ރީ އެކްސްޕޯޓް ކުރުމަކީ ރާއްޖޭގެ އިގްތިސޯދީ މުސްތަގްބަލް: ސައީދު

ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު: ރީ އެކްސްޕޯޓަށް އިސްކަން ދީގެން ރާއްޖޭގެ އިގްތިސޯދު ހަރުދަނާ ކުރެވިދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިގްތިސޯދު އަޑިއަޅާލަމުންދާ މި ދަނޑިވަޅުގައި ރީ އެކްސްޕޯޓަށް އިސްކަން ދީގެން މަންފާ ހޯދި ދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކޮށްފައިވާއިރު އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ރާއްޖޭން ސީފުޑްގެ 296 ބާވަތެއް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ އެވެ.

އެކަމަށް އަލިއަޅުވާލައި ސައީދު ވިދާޅުވީ، އެންމެ ގިނަ ސީފުޑްގެ ބާވައްތައް އެކްސްޕޯޓް ކުރާ ގައުމުތައް ހުރީ ރާއްޖެ ކައިރީގައި ކަމަށާއި އެ ގައުމުތަކުން ސީފުޑްގެ ބާވަތްތައް އިމްޕޯޓް ކުރުމަށް ފަހު ޗައިނާއަށް ރީ އެކްސްޕޯޓް ކޮށްގެން ބޮޑު މަންފާއެއް ހޯދި ދާނެ ކަމަށެވެ.

ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭ މޫދުގެ ބާވަތްތަކުގެ ތެރޭގައި ރާއްޖޭގެ މަސްކަނޑުތަކުން ބާނާ މަސް މަހާ މެހީގެ ހުރިހާ ސާމާނެއް ވެސް ހިމެނޭ ކަން ސައީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ޖެހެނީ ޕްރޯންސް އެއްޗެހި ދިވެހިރާއްޖެއަށް މިދެންނެވި 296 ބާވަތުގެ ތެރޭގައި ހިމެނޭ އެއްޗެހި ރާއްޖެ ގެންނަން. ގެނެސްގެން ރާއްޖޭގައި ގާތްގަޑަކަށް 25-30 ޕަސެންޓުގެ ވެލިއު އެޑިޝަނަކަށް ފަހު ކުޑަ މަސައްކަތެއް ކޮށްލައިގެން ޕެކް ކޮށްފައި ރީ ޕްރޮޑަކްޓެއްގެ ގޮތުގައި މި ޖެހެނީ އެކްސްޕޯޓް ކުރަން. އެ ފުރުސަތު އޮންނާނީ ހޯދާފައި،" 'ސަން' އަށް ދިން އިންޓަވިއުއެއްގައި ސައީދު ވިދާޅުވި އެވެ.

ސުން ޕަސެންޓް ޑިއުޓީގައި ޗައިނާއަށް ސީފުޑް ރީ އެކްސްޕޯޓް ކުރުމަކީ އާދަޔާ ހިލާފް ފައިދާއެއް ލިބޭނެ ކަމެއް ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހަމަ އެގޮތަށް ހޮންކޮންގްއާ އެކުގައި ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް މިދިޔަ ސަރުކާރުގައި އައިސްފައިވާނެ ކަމަށެވެ. ސޮއި ކޮށްލުމާ އެކު އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަންވީ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރީ ޕެކްކޮށް ރީ އެކްސްޕޯޓް ކުރުމަކީ މިނިވަން ވިޔަފާރިއަށް އެނބުރުމަކީ ދިވެހިރާއްޖޭގެ އިގްތިސޯދީ މުސްތަގްބަލްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލަން ނިންމާފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅު ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ އެއްބަސްވުން މިހާރު ވުޖޫދުގައި ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

comment ކޮމެންޓް