އެމްއައިބީގެ ބޯޑަށް ޕެންޝަން އޮފީހުން ކުރިމަތިލާން އަލުން ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެމްއައިބީގެ މޭޖާ ޝެއާ ހޯލްޑަރަކަށް ޕެންޝަން އޮފީސް ވެގެން ދިޔައީ ޖުލައި 2019 ގައި އާންމުކޮށް ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ޕެންޝަން އޮފީހުން ބައިވެރިވުމުންނެވެ.

އެއާއެކު އެމްއައިބީގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ނޮމިނޭޓް ކުރުމުގެ ފުރުސަތު ޕެންޝަން އޮފީހަށް ވަނީ ލިބިފައެވެ.

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ޕެންޝަން އޮފީހުގެ ފަރާތުން ނޮމިނޭޓްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މާޗު 15 ވަނަ ދުވަހުއެވެ.

ނަމަވެސް އެ އިއުލާނަށް ވަރަށް މަދު އަދަދެއްގެ ބަޔަކު އިޖާބަދިނުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ އަޅުން ހުޅުވާލައިފައެވެ.

ޕެންޝަން އޮފީހުން ބުނީ އެ މަގާމަށް ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ، މަގާމުގެ ޓާމްސް އޮފް ރެފަރެންސްގައި ބަޔާން ކޮށްފައިވާ ތައުލީމީ ފެންވަރާއި، މަސްއޫލިއްޔަތުތަކާއި އަދި އެހެނިހެން ޝަރުތުތައް ފުރިހަމަވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.

އޭގެ އިތުރުން ޕެންޝަން އޮފީހުގެ "ނޮމިނީ ޑިރެކްޓަރ ޕޮލިސީ" ގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ވެސް ފުރިހަމަ ވާންޖެހޭނެއެވެ. އެ ޕޮލިސީ ޕެންޝަން އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ޖޮބް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، ހިމަނަން ޖެހޭ ލިޔެކިޔުންތަކާއެކު، 23 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، [email protected] އަށް އީމެއިލް ކުރަން ޖެހެއެވެ.

comment ކޮމެންޓް