ބޮޑުކަންނެލީގެ މަސްވެރިކަމުގެ ލޯނުން 20 މިލިއަން ރުފިޔާ ދޫކޮށްފި

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށް ހުޅުވާލި ލޯނު ފެސިލިޓީގެ ދަށުން ލޯނުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޒަހާ ވިދާޅުވީ 100 މިލިއަން ރުފިޔާގެ އެ ލޯނު ފެސިލިޓީގެ ދަށުން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ ހަތަރު ކުންފުންޏަކަށް ކަމަށެވެ.

"މި ފެސިލިޓީ މެދުވެރިކޮށް އެޕްލައިކޮށްފައިވާ ފަރާތްތަކަށް މި ދަނީ ލޯނު ދޫކުރަމުން. މިހާރު 20 މިލިއަން ރުފިޔާގެ ފައިސާ ދޫކުރެވިއްޖެ، ހަތަރު ކުންފުންޏަކަށް. ފައިސާ ކޮންމެ 10 ދުވަހަކުން ދޫކުރަމުން މިދަނީ. އެއީ އެ ކުންފުންޏަކުން ގަންނަ އަދަދަކަށް ބަލާފައި." މިނިސްޓަރު ވިދާޅުވި އެވެ.

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ލޯނު ފެސިލިޓީ ހުޅުވާލީ މަސްވެރިން ބާނާ މަސް އެއްވެސް ކުންފުންޏަކުން ގަނެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، މަސްވެރިން ފިޝަރީޒް މިނިސްޓްރީއާ ބައްދަލު ކުރުމުންނެވެ.

"މި ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިގެން މި ލޯނު ފެސިލިޓީ ހަމަޖައްސައިދިނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ދަށްވެގެން 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ހުރިހާ މަސްވެރިންވެސް އެއްބަސްވި ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ލޯނު ފެސިލިޓީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނުތަކަށް ވެސް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް