ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ވިލިވަރު ---

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓާއެކު ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވެ މިހާރު އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ވިލިވަރުގައި މުދާ އަޅާފައި ހުރި ކޮންޓެއިނާއެއްގައި ކަމަށާއި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 19:41 އެހައިކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ވިލިވަރު ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަންފެށީ މިދިޔަ މަހުގެ ތެރޭގައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 30 ކޮޓަރި ތަރައްގިކުރި އިރު އެކަމަށް 2.1 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. އިތުރަށް ބޭނުންވެއްޖެނަމަ ޖާގަ އިތުރުކޮށް ވޯޑާއި ޓެންޓު އިތުރު ކުރެވޭނެ އިންތިޒާމުވެސް އެރަށުގައި ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް