ޗެލްސީގެ ކުރީގެ ގޯލް ކީޕަރު ޕީޓާ ބޮނެޓީ މަރުވެއްޖެ

ޗެލްސީގެ ކުރީގެ ކީޕަރު ޕީޓާ ބޮނެޓީ ---

ގިނަ އަހަރުތަކެއް ވަންދެން ޗެލްސީއަށާއި އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ގޯލް ކީޕަރަކަށް ކުޅެދިން ޕީޓަރ ބޮނެޓީ މަރުވެއްޖެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކީޕަރުންގެ ލިސްޓުގައި ނަން ކިޔާލެވޭނެ ޕީޓަރ މަރުވި އިރު އޭނަގެ އުމުރަކީ 78 އަހަރެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތުމަށްފަހު ޕީޓަރ އިއްޔެ ވަގުތެއްގައި މަރުވިކަން ޗެލްސީ ފުޓުބޯޅަ ކުލަބުން ވަނީ ޔަގީންކޮށްދީފަ އެވެ.

ބޮނެޓީ އަކީ 1966 ވަނަ އަހަރު އިނގިރޭސިވިލާތުން ވޯލްޑްކަޕުގެ ތަށި އުފުލާލި އިރު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ ބޭނުން ކޮށްފައިވަނީ ދެވަނަ ކީޕަރެއްގެ ގޮތުގައެވެ. އެހެން ކަމުން އެ މުބާރާތުގެ މެޗެއް ކުޅުމުގެ ފުރުސަތު ޕީޓާ އަކަށް ނުލިބެ އެވެ.

އެކަމަކު ޖެހިގެން އައި ވޯލްޑްކަޕުގައި އޭނާ ވަނީ މެޗުތަކެއް ކުޅެ، ކުއާރޓާ ފައިނަލުގައި ވެސްޓް ޖާމަނީ އަތުން ބަލިވި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބޮނެޓީގެ ލެގަސީ އެންމެ ވިދުން ގަދައީ އޭނަގެ ފުޓުބޯޅަ ހަޔާތުގެ ބޮޑުބައި ހޭދަ ކުރި ޗެލްސީގަ އެވެ. އޭނާ ވަނީ އެކުލަބަށް 729 މެޗު ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން 1970 ވަނަ އަހަރުގެ އެފްއޭކަޕާއި 1965 ވަނަ އަހަރުގެ ލީގު ކަޕުގެ އިތުރުން 1971 ވަނަ އަހަރުގެ ޔޫއެފާ ކަޕް ވިނާސް ކަޕު ހިމެނެ އެވެ.

މީގެ އިތުރުން 1969-1970 ވަނަ ފުޓުބޯޅަ ސީޒަނުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ބޮނެޓީ ވަނީ ހޮވިފަ އެވެ.

ޕްރޮފެޝަނަލް ކުޅުން ހުއްޓާލުމަށްފަހު ބޮނެޓީ ވަނީ ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ބައެއް ކުލަބުތަކަށް މަސައްކަތް ކޮށްދީފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ޔުނައިޓެޑްގެ އިތުރުން ފުލްހަމް ހިމެނެ އެވެ.

"ދަ ކެޓް" ގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ބޮނެޓީގެ މަރާ އެކު ފުޓުބޯޅަ އާއިލާގެ ގިނަބަޔަކު ދަނީ އޭނަގެ އާއިލާއަށާއި ގާތް ރަހުމަތްތެރިންނަށް ތައުޒިއްޔާ ކިޔައި، ހަނދާންތައް އައު ކުރަމުންނެވެ.

comment ކޮމެންޓް