މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ބިންތަކުން ލުއި ދެނީ

ސިޓީކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ކޮރޯނާވައިރަސް އާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ އަސަރުތަކާއެކު މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ބިންތަކުން ލުުއި ދޭނެ ކަމަށް ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މާރުކޭޓުގެ ގޮޅިތަކުގެ ކުލީގެ އަގަށް ލުއި ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ވަނީ އޮންލައިންކޮށް މާލެ ސިޓީކައުންސިލާ ބައްދަލުކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މޭޔަރު ޝީފާ ވިދާޅުވީ، މާރުކޭޓުތައް ހިމެނޭ ގޮތަށް ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކުގެ ކުލިން ލުޔެއް ދިނުމަށް ކައުންސިލްގެ ވިސްނުން އެބަހުރި ކަމަށާއި މިއަދު ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލުން ކުއްޔަށް ދީފައި ހުރި ބިންތަކަށް ދެވޭނެ ލުޔަކީ ކޮބާތޯ ބަލާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަން، ކައުންސިލަރުންގެ ވިސްނުންވެސް ހުންނާނެ ކޮންމެވެސް ޕަސަންޓޭޖެއް [މާރުކޭޓުގެ] ކުލިން އުނިކުރަން. ހަމައެންމެ ހަމައެކަނި މާރުކޭޓްތަކެއް ނޫން، ވަރަށް ގިނަ ފަރާތްތަކަށް ދެވިފައި ހުންނާނެ ސިޓީ ކައުންސިލް އެހިނިހެން ތަންތަންވެސް. އެހެންވީމަ މިހާލަތުގައި ހުރިހާ ވިޔަފާރިތަކަށްވެސް ސިޓީކައުންސިލުން ކުއްޔަށް ދީފައި ހުރި ތަންތަނުންވެސް ކުއްޔަށް ބަދަލު ގެނައުމަކީ މުހިންމު ކަމެއް،" މޭޔަރު ޝިފާ ވިދާޅުވިއެވެ.

މާރުކޭޓުތަކާ ގުޅޭގޮތުން ޝިފާ ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓު އިތުރަށް ތަރައްގީ ކުރެވި، މިހާރު ގޮޅިތައް ލިބުނު ފަރާތްތަކާ އެގްރިމަންޓު ހަދަމުންދާ ކަމަށެވެ. އެގޮތުން 116 ފަރާތަކާއެކު މިހާރު އެގްރިމަޓުތަކުގައި ސޮއި ކުރެވި އެ ފަރާތްތަކަށް ގޮޅިތަކަށް ވަދެ އެތަނުގައި ވިޔަފާރި ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"ދަތުރެވެރިންގެ މާރުކޭޓުން ގޮޅި ލިބުނު ފަރާތަތަކަށް މަދަމާވެސް ގޮޅިތަކަށް ވަދެ އެ މަސައްކަތް ފެށޭނެ.. ދަތުރުވެރިންގެ މާރުކޭޓު މި ފަށަނީ ކެމެރާ ސިސްޓަމްވެސް ލެވިގެން އަދި މުވަޒަފުންވެސް އިތުރުކޮށްގެން. އެތަނުގެ ގޮޅީގެ ކުއްޔަކީ [މަހަކަށް] 3،000 ރުފިޔާ. އެއީ ކުނިވެސް ނެގުމާއެކު،" ޝިފާ ވިދާޅުވިއެވެ.

ޝީފާ ވިދާޅުވީ، ކޮރޯނާވައިރަސްއާ ގުޅިގެން ކައުންސިލުން ނިންމާފައިވަނީ ލޯކަލް މާރުކޭޓަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ. އަދި އިތުރު އިއުލާނެއް ނުކޮށް، މިހާރުވެސް އެތަނުގެ ގޮޅިތައް ހިންގަމުންދާ ފަރާތްތަކަށް އެ ގޮޅިތައް ބޭނުން ކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"އެފަރާތަތަކަށް ހަގީގަތުގައި ދެން އިއުލާންކޮށްގެން ކަންކޮށްފިއްޔާ ގެއްލުމެއް ލިބިދާނެތީ، މިއޮށް ހުރިހާ ދިގު މުއްދަތުގައި އެ މަސައްކަތް ކުރަމުންދިޔަ ފަރާތްތަކަށް ރޯދައާއެކު ރޯދަ މަސް ނިމެންދެންވެސް، އެ މާރުކޭޓު ނަގަންދެންވެސް އެ ފަރާތްތަކަށް އެމަސައްކަތް ކުރެވޭނެ،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، ލޯކަލް މާރުކޭޓުން ގޮޅިއަކަށް ނަގަމުންދާ ކުލީގެ އަދަދަކީ، މަހަކަށް 2،000 ރުފިޔާ ކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ، މިފަހަރު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކޮށްފައިވަނީ، ހަރުދަނާ އުސޫލުތަކެއް ހެދި، އެ އުސޫލުތަކާ އެއްގޮތަައް ކަމަށެވެ. އަދި އުސޫލުތަކާ ހިލާފުވާނަމަ، އެ ގޮޅިއެއް އަތުވެލޭނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

"މިފަހަރު ހުރިހާ ބޭފުޅުންވެސް ގޮޅި ނަންގާފައި ވަނީ ތިމަންނަ ގޮޅީގައި ހުންނާނެ ކަމަށް ބުނެފައި. އަދި ބަދަލުގައި ހުންނާނީވެސް ދިވެއްސެއް ކަމަށް ބުނެފައި. އަޅުގަނޑުމެންގެ އުސޫލުތަކުގައި އޮންނާނެ ރެންޑަމްކޮށް ޗެކް ކުރާއިރު، ބިދޭސީއެއް ހުރި ނަމަ، ވަގުތުން ގޮޅި ނެގޭނެ،" ޝިފާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ކޮމިޓީ މެމްބަރުން ވަނީ، ކުއްޔަށް ރަނގަޅު ބަދަލެއް ދިނުމަށް އެދިފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް