ފުރިފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 33 މީހެއް އެކަހެރިކޮށްފި

ރ. މުރަވަންދޫގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓު: އެ ރިސޯޓު މުވައްޒަފެއް ރާއްޖެއިން ފުރިފަހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޯލްޑިވްސް

ރާއްޖެ ދޫކޮށް ދިޔަފަހުން ކޮރޯނާވައިރަހަށް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާއާ ރާއްޖެއިން ކޮންޓްކެޓްވި 33 މީހުން އެކަހެރި ކޮށްފައިވާ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ޖޯލި މޯލްޑިވްސްއިން ތަރައްގީ ކުރަމުން އަންނަ، ރ. ބޮޑުފުށި ރިސޯޓުގެ މަސައްކަތަށް ގެނައި ބިދޭސީ މުވައްޒަފެކެވެ.

"ތިރީސް ތިން މީހަކު މިހާތަނަށް ވަނީ ފާހަގަވެފައި އަދި އެ މީހުން ވަނީ އައިސޮލޭޓް ކުރެވިފައި. މީގެތެރޭގައި ހިމެނޭ ރިސޯޓުގެ ސްޓާފުންނާއި އެ މީހާ ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ކުރޫއިންނާއި އެއާޕޯޓްތަކުގެ ގުރައުންޑް ސްޓާފުންނާއި އަދި ފްލައިޓް ކުރޫއިން ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭގެ ތެރެއިން 21 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕޮޒިޓިވްވި މީހާއާ ކްލޯސް ކޮންޓްކެޓްވި މީހުން ހޯދައި ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަހެރިކުރެވޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ ބިދޭސީ މީހާ ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހާ ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޖޯލި މޯލްޑިވްސްގެ އޮފިޝަލަކު މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި ބިދޭސީ މީހާއަކީ، އެ ރިސޯޓުން ތަރައްގީ ކުރާ ބޮޑު ފުށި ރިސޯޓްގައި މަސައްކަތް ކުރަން ގެނައި ބިދޭސީއެއް ކަމަށެވެ. އަދި އޭނާ ފުރުމާ ހަމައަށް ވެސް އެ މީހާގެ ފަރާތުން އެއްވެސް ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ އަކީ ތުރުކީ ރައްޔިތެކެވެ. އަދި އޭނާ ކަރަންޓީނު ކުރީ ތުރުކީގަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޖޯލި މޯލްޑިވްސް މޮނިޓަރިންގެ ހާލަތަށް ގެނައީ، ޖޯލީގެ ބައެއް މުވައްޒަފުންތަކެއް، މިފަހުން ބޮޑުފުއްޓަށް ގޮސް އުޅެފައި ވާތީ ކަމަށެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް