު އެ މާއްދާއާ އާތިފް ހިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ހަމަ އެގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާ ވެސް ލަތީފު ހިލާފުވެފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެއީ އިސް ފަނޑިޔާރުންގެ މަސްއޫލިއްޔަތު ތަކާ ބެހޭ މާއްދާ އެކެވެ. އެ މާއްދާގައި ބުނެފައިވަނީ ކޯޓުގެ ތަރައްގީއަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި މަޝްރޫއުތައް އެކަށައަޅައި ހިންގުމުގައި ކޯޓަށް ލަފާދީ އެހީތެރި ވެދިނުމަކީ އިސް މެޖިސްޓްރޭޓްގެ ޒިންމާއެއް ކަމަށެވެ. ޖޭއެސްސީއިން ބުނީ އަހުމަދު ލަތީފު އެ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 65 ވަނަ މާއްދާގައި ބުނާގޮތަށް އަހުމަދު ލަތީފު މާލީ ބަޔާންވެސް ހުށަހަޅާފައި ނުވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ. އޭގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާވެސް އަހުމަދު ލަތީފު ހިލާފުވެފައި ވާތީ އޭނާ ޖޭއެސްސީއިން ބުނާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޝަރުތުކޮށް އޭނާއަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

comment ކޮމެންޓް