ކޮވިޑް19: ހުޅުމާލޭގައި ބިދޭސީންނަށް ހަދާ މަރުކަޒު ނައިބު ރައީސް ބައްލަވާލައްވައިފި

ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ގާއިމުކުރާ މަރުކަޒު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލެއްވުން -- ފޮޓޯ/މާލެ ސިޓީ ކައުންސިލް

ކޮވިޑް19 އާ ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ހާލަތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ފިޔަވަޅެއްގެ ގޮތުން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބޭތިއްބުމަށް ހުޅުމާލޭގައި ގާއިމުކުރާ މަރުކަޒު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް އެތަން ބައްލަވާލެއްވީ މިއަދު މެންދުރު ފަހު ހުޅުމާލެއަށް ވަޑައިގެންނެވެ. ނައިބުރައީސް އެ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

ނައިބު ރައީސް މިއަދު ބައްލަވާލައްވާފައި ވަނީ ހުޅުމާލޭގައި ގާއިމުކުރާ 800 މީހުންގެ ޖާގައިގެ މަރުކަޒެވެ.

އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް ގުޅިގެން މާލެ ސަރަހައްދުގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ހާއްސަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އުފައްދާފައިވާ ރެޕިޑް ރެސްޕޮންސު ސެންޓަރާ ގުޅިގެން އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އިމިގްރޭޝަނުންނެވެ.

އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން މާލޭ ސިޓީ ކައުންސިލުންވެސް މި މަސައްކަތުގައި ހަރަކާތްތެރިވެއެވެ.

ފެސިލިޓީގައި ތިބޭ ބިދޭސީންގެ ކެއުމާއި ވެލްބީންގެ ކަންތައްތައް ބަލަހައްޓާނީ އެޗްޑީސީއިން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން އެ ފެސިލިޓީއަށް ގެންދާނެ ކަމަށެވެ. އަދި އެމީހުންނަށް އިކޮނޮމިކް މިިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވެ ގާނޫނުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ބިދޭސީން އެ ފެސިލިޓީއަށް ބަދަލުކުރި ނަމަވެސް އެ ފަރާތްތަކުން ވަޒީފާއަށް ގޮސް އުޅުމަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އެ ފަރާތްތަކުން ފެސިލިޓީއަށް ވަދެ ނިކުތުމަށް ހާއްސަ ފާހެއް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ފަރާތްތަކުން ފެސިލިޓީތަކުގައި ތިބޭނެ ވަކި މުއްދަތެއް އަދި ނޭނގޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ގްރޭޓާ މާލޭގައި ސާވޭކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި ހާލަތުތައް ދެނެގަނެ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް