ކޮރޯނާވައިރަސް: ގޫގުލްއާއި އެޕަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން އެޕެއް ހަދަނީ

ވާދަވެރިކަން ބޮޑު ޓެކްނޮލޮޖީ ޖަޔަންޓުން ކަމަށްވާ، ގޫގުލް އާއި އެޕަލް ކުންފުނި ގުޅިގެން މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޓްރޭސް ކުރެވޭނެ ފަދަ އެޕްލިކޭޝަނެއް ހެދުމަށް ނިންމައިފި އެވެ.

ޒަމާނުއްސުރެ ވާދަވެރި ދެ ކުންފުނި ގުޅިގެން މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށާއި ބަލި ޖެހުނު މީހުންނާއި ކޮންޓެކްޓްވި މީހުން ދެނަގަތުމަށް ފަސޭހަތަކެއް ހޯދުމަށް މަސައްކަތް ވަނީ މިހާރު ފަށައިފަ އެވެ. އެގޮތުން އައިފޯންތަކާއި އެންޑްރޮއިޑް ފޯނުތަކަށް ހާއްސަ "ކޮންޓެކްޓް ޓްރޭސިންގް" އެޕްލިކޭޝަނެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެޕްލިކޭޝަނަކީ ބްލޫޓޫތް މެދުވެރިކޮށް މަސައްކަތް ކުރާ އެޕްލިކޭޝަނަކަށް ވެގެންދާއިރު މުޅި ދުވަހު މީހާއާއި ކައިރިވި މީހުންގެ އަދަދާއި، ކައިރިވީ ކޮންބައެއްކަން މި އެޕްލިކޭޝަން މެދުވެރިކޮށް ދެނަގަނެވޭނެ އެވެ. އެހެން ކަމުން ކޮރޯނާވައިރަސް ޖެހިފައިވާ މީހެއްކަން ފަހުން އިނގޭ ހިސާބުން ކޮންޓެކްޓީ ކޮންބައެއްކަން ހޯދި، އެފަރާތްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަސޭހަވެގެންދާނެ އެވެ.

މި އީޖާދާ އެކު ސަރުކާރުތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި ލޮކް ޑައުން ކޮށްފައިވާ ގައުމުތަކާއި ސަރަހައްދުތައް އަވަހަށް ހުޅުވިގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި ބަލި ޖެހިފައިވާ މީހެއްކަން ދެނަގަނެވޭ ހިސާބުން ކޮންޓެކްޓްވި އެންމެންނަށް އެލާޓް ފޮނުވޭ އިރު އެ ފަރާތްތަކަށް އިތުރު ބަޔަކާ ކޮންޓެކްޓް ވުމުގެ ކުރިން އަމިއްލައަށް އައިސޮލޭޓް ވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ދުނިޔޭގައި މިހާރު ވެސް ބައެއް ގައުމުތަކުގައި ދަނީ ކޮންޓެކްޓް ޓްރޭސިންގް އެޕްލިކޭޝަންތައް ބޭނުން ކުރަމުންނެވެ. އެގޮތުން ޗައިނާއާއި ސިންގަޕޫރުގައި މިހާރު އެޕްލިކޭޝަން ބޭނުން ކޮށްގެން ޓްރޭސް ކުރަމުންދާއިރު ޔޫރޮޕުގެ ބައެއް ގައުމުތަކުން ވެސް އެފަދަ އެޕްލިކޭޝަނެއް ޑިވެލަޕް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.

އެގޮތުން ޗެކް ރިޕަބްލިކުން މި މަހުގެ ތެރޭގައި އެޕްލިކޭޝަން ލޯންކް ކުރާނެ ކަމަށް ބުނެފައިވާ އިރު އިނގިރޭސިވިލާލުންނާއި ޖަރުމަނުން ވެސް ކައިރި މުސްތަގުބަލެއްގައި ޓްރޭސިންގް އެޕްލިކޭޝަނެއް ރިލީޒް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް މި އެޕްލިކޭޝަންތަކުގެ ސަބަބުން މީހުންގެ ޕްރައިވެސީއަށް އަސަރުކޮށް ސަރުކާރުން މީހުންނަށް ފާރަލާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފަ އެވެ. އަދި އެކަންކަމުގެ ސަބަބުން އެޕްލިކޭޝަން ބޭނުންކުރާ މީހުން މަދުވުމުން ހަގީގީ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭނެ ކަމަށް އެއްބަޔަކަު ވަނީ ބުނެފަ އެވެ.

ސިންގަޕޫރުގައި މިހާރު ޓްރޭސިންގް އެޕްލިކޭޝަން ބޭނުން ކުރަނީ އެގައުމުގެ 12 އިންސައްތަ މީހުންނެވެ.

comment ކޮމެންޓް