ޑާކްރެއިންގެ ފުރަތަމަ ވެބް ސީރީޒް އަކީ "ފައްކަލޭ"

ފައްކަލޭ ގެ ޕޯސްޓަރެއް---

ދިވެހި ފިލްމު ކުންފުނި ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ފުރަތަމަ ވެބް ސީރީޒް "ފައްކަލޭ"ގެ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

އެ ވެބް ސީރީޒް އަކީ ޑާކްރެއިން އިން ގެނެސްދިން ވަރުގަދަ ފިލްމު "މާމުއި"ގެ ޕްރީކުއަލްއެވެ. ފައްކަލޭގެ މައިގަނޑު ކެރެކްޓާތަކަކީ އަހުމަދު ސުނީ (ރީތި އިއްސެ) އާއި އަބްދުﷲ ޝާފިއު (ހައްޕު)ގެ ކެރެކްޓާ އެވެ.

އޭގެ އިތުރުން މި ސީރީޒްގައި މަރިއްޔާ (ރޮމާނީ)ގެ ބައެއް ވެސް ހިމެނޭނެއެވެ. އެ ތަރިންގެ އިތުރުން ވެސް މާމުއި ގައި ހަރަކާތްތެރިވި މުހިންމު ކެރެކްޓާތަކެއް މި ސީރީޒްއިން ފެނިގެންދާނެއެވެ.

ޑާކްރެއިންގެ ވެބް ސީރީޒް "ފައްކަލޭ"ގެ ސްކްރީންޕްލޭ ލިޔަނީ "މާމުއި" ގެ ސްކްރީންޕްލޭގައި ވެސް ހިއްސާވި އަހުމަދު ތޮލާލެވެ. އަދި ސީރީޒްގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދުއެވެ.

ފައްކަލޭގެ މާގިނަ ތަފްސީލެއް އަދި ހާމަކޮށްފައިނުވި ނަމަވެސް މޮގާ ބުނީ މި ވެބް ސީރީޒް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ދެން އެންމެ އަވަހަށް ގެނެސްދޭނީ ފިލްމު "ނޮވެމްބަރު"އެވެ. އެއީ މިއަހަރު ސިނަމާތަކަށް ގެނެސްދޭން ތާވަލްކޮށްފައިވާ ފިލްމެކެވެ. އެ ޓީމުގެ ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. ދާދިފަހުން ޑާކްރެއިނުން ވަނީ ވަރުގަދަ ޕްރޮޖެކްޓެއް އިއުލާންކޮށްފައެވެ. އެއީ ރެހެންދި ހަދީޖާއެވެ. ޑާކްރެއިންގެ ކުރިއަށް ހުރި މަސަކްތައްތަކުގެ ތެރޭގައި "ބަޅިނދު" އާއި "ބައިސާ" އާއި "ކައިވެނީގެ އަމާޒު" ހިމެނެއެވެ.

comment ކޮމެންޓް