ޑްރަގް ކޯޓުގެ އަމުރުތައް އޮންލައިންކޮށް ހަވާލުކުރެވޭނެ ގޮތް ހަމަޖައްސައިފި

ޑްރަގް ކޯޓު -- ސަންފައިލް ފޮޓޯ

ޑްރަގް ކޯޓުން ނެރޭ ކޯޓު އަމުރުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު އެ ކޯޓުން ހަމަޖައްސައިދީފިއެވެ.

ޑްރަގް ކޯޓުން މިއަދު ބުނީ ކޮވިޑް-19ގެ ސަބަބުން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ޑްރަގް ކޯޓުން ނެރޭ ކޯޓު އަމުރުތަށް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ކޯޓު އަމުރުތައް ލިބޭނީ އޮންލައިން ޕޯޓަލެއްގައި ރަޖިސްޓްރީވުމުންނެވެ. ޑްރަގް ކޯޓުން ބުނި ގޮތުގައި އެ ޕޯޓަލްގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓުއަމުރު ޕޯޓަލްގައި ރެޖިސްޓްރީވާންޖެހޭނެ ކަމަށެވެ. ޕޯޓަލްގައި ރެޖިސްޓްރިވެފައިވާ ފަރާތްތަކަށް އަމުރެއް ނެރުމުން އެސްއެމްއެސް އެލާޓް ނޮޓިފިކޭޝަނެއް ލިބޭނެކަމަށް އެ ކޯޓުން ބުންޏެވެ.

ޑްރަގް ކޯޓުން ބުނި ގޮތުގައި އެ ޕޯޓަލް ފަރުމާކޮށް ޑިވެލޮޕްކޮށްފައި ވަނީ ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުން މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ޑްރަގް ކޯޓުން ވަނީ އެ ކޯޓުގެ އެހެން ބައެއް ހިދުމަތްތައްވެސް އޮންލައިންކޮށް ދޭން ފަށައިފައެވެ. އެގޮތުން މައްސަލަ ހުށަހެޅުމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުން ފަަދަ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް