ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ވަކި އުސޫލުތަކެއް އެކުލަވާލައި ކޯޓުތަކުން މަސައްކަތް ފަށަނީ

ޖޫން 20، 2019: ޖޭއެސްސީގެ ބައެއް މެމްބަރުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ކޯޓުތަކުން ޝަރީއަތް ކުރުމާ ގުޅޭ އުސޫލުތައް އެކުލަވާލައި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެންގުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، މިހާރު ކޯޓުތަކުގައި ޝަރީއަތްތައް އޮތީ މަޑުޖެހިފައެވެ. އެހެންނަމަވެސް، ބަންދު އަޑުއެހުންތައް ކުރިއަށްދެއެވެ.

އިއްޔެ އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކޯޓުތަކުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަކީ މުހިންމު ކަމެއް ކަމަށްވާތީ، ސުޕީރިއާ ކޯޓުތަކުންނާއި އިސްތިއުނާފީ މަރުހަލާގެ ކޯޓުތަކުން ޝަރީއަތް ހިނގާނެ ގޮތުގެ އުސޫލުތައް އެކުލަވާލައި ޝަރީއަތްތައް ކުރިއަށްގެންދިޔުމަށް ކޯޓުތަކަށް އެންގުމަށެވެ.

އަދި މެޖިސްޓްރޭޓު ކޯޓުތަކުން މި މުއްދަތުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނާ މަޝްވަރާކޮށްގެން އެކުލަވާލުމަށް ޑީޖޭއޭއަށް އެންގުމަށްވެސް ނިންމާފައިވެއެވެ.

އޭގެ އިތުރުން ޖޭއެސްސީއިން ވަނީ ކޯޓުތަކުން ކަނޑައަޅާ އުސޫލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް އިންތިޒާމުކޮށްދިނުމަށް ޑީޖޭއޭއަށް އެންގުމަށްވެސް ނިންމާފައިވެއެވެ. އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދިނުމަށް ޑީޖޭއޭއަށް އެންގުމަށް ނިންމިއެވެ.

ޝަރީއަތް ހިންގާނެ ގޮތުގެ އުސޫލެއް އެކުލަވާލަން އަންގަން ޖޭއެސްސީއިން ނިންމާފައިވާއިރު، ސުޕްރީމް ކޯޓުން އިއްޔެ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ބޭއްވުމާ ގުޅޭ ހާއްސަ ގަވައިދެއް އެކުލަވާލައި އާންމުކޮށްފައެވެ.

comment ކޮމެންޓް