ބޭނުމީ ދުރު ރާސްތާގައި އިމްޕޯޓް ވަރަށް ބޮޑަށް ދަށްކުރަން: ފައްޔާޒް

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ބޭނުންވަނީ ދުރު ރާސްތާގައި ރާއްޖެއަށް އިމްޕޯޓްކުރުާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމަތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް މިހާރު 17 ބާވަތެއް ފާހަގަކޮށްފައިވާ ކަމަށެވެ.

"އެއީ ދިވެހި ރާއްޖޭގައި އެބާވަތްތައް އުފައްދައިގެން މިހާރު އެ ރާއްޖެއަށް އިމްޕޯޓްކުރާ އަދަދުތައް ކާމިޔާބުކަމާއެކު ކުޑަކުރެވިދާނެ އަދަދުތައް އަޅުގަނޑުމުންގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ 17 ބާވަތް މިހާރު އިމްޕޯޓްކުރާ އެ އަދަދުގެ 50 ޕަސެންޓާ ހަމައަށް އަޅުގަނޑުމެން އުފެއްދުންތެރިކަން އިތުރުކުރުން. އަދި ހަމަ އެ އަދަދު ކުރިއަށް އޮތް ދުވަސްތައް އިތުރުކުރުން " މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެކަން ކުރުމަށް މިހާރު 44 ރަށެއް ކަނޑައަޅާފައިވާ ކަމަށާއި އަދި އެ 44 ރަށް ކަނޑާއަޅާފައިވަނީ ވެސް އާންމުގޮތެއްގައި ވެސް ދަނޑުވެރިކަމުގެ އިގްތިސާދެއް އޮންނަ ރަށްރަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށްތަކުގައި ވަކި ކޯޓެއްގެ ދަށުން، 17 އައިޓަމް ހެއްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކައުންސިލްތަކާ ގުޅިގެން އަޅުގަނޑުމެން އެ ރަށްރަށުގެ ދަނޑުވެރިންނާ އެއްކޮށް ކޮންޓްރެކްޓް ފާމެއް ހަދާނަން އަޅުގަނޑުމެން އަޅުގަނޑުމެންގެ ސްޓޭންޑަޑާ އެއްގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ގެންގުޅުއްވާ ޖެނެރަލް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް އެ ގައިޑްލައިންތެރޭގައި ދަނޑުވެރިކަން ކޮށްގެން ނެރޭ ތަކެތި އަޅުގަނޑުމެން ގަންނާނީ. އަދި ހަމަ އެއަށް ބޭނުންވާ ތަމްރީންތައް އަޅުގަނޑުމެން ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއޯޔޫއެއްގެ ސޮއިކުރެވޭ އިރު، ރަށްރަށުގެ ދަނޑުވެރިން ހައްދާ ތަކެތި ވަކި އަގެއްގައި ގަތުމަށް ވަކި ކޯޓާއެއް ދޭނެ ކަމަށެވެ. އެ ހައްދާ ބާވަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ރިސޯޓްތަކަށްވެސް ފޯރުކޮށްދޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ދެން މީގެ އިތުރުން ދަނޑުވެރިންނަށް ބޭނުންވާ ޓެކްނިކަލް ނޯހައުގެ އިތުރުން ފާޓިލައިޒާއާއ ސީޑްސްި އަދި އާ ޓެކްނޮލޮޖީތައް ތައާރަފްކުރުމަށް ބޭނުންވާ އެހީތެރިކަން އެއަށް ބޭނުންވާ ސާމާނު.އަދި ފައިސާގެ ލޯންގެ ފަދަ ކަންތައްތައް ހަމަޖައްސަދޭނަން. އެއީ މައިގަނޑު ގޮތެއްގައި މޮޑެލް ކުރިއަށްދާނެ ގޮތަކީ. ދެން އެ ރަށްރަށުން އަޅުގަނޑުމެން އެ ކަލެކްޓްކުރާނީ . ކަލެކްޓްކޮށްގެން ރީޖަނަލް ޑިސްޓްރިބިއުޝަނަށް ގެންގޮސްގެން." ފައްޔާޒް ވިދާޅުވި އެވެ.

އިގްތިސޯދު ފުޅާކުރުމުގެ ގޮތުން ދަނޑުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވެސް ކަމެކެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން ކުރެވިދާނެގޮތާ ބެހޭގޮތުން މަޝްވަރާކުރަމުންދާތާ ހަ މަސް ވެދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުވެރިކަމާ ގުޅޭގޮތުން މިއަހަރު ފަހު ކޮޅު ފަށަން އޮތް ޕްރޮގްރާމް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އަވަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް