ރިސޯޓު ބިދޭސީންގެ ވަޒީފާ ގެއްލި، މާލެ ތެރޭ ގިނަވެއްޖެ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީ، ފޮނުވާލުމުން މާލެތެރޭ ބިދޭސީން ގިނަވެ، "ސަލާން" ޖެހުން ގިނަވެއްޖެ އެވެ.

ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ 14 ދުވަސް ވުމުން ބައެއް ރިސޯޓުތަކުގައި ތިބި މުވައްޒަފުން ދަނީ ރިސޯޓުން ފައިބަމުންނެވެ. އޭގެ ތެރޭގައި ބިދޭސީ މުވައްޒަފުން ވެސް ހިމެނެ އެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިވަޅުތަކުގެ ތެރެއިން އެޗްޕީއޭއިން ވަނީ މިދިޔަ މަހު 27 އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފަ އެވެ. އެއާއެކު، ބައެއް ރިސޯޓުތަކުގެ އެޕަރޭޝަންތައް ހުއްޓި ބައެއް ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ދަނީ މުވައްޒަފުން މަދުކުރުމަށާއި އެތަންތަނުގެ މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ހަދަން ފަށާފަ އެވެ.

މީގެ ކުރިން ރިސޯޓުތަކުން ފޭބުން މަނާކޮށްފައިވާއިރު، މިހާރު 14 ދުވަސްވުމުން އެތަންތަނުގައި ތިބި މުވައްޒަފުން ވަނީ ރިސޯޓުތަކުން ފާބައިން ފަށާފަ އެވެ. އެއާއެކު މާލެ ކައިރީ ރިސޯޓުތަކުުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ދަނީ މާލެ އަށް ޖަމާވަމުންނެވެ.

"ސަން"އާ ވާހަކަ ދެއްކި މާލޭގައި ކަންމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ، ރިސޯޓުތަކުން ވަޒީފާ ގެއްލުނު ބިދޭސީން ވަޒީފާއަކަށް އެދި އާދޭސް ކުރަމުން އަންނަ ކަމަށެވެ.

"ފިހާރައަށް އައިސް ބުނީ، ދެމަހުގެ މުސާރަ ނުލިބޭ ކަމަށް އަދިވެސް. އަނބުރާ ރިސޯޓުން ވަޒީފާ ދޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތް ކަމަށް. ދެން އެދުނީ ފިހާރައިން ވަޒީފާއެއް ދިނުމަށް. ކޮންމެ ކަހަލަ މަސައްކަތެއްވެސް ކުރެވޭނެ ކަމަށް ބުނެ އާދޭސް ކުރި،" މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ވެރިއަކުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއަދާ އިއްޔެ އެފިހާރަށް އެގޮތަށް ހަތް ބިދޭސީން އައި ކަމަށެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި، އެ ބިދޭސީންގެ ވާހަކަތަކުން އެނގުނީ އެމީހުންނަށް މާލޭގައި ނިދާނެ ތަނެއްވެސް ކާނެ ގޮތެއްވެސް ނެތް ކަމެވެ. އަދި ބައެއް ބިދޭސީން ފިހާރަތަކަށް ގޮސް ވަޒީފާ ދެވެން ނެތް ނަމަ ފައިސާއަށް ވެސް ކިޔަމުންދާ ކަމަށް އޭނާ ބުންޏެވެ.

"މިއަދު އައި ބިދޭސީއަކު ބުނީ ނިދާނެ ގޮތެއްވެސް ނެތް ކަމަށް. ކާނެ އެއްޗެއްވެސް ނެތް ކަމަށް. އޭނާ އެދުނީ 20 ރުފިޔާ ނަމަވެސް ދޭން،" ވިޔަފާރިވެރިޔާ ބުންޏެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މިދިޔަ މަހު 21 ވަނަ ދުވަހު ސަރުކާރުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، ސަރުކާރުގެ ހަރަދުގައި އެ ފަރާތްތަކުންގެ ގައުމުތަކަށް ފޮނުވައިދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެންމެ ފަހުން އިއުލާން ކުރި ތަފާސްހިސާބުތަކުން 300 އެއްހާ ބިދޭސީން އެކަމަށް އެދިފައިވާ ކަމަށް ސަރުކާުރުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ. މިނިސްޓަރު ޝާހިދު ވަނީ އެކަމުގައި އެގައުމުގެ ސަރުކާރުގެ އެހީއަށް ވެސް އެދިފަ އެވެ. އަދި ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން އެ މަޝްވަރާގައި މިނިސްޓަރު ފާހަގަ ކުރެެއްވި އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހި ދިރިއުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލު ކުރުމަށް މަސައްކަތް ސަރުކާރުން ކުރަން ވަނީ ނިންމައިފަ އެވެ.

ހިއުމަން ރައިޓްސް ވޮޗް އިންވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް-19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން، ގަވާއިދަށް ވަނުމަށް 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފަ އެވެ.

comment ކޮމެންޓް