ފެބްރުއަރީ މަހު ގްރީން ފަންޑުން 25 މިލިއަން ހަރަދު ކުރި

ރާއްޖޭގެ ރިސޯޓެއް

މިއަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑުން 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ މިއަހަރުގެ ފެބްރުއަރީ މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން އެ ފަންޑުން ފައިސާ ހަރަދުކޮށްފައިވަނީ ކުނިމެނޭޖު ކުރުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކަށެވެ. އެގޮތުން 38 ޕްރޮޖެކްޓަކަށް މި މުއްދަތުގައި ގްރީންފަންޑުން ވަނީ ހަރަދު ކޮށްފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު ގްރީން ފަންޑަށް ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ. އެއީ ރިސޯޓު، ހޮޓާ އަދި ގެސްޓު ހައުސްތަކުން 74.8 މިލިއަން ރުފިޔާ އަދި ލިވަބޯޑު ތަކުން 2.2 މިލިއަން ރުފިޔާ އެވެ.

މި މުއްދަތުގައި ގްރީން ފަންޑަށް އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެއީ ޖުމްލަ 26.8 މިލިއަން ރުފިޔާއެވެ. ކ. އަތޮޅުގައި ހިންގާ ރިސޯޓުތަކުން ފަންޑަށް 25 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު ގެސްޓްހައުސް ތަކުން ވަނީ 1.1 މިލިއަން ރުފިޔާ ޖަމާކޮށްފައެވެ.

ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަމާކޮށްފައިވަނީ އދ. އަތޮޅުންނެވެ. އެ އަތޮޅުން 7.9 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާކޮށްފައިވާއިރު އއ. އަތޮޅުން 5.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

މި އަހަރު ފެށުނު އިރު ގްރީން ފަންޑުގައި 782 މިލިއަން ރުފިޔާ ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިދިޔަ ޖެނުއަރީ ނިމުނު އިރު ގްރީންފަންޑުގައި ހުރީ 866 މިލިއަން ރުފިޔާ އެވެ. ފެބްރުއަރީގެ ނިޔަލަށް މިއަދަދު ހުރީ 918 މިލިއަނުގައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާއިރު، ގްރީން ފަންޑަށް އޭގެ އަސަރު ކުރާނެއެވެ.

comment ކޮމެންޓް