ރާޖަމޯލީގެ "އާރްއާރްއާރް" އަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ނޫން

ފިލްމުން ފެނިގެންދާ ލީޑު ތަރިން---

އަންނަ އަހަރު ސިނަމާތަކަށް ގެނެސްދިނުމަށް ތާވަލްކޮށްފައިވާ ފިލްމު "އާރްއާރްއާރް" އަކީ ތިނެސްކަން ލޯބީގެ ވާހަކައެއް ނޫންކަމަށް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނެފިއެވެ.

މި ފިލްމުގެ އަންހެން ލީޑު އާލިއާ ބަޓް ގެ ރޯލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރާޖަމޯލީ ބުނީ ފިލްމުގެ އެކްޓަރަކާ އާލިއާގެ ކެރެކްޓާއާ ލޯބީގެ ގުޅުމެއްވެސް ނޯންނާނެކަމަށެވެ. އޭނާ ބުނީ މި ފިލްމުގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުން ކަމަށެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ނިންމީ މި އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް މި ފިލްމު އެޅުވުން އަންނަ އަހަރަށް ވަނީ ފަސްކޮށްފައެވެ. އެ ފިލްމު ތެލުގޫ، ތަމިލް، ހިންދީ، މަލަޔާލަމް އަދި އިތުރު ބަސްތަކުން ވެސް ޑަބް ކުރާނެ އެވެ.

comment ކޮމެންޓް