މާފަރު އެއާޕޯޓު ރަންވޭ ބޮޑުކޮށްދޭނެ ބަޔަކު ހޯދަނީ

މާފަރު އެއާޕޯޓަށް ފްލައިޓެއް ޖައްސާފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މާފަރު އެއަރޕޯޓުގެ ރަންވޭ އެކްސްޓެންޝަންގެ މަސައްކަތް އީޕީސީ ޓަންކީ އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ ކޮލިފިކޭޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ބީލަމުގައި ބައިވެރިވުމަށް 500 ޑޮލަރުގެ ނަން ރިފަންޑަބްލް ރެޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހެއެވެ.

ފައިސާ ބަލައިގަންނާނީ 12 އޭޕްރީލް 2020 އިން 19 އޭޕްރީލް 2020 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް (ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަސްތަކުގައި ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:30އަށް) ފިނޭންސް މިނިސްޓްރީ އިންނެވެ.

ޕްރީ ކޮލިފިކޭޝަން އެޕްލިކޭޝަން ހުޅުވުން އޮންނާނީ 20 އޭޕްރީލް 2020 ވާ ހޯމަ ދުވަހުގެ 13:00ގައި ކަމަށް ފިނޭންސް އިން ބުންޏެވެ.

ނ. މާފަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހުޅުވީ މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހުއެވެ.

އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން އެދޭކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މާފަރު އެއާޕޯޓު ބޮޑުކުރުމަށް ބޭނުންވާ ފަންޑު ދޭން ޔޫއޭއީ ސަރުކާރުންވެސް ވަނީ މިހާރު ރުހުން ދީފަ އެވެ.

comment ކޮމެންޓް