ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ބިދޭސީއަކަށް ހަމަލާދީފި

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ދަނޑިބުރިއަކުން ހަމަލާދީ، އޭނާގެ ވޮލެޓު ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަލާދީފައި ވަނީ އެރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށެވެ.

ބިދޭސީ މީހާއަށް ހަމަލާދީފައި ރޭ 10:30 ހާއިރު އޭނާ މަގުމަތިން ދަނިކޮށް، ސައިކަލެއްގައި އެމަގުން ދިޔަ ދެ މީހެކެވެ. އޮފިޝަލް ވިދާޅުވީ އެ ދެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ކަމަށެވެ.

އެ ދެ މީހުން ސައިކަލުގައި ގޮސް ބިދޭސީ މީހާގެ ގައިގައި ދަނޑިބުރިއަކުން ޖަހާ މާރާމާރީ ހިންގުމަށްފަހު ވޮލެޓު ވަނީ ފޭރިގަނެފަ އެވެ.

އެ މާރާމާރީގެ ސަބަބުން ބިދޭސީ މީހާގެ ވައަތު ބުމަ މަތިން އެއް އިންޗި ހުންނަ ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި ކަނައަތަށް ވެސް އަނިޔާ ލިބިފައިވާތީ އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް