ކޮވިޑް-19 ރިލީފް ލޯން: ކުދި ވިޔަފާރިތަކަށް 500،000 ރުފިޔާއާ ހަމައަށް

އެސްއެމްއީ ބޭންކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނެއް ތައާރަފު ކޮށްފިއެވެ.

އެސްޑީއެފްސީ އިން ބުނީ މި ލޯނަކީ މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައިދީ، އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން ތައާރަފު ކުރި ލޯނެއް ކަމަށެވެ. މި ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން ދައްކާ ގޮތަށެވެ.

ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާ ކަމަށާއި ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 20 ޕަސެންޓަށް ވުރެ އިތުރު ނުވާ ގޮތަށް މަހެއްގެ މައްޗަށް ޖެހޭ އަދަދުގެ ތިން ގުނަ ދޫކުރާނެ ކަމަށް އެސްޑީއެފްސީ އިން ބުންޏެވެ.

މި ލޯނުގެ ޝަތުރުގެ ތެރޭގައި ވިޔަފާރީގެ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އާމްދަނީ 10 މިލިއަނަށްވުރެ އިތުރު ނުވުމާއި މިހާރު ދިމާވެެފައިވާ ހާލަތާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގައިވެސް އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާ އިން ވަކި ނުކުރުން ހިމެނެއެވެ.

އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ނިންމާފައިވަނީ 18،000 ރުފިޔާއެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ވޭތުވެދިޔަ 12 މަސް ހުގެ ތެރެއިން ހަ މަސްދުވަހު މަސައްކަތްކޮށް އާމްދަނީ އެއް ލިބިފައިވާނަމަ އެވެ.

މި ލޯނު ހޯދުމަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ. މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ.

ކޮވިޑް 19 ހާލަތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައެޅި ރިލީފް ޕެކޭޖަށް އެދި ހުށަހަޅަންވެސް މިހަރު ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް