ގާނޫނީ އޮޑިޓް ކުރުމުގެ ގަވައިދު އާންމުކޮށްފި

ބައިނަލްއަގުވާމީ އެކައުންޓިން ދުވަސް ފާހަގަކުރުމަށް އޮޑިޓް އޮފީހުން ބޭއްވި ރަސްމިއްޔާތުގެ ތެރއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގާނޫނީ އޮޑިޓް ކުރުމުގެ ގަވައިދު އެކުލަވަލާ އާންމުކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި ގަވައިދަކީ ރާއްޖޭގައި ގާނޫނީ އޮޑިޓްކުރުމުގެ މަސައްކަތުގައި ދިވެހިންނަށް ފަހި އަދި ބޭރުފަރާތްތަކާއިހަމަކުރެވޭނެ މަގު ތަނަވަސްކުރުމުގެ މާހައުލެއް ގާއިމްކޮށް ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ގަވައިދެއް ކަމަށެވެ.

މޯލްޑިވްސް އިންލަންޑް ރެވިއިނު އޮތޯރިޓީން އޮޑިޓަރުން އައްޔަނުކުރުމާއި އޮޑިޓަރުން ކެޓަގަރައިޒް ކުރުމުގެ މިންގަޑުތައް ކަނޑައެޅުން ހުއްޓާލުމާ ގުޅިގެން، މިހާރު މި މިންގަނޑުތައް ކަނޑައަޅައި، ގާނޫނީ އޮޑިޓްކުރުމަށް ޓަކައި އޮޑިޓް ފާމްތަކާއި ފަރުދީ ގޮތުން ގާނޫނީ އޮޑިޓްކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމުގެ އިތުރުން އޮޑިޓަރުންނާއި އޮޑިޓް ފާމްތައް "އޭ"، "ބީ" އަދި "ސީ" ކެޓަގަރީ ކުރުމުގެ މަސައްކަތް ކުރާނީ އޮޑިޓާ ޖެނެރަލްގެ އޮފީހުންނެވެ.

މި ގަވައިދުގެ ދަށުން އޮޑިޓް ލައިސަންސް ދޫކުރާ ފާމްތަކުގައި ޕާޓްނަރުންނާއި މުވައްޒަފުންގެ ވަކި އިންސަތައަކީ ދިވެހި ރައްޔިތުން ކަމުގައި ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. މިގޮތުން ދޫކުރާ "އޭ" ކެޓަގަރީގެ ފާމްތަކުގައި ލައިސަންސް ދޫކުރާތާ މަދުވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފާމެއްގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުންގެ ތެރެއިން 30 ޕަސެންޓަކީ ދިވެހިން ކަމުގައި ވާން ޖެހެއެވެ. އަދި މި ޕަސެންޓު ދެ އަހަރު ދުވަހުގެ ތެރޭގައި 50 އަށް އިތުރުކުރަންޖެހެ އެވެ. އަދި ކެޓަގަރީ "ބީ" އަދި "ސީ"ގެ ފާމްތަކުގައި މި އަދަދު 80 ޕަސެންޓަށް ހަމަވާން ޖެހެއެވެ. އަދި ކެޓަގަރީ "އޭ"ގެ ފާމްގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން އެއް ޕާޓްނަރަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައި ވާން ޖެހުމުގެ އިތުރުން ކެޓަގަރީ "ބީ" އަދި "ސީ" ގެ ފާމްތަކުގައި ހިމެނޭ ހުރިހާ ޕާރޓްނަރުންނަކީ ދިވެހި ރައްޔިތުން ކަމުގައިވާން ޖެހެއެވެ.

މިއީ އޮޑިޓް ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ރ) އާއި 9 ވަނަ މާއްދާގެ (މ) ގެ ދަށުން އޮޑިޓަރު ޖެނެރަލަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.

comment ކޮމެންޓް