ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށް ގޮވާލައިފި

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ އަވަސްކޮށްދިނުމަށް ޕީޕީއެެމްއިން ގޮވާލައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުޖެ ޖަލުގެ ހުކުމެއްގައި މިހާރު ހުންނެވި ރައީސް ޔާމީންއަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލަ އިސްތިއުނާފްކުރުމަށް އެދި ޔާމީން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވައިފަ އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ރައީސް ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައެއް ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުން ޕީޕީއެމް- ޕީއެންސީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ކޮވިޑް ފެތުރެމުންދާ މި ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ދަށު ކޯޓުތަކުގެ މައްސަލަތައްވެސް ވީޑިއޯ ކޮންފަރެންސްގެ އުސޫލުން ކުރިއަށް ގެންދެވޭއިރު ހައިކޯޓުގެ މައްސަލަތައްވެސް އެގޮތަށް ކުރިއަށް ގެންދެވެން ޖެހޭނެކަމަށް ގަބޫލް ކުރާ ކަމަށް ޕީީޕީއެމްއިން ބުންޏެވެ.

"އަދި އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ކަފާލާތުގެ ހައްގު ދެވިފައި ނުވަނީ ހައިކޯޓުގައި އިސްތިއުނާފްކުރެވިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްތަކެއް ނުވާތީކަމަށް ބުނެފަިއވާތީއާއެކު އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރެވިފައިވާ މައްސަލަ އަވަސްކޮށްދެއްވުން އެދި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރުމުގެ ބިރު އޮތީ ޖަލުގައި ކަމަށްވާތީ އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރު ދާދި ފަހުން ވަނީ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ގޮވާލާ ގޮވާލުންތަކަށް ބެލުމެއް ނެތި އަނިޔާވެރިކަން އިސްކުރަމުންދާތީ ހިތާމަކުރާކަމަށް ޕީޕީއެމްއިން ބުންޏެވެ.

"މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ކުރިއަށް ނެރުމުގެ ބަދަލުގައި އެއްބައިވަންތަކަމަށް އިސްކަން ދިނުމާއި އަދި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވާތީ އިންސާފުގެ ބޭރުން އަނިޔ ލިބެމުންދާ ހަމައެކަނި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީން އެތައް މިލިއަން ރުފިޔާ އިން ހިޔާނާތްތެރިވުމާއި މަނީލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވެސް މިހާރު ދަނީ ތަހުގީގްކުރަމުންނެވެ.

comment ކޮމެންޓް