މިސްކިތްތަކުން ފެން ކަނޑާލީ ވުޟޫކުރާ ތަނަށް ކުޑަކަމުގޮސް ނަޖިސްކުރާތީ: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު - ސަން ފޮޓޯ/ އަހްމަދު ސައީދު

މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކުރުމަށްފަހު ބައެއް މިސްކިތްތަކުން ފެން ކަނޑާލަން ޖެހުނީ، އެ މިސްކިތްތަކުގެ ވުޟޫކުރާ ބަޔަށް ކުޑަކަމުގޮސް، ނަޖިސްކުރަމުން ދާތީކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރިހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތް ހެދުން މަނާކުރިތާ ކުރީކޮޅު، އިސްލާމީ މަރުކަޒާއި ހުޅުމާލޭގެ ދެތިން މިސްކިތެއްގައި ވުޟޫ ކުރެވޭނެ އިންތިޒާމް ނުހުންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މިސްކިތްތަކުން އޭރު ފެން ކަނޑާލަން ޖެހުނީ، ވުޟޫކުރާ ބައި ނަޖިސް ކުރާތީ، އެކަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. ފެން ކަނޑާލީ ބެލެހެއްޓުން ދަތިވާ މިސްކިތްތަކުގައި އެކަނި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިސްކިތްތައް ހެދިފައި ހުންނަ ގޮތުން، އިސްލާމީ މަރުކަޒު ހާއްސަކޮށް ހެދިފައި ހުންނަ ގޮތުން، ވުޟޫ ކުރާ ބައި މި ހުންނަނީ އެތެރޭގައި. އެތެރެއަށް ހުންނަ އިރު، އިސްލާމީ މަރުކަޒުގެ ވުޟޫ ކުރާ ބަޔަށް މީހުން ވަދެ ކުޑަކަމުދިއުމުގެ ކަންކަން ކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ނޫރު މިސްކިތުގެ ވުޟޫ ކުރާ ބަޔަށް ކުޑަކަމުދިއުން ތަކުރާރުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒުގެ އެއް ފަޅީގައި ވުޟޫ ކުރެވޭނެ ގޮތް ހެދީ އެތަން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު ކަމަށެވެ.

"އެކަހަލަ މައްސަލަތައް ދިމާވާތީ ބައެއް މިސްކިތްތަކުން އަޅުގަނޑުމެން ފެން ކަނޑާލީ. ހުރިހާ މިސްކިތްތަކެއްގައި އަޅުގަނޑުމެން އެހެން ނުހަދަން،" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް މިސްކިތްތަކުން ފެން ކަނޑާލުމުގެ އިތުރުން، ބައެއް މިސްކިތްތައް ތަޅުލާފައި ހުރުމުގެ ޝަކުވާވެސް އޭރު ގިނަވެގެން ދިޔައެވެ. މިނިސްޓަރު ވިދާޅުވީ ބަންދުކުރީ ކާޕެޓު ބަދަލު ނުކުރެވޭ ގޮތަށް ހުރި މިސްކިތްތައް ކަމަށާއި، މިހާރު އެ މިސްކިތްތަކުގެ ކާޕެޓު މަތީގައި ތަރަފާލި އެޅުމަށްފަހު މިސްކިތްތައް ހުޅުވާފައިވާ ކަމަށެވެ.

ކޮވިޑް19 ގެ ބިރުވެރިކަމާއެކު މިސްކިތްތަކުގެ ކާޕެޓުތައް ވަނީ ނަގައިފައެވެ. އަދި އޭޕްރީލް 11 ވަނަ ދުވަހާ ހަމައަށް މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

comment ކޮމެންޓް