ކޮވިޑް19: އެންމެ ދަށް ހާލަތުގައި ޖީޑީޕީ މައިނަސް 17.7އަށް!

ނޮވެމްބަރ 13، 2019: އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން މިއަހަރު އިތުރަށް ފަތުރުވެރިއަކު ނައިސްފިނަމަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މައިނަސް 17.7 ޕަސެންޓަށް ވެއްޓޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ލަފާކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ހާޝިމް ވަނީ ކޮވިޑް19ގެ ސަބަބުން އަތުވެދާނެ އެންމެ ގޯސް ދަނޑިވަޅުގައި ރާއްޖެއަށް ކޮށްފާނެ އަސަރުތަކާއި އެކަމުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ހުލާސާއެއް ދެއްވާފަ އެވެ.

އެންމެ ގޯސް ހާލަތުގައި މިއަހަރު ޖީޑީޕީ މައިނަސް 17.7 ޕަސެންޓަށް ދަށްވާނެ ކަމަށް ގަވަރުނަރު ލަފާކުރެއްވީ މީގެ ކުރިން ދުނިޔެއަށް ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއާއި ސުނާމީ ކާރިސާގައި ރާއްޖޭގެ ޖީޑީޕީ ދަށަށް ދިޔަ މިންވަރާ އަޅާކިޔުއްވުމަށްފަހުގަ އެވެ.

"ކޮމްޕެއާކުރީ ކުރީގެ ގްލޯބަލް ފައިނޭންޝަލް ކްރައިސިސްއާ ސުނާމީގައި މިންވަރުތަކާ. ސުނާމީގައި އެންމެ ބޮޑަށް އަސަރުކޮށްފައި އޮތީ. އެއީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ދިޔައީ. ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް. އެންމެ ގޯސް ސިނާރިއޯގައި 17.7 ޕަސެންޓު ދަށަށް ދާނެ ކަމަށް ބެލެވެނީ. އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ." ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެންމެ ގޯސް ހާލަތު ކަމަށް ލަފާކޮށްފައިވަނީ މިއަހަރު ފަތުރުވެރިން އެއްވެސް ވަރަކަށް ނާންނަ ނުވަތަ ވަރަށް މަދުން އަންނަ ހާލަތު ކަމަށެވެ.

"މި ސިނާރިއޯގައި ކުރަން ޖެހޭ ކަންތައްތަކަކީ މިއަށްވުރެ ބޮޑަށް ބޭރުގެ އެހީއަށް ބަރޯސާވެ، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން މަސައްކަތްކުރުން." ގަވަރުނަރު ވިދާޅުވި އެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ބޭރުގެ އެހީ ހޯދަން މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 50 މިލިއަން ޑޮލަރު ވަނީ ހޯދިފަ އެވެ.

ފައިސާ ހަމަޖައްސަން އެގްރިމަންޓްތަކުގައި ސޮއިކުރަން ޖެހޭއިރު، އޭގެ ތެރެއިން ބާކީ ހުރި ފައިސާ ހޯދުމުގައި ލަސްތަކެއް ދިމާވަމުންދަނީ ދަތުރުތައް މެދުކަނޑާލާފައި ހުރުމުން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ކޮވިޑް19އާ ގުޅިގެން މިއަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އެކަން ފޫބެއްދުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން 30 މިލިއަން ޑޮލަރު އަދި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)އިން 50 މިލިއަން ޑޮލަރާއި ވޯލްޑް ބޭންކުން އެހީ ހޯދުމަށް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

ސަރުކާރުން ގާއިމުކޮށްފައިވާ ކޮރޯނާ ވައިރަސް ފަންޑަށް ވޯލްޑް ބޭންކުން މިހާރު ވެސް 10 މިލިއަން ޑޮލަރު ޖަމާކޮށްދީފައިވާއިރު، އިންޑިއާއާއެކު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ހޯދުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް