ކޮވިޑް19: ޑްރަގު އެޑިކްޓުންގެ ހާލަތު ދަށްވެދާނެ ކަމުގެ ބިރު ހީވެއްޖެ

ޑިސެމްބަރު، 19، 2019: ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ: ޑްރަގު އެޑިކްޓުންގެ ހާލަތު ދައްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި -- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑް19އާއެކު އަޅާފައިވާ ފިޔަވަޅުތަކުން މަސްތުވާތަކެތި ލިބުން ދަތިވުމުންގެ ސަބަބުން ޑްރަގު އެޑިކުޓުން ނުވަތަ މަސްތުވާކެއްޗަށް ދެވިހިފައިވާ މީހުންގެ ހާލަތު ދަށްވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން އިއްޔެ ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.

އޮންލައިންކޮށް ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން އަބްދުލް ހަމީދު ވިދާޅުވީ، މި ހާލަތުގައި ނުރައްކާ ކުރިމަތިވެދާނެ އެއް ބަޔަކީ މަސްތުވާތަކެތި ބޭނުން ކުރާ މިހުން ކަމަށެވެ. އެގޮތުން އެމީހުންނަށް ބޭނުންވާ މަސްތުވާތަކެތި ނުލިބުމުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިދުވަސްވަރަކީ ދަތުރުފަތުރުގެ ރެސްޓްރިކްޝަންތައް އޮތުމާ ގުޅިގެން ސަޕްލައިގެ ދަތިތަކަމެއް ހަމަގައިމުވެސް އުޅޭނެ. އުޅުނީމަ އެބަފެނޭ، މާލޭ މަގުތަމަތިން ވަރަށް ގިނަ ހާލުގައި އުޅޭ ނުވަތަ ހާލުގައި ޖެހިދާނެ ފަދަ ވަރަށް ގިނަ ޔަންގް ޕީޕަލް ހޫ ޔޫސް ޑްރަގްސް [މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުން]،" އޭނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެފަދަ މީހުންނަށް ކޮންމެވެސް ކަހަލަ ފަރުވާއެއް ދިނުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެފަދަ މީހުން ވަރަށް ބޮޑަށް ބަލިވާނެ ކަމަށެވެ.

"އެމީހުންނަށް އޮލްޓަނޭޓިވް ޓްރީޓްމަންޓް ނުވަތަ އެލްޓަނޭޓިވް އެކްސެސް ޓު ސާވިސް ލިބެންޖެހޭ. އެއީ ކޮމިިއުނިޓީ ލެވެލްގައި ކޮންމެވެސް ކަމަކާއި ފެސިލިޓީ ބޭސްކޮށް ކޮންމެވެސް ކަމެއް، ދެކަން އެއްވެގެން އެމީހުންނަށް ލިބެން ޖެހޭ. އެހެން ނޫންނަމަ، އެމީހުން ބަލިވެއްޖެނަމަ ވަރަށް ބޮޑަށް ބަލިވާނެ،" ހަމީދު ވިދާޅުވިއެވެ.

ކޮރޯނާވައިރަސްއާއެކު ދަތުރުފަތުރަށް ހުރި ގޮންޖެހުމުން މަސްތުވާތަކެތީގެ އެތެރެކުރުމަށް ދަތިތަކެއް އަންނާނެ ކަމަށް ހަމީދު ވިދާޅުވިއިރު، މިދިޔަ މަހު 26 ވަނަ ދުވަހު ފުލުހުން ވަނީ ރާއްޖެ އެތެރި ކުރި 61 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ނުވަ ދުވަސް މަތިން ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހޯދި މަސްތުވާތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރު މިހާތަނަަށް މަސްތުވާތަކެތީގެ 445 މައްސަލައެއް އެ މުއްސަސައަށް ވަނީ ހުށަހެޅިފައެވެ. މިމަހު މިހާތަނަށް 46 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

comment ކޮމެންޓް