ރެއާލުންވެސް މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ

ރެއާލް މެޑްރިޑް އާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ : އެމްއެސްއެން

ކޮވިޑް-19 އާ ގުޅިގެން ދިމާވެދާނެ މާލީ ދަތިކަމަށް ބަލައި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ކޯޗުންގެ މުސާރަ ކުޑަކުރުމަށް އެއްބަސްވެއްޖެއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ފުޓުބޯޅަ އެއްކޮށް މަޑުޖައްސާލާފައި އޮތުމުގެ ސަބަބުން ކްލަބުތަކުގެ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. އެއާ ގުޅިގެން މުވައްޒަފުންގެ ވަޒީފާ ގެއްލުމުން ސަލާމަތްކުރުމުގެ ގޮތުން ކްލަބުތަކުގެ ކުޅުންތެރިންގެ ބައެއް އުނިކޮށް އެ ފަރާތްތަކަށް ދިނުމަށް އެކި ކްލަބުތަކުން ވަނީ ފަށާފައެވެ.

ރެއާލްގެ ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ 10 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަދަދެއް ކުޑަކުރުމަށް އެ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.

ކްލަބުން ނެރުނު ބަޔާނެއްގައ ބުނެފައިވަނީ ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިން ސީދާ އުނިކުރާނެ އަދަދެއް އެނގޭނީ އެ ހާލަތަކަށް ރިއާޔަރްކުރުމަށް ފަހުގައި ކަމަށެވެ. އަދި 2019/2020 ސީޒަންއަށް ވާގޮތަކުންވެސް މުސާރައަށް ބަދަލު އަންނާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ވައިރަސްއާ ގުޅިގެން ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ ލީގުތައް ވަނީ މެދުކަނޑާލާފައެވެ. މީގެކުރީން ބައެއް ލީގުތައް މިމަހުގެ 30ގައި ފެށުމަށް ތާވަލުކޮށްފައިވިނަމަވެސް އެ މުބާރާތްތައްވެސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި ބައެއް މުބާރާތްތަކުގެ މިއަހަރުގެ ސީޒަން ކެންސަލުކޮށްލުމަށްވެސް ދަނީ ވާހަކަދެކެވެމުންނެވެ. މުބާރާތްތައް ކެންސަލު ކޮށްލާ ނުލާނަމަ އެ މުބާރާތްތައް ކުރިއަށް ގެންދާނެ އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް