بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

_________________

ފަތިސްނަމާދު ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު ނިދިފައި އޮތް ސާރާއަށް ހޭލެވުނެވެ. ރޭދަންވަރު ފިނިވެގެން އޭސީ ނިވާލާފައި ހުރިނަމަވެސް އެގަޑީގައި ކޮޓަރިތެރޭގައި އާދަޔާ ހިލާފް ތެތްފިނި ކަމެއް ރަސްކަން ކުރަމުން ދިޔައެވެ. ބޭނުންވަނީ އަދި ވެސް އެ އަރާމު ފިނީގެ ތެރޭގައި ރަޖާ އަޅާލައިގެން ނިދާލާށެވެ. އެހެންނަމަވެސް ނިންޖަށް ފުރަގަސް ދިނުމަށް ފަހު ސާރާ މޯޅިއަކަށް ދެމިލަމުން ތެދުވެ އެނދުމަތީގައި އިށީނީ ނިދުމަށްވުރެ ނަމާދުގެ ހެޔޮކަން ބޮޑުކަން ބަންގީގައި ގޮވާލުމާއެކުގަ އެވެ.

ސާރާ އެނދުން ތެދުވަމުން ގޮސް އަލަމާރި ކައިރިއަށް ހުއްޓިފައި ފުރަތަމަ ނެގީ ދިގު ކަޅު ހެދުމެކެވެ. އެ ހެދުމުގައި އޭނާ އާއްމުކޮށް އަޅާއުޅޭ ބުރުގާ ވެސް ހުއްޓެވެ. އެ ބުރުގާ ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑީގައި އަޅުވާލުމަށް ފަހު ފާހާނާއަށް ވަނެވެ. އަންހެނުން ނަމާދުކުރުން ހެޔޮ ކަން ބޮޑީ ގޭގައި ކަމަށް ވުމާއެކު އެންމެ ކުޑަ އިރުއްސުރެވެސް ސާރާ ނަމާދުކުރަމުން ދިޔައީ ގޭގައެވެ.

ފާހާނާއިން ނުކުތްއިރު ސާރާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ލައިގެން ހުރި ކަޅު ދޫ ހެދުމުގެ ސަބަބުން ގައިގެ ބައްޓަން އެއްވެސް ވަރަކަށް ނޭނގެ އެވެ. ގުދުރަތުން ސާރާއަށް ލިބިފައި ވަނީ ފަން އިސްތަށިގަނޑެކެވެ. އިސްތަށިގަނޑުގައި ހުޅިއެއްޖަހާ އައްސާލުމަށް ފަހު އަލަމާރި ހުޅުވާލި އެވެ. އަލަމާރީގެ އެއްފަރާތުގައި ރީތިކޮށް ފަތް ޖަހާލާފައި އޮތް މުސައްލަ ނަގައިގެން އައިސް އޭނާ މުސައްލަ ފަތުރާލިއެވެ. މުސައްލައިގެ އެތެރޭގައި އޮތް ދޮޅި ނަގާ އަޅާލަމުން އޭގެތެރޭގައި އޮތް އިސްޓާކީނަށް އަރައި ލިއެވެ.

ފަތިސްނަމާދުކޮށް ނިމިގެން މުސައްލަ މަތީގައި ސާރާ މަޑުކޮށްލީ ﷲއަށް ޒިކުރު ކޮށްލުމުގެ ބޭނުމުގައެވެ. އެއަށްފަހު ދެން ސާރާ ގަސްތުކުރީ ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާލާށެވެ. ޤުރުއާން ކިޔަވާނިންމާލަމުން ސާރާ މުސްޙަފް ލައްޕާލިއެވެ. މުސްޙަފް ގެންގޮސް ސާރާ ކިޔަވަން އިންނަ މޭޒުގެ އެއްފަރާތުގައި ރީތިކޮށް ބާއްވާލިއެވެ. އެއަށްފަހު އައިސް މުސައްލަ ނަގާ ނަމާދު ދޮޅިވެސް ބޭލިއެވެ. ދެން ހިނގައިގަތީ ކުޑަ ދޮރާ ދިމާލަށެވެ. ކުޑަ ދޮރު ހުޅުވާލުމާއެކު ބޭރުގައި ހުރި ފިނިގަނޑު އެއްވެސް ހުރަހެއްނެތި ކޮޓަރިތެރެއަށް ދެމިގަތެވެ. އެ ފިނިކަމުގެ ސަބަބުން ސާރާއަށް މޭގައި އަތް ހުރަސްކޮށްލެވުނެވެ. ކޮޓަރީގައި އުޅޭއިރު ސާރާ އާއްމުކޮށް އުޅެނީ ބުރުގާނާޅައެވެ. ކޮޓަރިން ބޭރަށް ނުކުންނަން ވެއްޖެނަމަ ފަސޭހައިން އަޅާލެވޭ ފަދަ ބުރުގާތަށް އޭނާގެ އަތުގައި ހުރެއެވެ. އޭނާގެ ކޮޓަރީގެ ކުޑަ ދޮރާ ދިމާގައި ކުރިމައްޗަށް ހުންނަ ގޭގެ ކޮޓަރީގެ ކުޑަ ދޮރު އިންނަމަވެސް އެގެއަކީ މީހުން އުޅޭ ގެއެއް ނޫނެވެ. ސާރާ މެންގެއެކޭ އެއްގޮތަށް އެ ކޮޓަރީގެ އެއްފަރާތުގައިވެސް އޮންނަނީ ޓެރެސްއެކެވެ. އާއްމުކޮށް ސާރާ އެ ދޮރު ހުޅުވައިގެން ބުރުގާ ނާޅާ އުޅެނީ އެގޭގައިވެސް މީހުން ނޫޅޭތީއާއިވެސް އެކުގައެވެ. އެގެއާއި ސާރާ މެންގެއާ ދެމެދު ވަނީ ހަނި ހަނި ގޯޅިއެކެވެ. ސާރާގެ ކޮޓަރީގެ ކުޑަ ދޮރާއި އެ ކޮޓަރީގެ ކުޑަދޮރާއި ދެމެދު ހުންނާނީ އެންމެ ގިނަ ވެގެން ވެސް ހަތް ފޫޓެވެ.

ސާރާއުޅޭ ކޮޓަރިއަކީ އެހާ ބޮޑުކޮޓަރިއެއް ނޫނެވެ. ކުޑަ ދޮރުގެ އެއްފަރާތުގައި އެނދު ބަހައްޓާފައި ހުރިއިރު އެނދުގެ އެއްފަރާތުގައި އޭނާ ކިޔަވަން އިންނަ މޭޒު ބަހައްޓާފައި ވާއިރު ޓެރެސްއަށް ވާގޮތަށް ހުޅުވާލެވޭ ކުޑަ ދޮރެއް އިނދެއެވެ. އެ ކުޑަ ދޮރުގެ އެއްފަރާތުގައި ކޮޓަރިން ޓެރެސްއަށް ނުކުމެވެން އިތުރު ބޮޑު ދޮރެއް އިނދެއެވެ. ދޮރު ހުންނަ ފާރާ ޖެހިގެން ހުންނަ ފާރާ ޖައްސާލައިގެން އަލަމާރިއެއް ބެހެއްޓިފައިވާއިރު އޭގެ އެއްފަރާތުގައި ޑްރެސިންޓޭބަލް ހުއްޓެވެ. ޑްރެސިން ޓޭބަލްގެ އިތުރުން ދެން ހުރި ދޮރު ނުކުމެވޭނީ ގޭތެރެއިން ޓެރެސްއަށް ނުކުމެވެން ހުންނަ ހަނި ގޯޅިތެރެއަށެވެ. ފަހަތު ފާރާ ޖައްސައިގެން ދެ ގޮނޑީގެ ސޯފާސެޓެއް ބެހެއްޓިފައިވާއިރުވެސް ކޮޓަރީގައި އިތުރު މޭޒަކާއި ގޮނޑި ބެހެއްޓޭހާ ޖާގަވެސް އޮވެއެވެ. އެހެންކަމުން އެއީ އެހާ ކުޑަ ކޮޓަރިއެކޭވެސް ނުބުނެވޭނެއެވެ.

އެންމެ ބިއްދޮށުގައި މީހުން އުޅޭ ގެއަކަށް ހުންނަނީވެސް ސާރާމެންގެއެވެ. އެގޭގައި ދިރިއުޅެނީ ސާރާއާއި އޭނާގެ މަންމައާއި ބައްޕައެވެ. ސާރާގެ އެއްބަނޑު އެއްބަފާ ބޭބެ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއެކު ދިރިއުޅެނީ މެލޭޝިއާގައެވެ. ސާރާއަކީ ދީނަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. މިހާރުވެސް ސާރާ ދަނީ ޕާކިސްތާނުގެ އިސްލާމީ ޔުނިވާރސިޓީއަކުން ކީރިތި ޤުރުއާނުގެ އިލްމު އިތުރަށް އުނގެނެމުންނެވެ. ކިޔަވަމުން ގޭގައި ކުދިންނަށް ޤުރުއާން ކިޔަވާދިނުމަކީ ސާރާ ކުރާހިތުން ކުރާ ކަމެކެވެ. ޔުނިވާރސިޓީގެ ފިލާވަޅުތައް މުތާލިއާ ކުރުމަށްފަހު ލިބޭ ހުސްވަގުތު ތަކުގައި އަމިއްލައަށް ޤުރުއާން ކިޔަވާ ތަރުޖަމާ އަދި ތަފްސީރު ހިމެނޭ އެކި އެކި ފޮތްތައް ކިޔުމަކީ ވެސް ސާރާ ވަރަށް ކުރާ ހިތުން ކުރާކަމެވެ.

މައިންބަފައިންނަށް އިޙްތިރާމް ކުރާ މަޑުމައިތިރި ކަމަށްލޯބިކުރާ ސާރާއަކީ ހީވާގި މުރާލި ކުއްޖެކެވެ. މަންމައާއި ބައްޕައަށް އިޙްތިރާމް ކުރާ އަބަދުވެސް އެ ދެމީހުންގެ ބަސްއަހާ ކުއްޖެކެވެ. ސާރާ ބުރުގާ އަޅާލައިގެން ކޮޓަރިން ނުކުތީ ހެނދުނުގެ ނާސްތާގެ ވަގުތުގައި މަންމައަށް އެހީތެރިވުމަށް ދިޔުމަށެވެ. ސާރާގެ ކޮޓަރި ހުންނަނީ އެންމެ މަތީގައެވެ. އެގެއަކީ ދެ ބުރިއަށް ނަގާފައި ހުންނަ ގެއެކެވެ. ސާރާގެ ކޮޓަރީގެ ދޮރާ ކުރިމައްޗަށް ވާގޮތަށް އިތުރު ކޮޓަރިއެއް ހުރި ނަމަވެސް އެ ކޮޓަރިއަކީ އެމީހުން ބޭނުން ކުރާ ކޮޓަރިއެއް ނޫނެވެ.

ސާރާ ސިޑިން ފޭބިއެވެ. ސިޑީގެ އެއްފަރާތުގައި ކައްކާ އަދި ކާ ބައި ހުންނަ އިރު އަނެއްފަރާތުގައި ސިޓިންރޫމެވެ.

"މަންމާ... ހާދަ މީރުވެސް ދުވައޭ" ސާރާ ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ. ސަލްމާ ހީލަމުން ސާރާއަށް ބަލާލިއެވެ.

"ދަރިފުޅު މިއަދު ޔުނިވާސިޓީއަށް ނުދާ ދުވަހަކީތަ؟" ސަލްމާ އަހާލިއެވެ.

"މިއަދު ބަންދޭ އަޅުގަނޑު ކުރިން ހަފްތާގަވެސް ބުނީމެއްނު" ސާރާ ބުނެލިއެވެ.

"މަންމަ ހަނދާން ނެތުނިއްޔޭ" ސަލްމާ ބުނެލިއެވެ.

"ސާރާ ދަރިފުޅާ ތަރުކާރީ ކޮޅުތައް ކޮށާލާފަ މަޑުކޮށްލަދީބަލަ... ރޭގަ މަންމަ ހަނދާންނެތިގެން ބައްޕަގެ ގަމީސް އިސްތިރި ނުކުރެވި ހުރީ... މަންމަ އަންނާނަން އިސްތިރިކޮށްލާފަ" ގަޑި ބަލާލަމުން ސަލްމާ ބުނެލިއެވެ. އޭރު ގަޑިން ހަތެއްޖަހާ ބޮޑުވެއްޖެއެވެ.

ސާރާ ބޯ ޖަހާލުމަށްފަހު މަންމަ އެދުނު ކަންތައް ފުރިހަމަ ކޮށްދޭން އަވަސްވެގަތެވެ.

******

ރޭގަނޑުދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ޔޫރަޕްގެ ކުލަބެއްގެ ތެރޭގައި ހުރި ގޮނޑީގައި އިށީދެގެން ތިބި ދެ ޒުވާނުން އެތަނުން ބޭރަށް ނުކުންނަންވެގެން ހިނގައިގަތެވެ. އޭރުވެސް އެމީހުން ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. އެތެރޭގައި ޖަހާފައި ހުރި ލަވައިގެ އަޑު ބާރުކަމުން ކިޔާ ނުކިޔާއެއް ސާފެއް ނުވެއެވެ.

" ދެން ނޭނގެ ދޯ އަނެއްކާވެސް މިކޮޅަށް އާދެވޭނެ ދުވަހެއް ބުނާކަށް... އަދިވެސް ތި މަސައްކަތް ހުއްޓާލާކަށް ނުވޭތަ؟ މަގޭ ހިތަށް އަރާ ތިހެން އުޅެގެން ކޮބާބާއޭ ލިބޭ ފައިދާއަކީ" އެރިކް އޭނާގެ އެކުވެރިޔާގެ މޫނަށް ބަލާލަމުން ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

"އަހަރެންގެ ހުވަފެނަކީ ކޮބައިކަން އެނގެއެއްނު" ލިއަމް އޭނާގެ އެކުވެރިޔާއަށް ބަލާލަމުން ވާހަކަދެއްކިއެވެ. ދެމީހުންވެސް ވާހަކަ ދައްކަމުންދިޔައީ އިނގިރޭސިންނެވެ.

"މިފަހަރު ކޮންތާކަށް ދަނީ؟" އެރިކް އަހާލިއެވެ.

"ޕާކިސްތާނަށް" ލިއަމް ބުނެލިއެވެ. އެއަށްފަހު އެކުވެރި އެރިކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އާއްމުގޮތެއްގައި އެރިކްއާއެކު ލިއަމް އަކީ އެ ބާ އަށް އައިސް އުޅޭ މީހެކެވެ. ރޭގަނޑުގެ އެތައް ދަމެއް އެ ބާރގައި ހޭދަކުރެއެވެ. ﷲ ހަރާމްކުރައްވާފައިވާ ފާފަތަކަށް އަރައިގަންނަމުން ދާއިރު ތިމާ ދުނިޔެއަށް ފޮނުއްވާފައިވާ މަޤްސަދާ ބޭހޭގޮތުން ވިސްނަން އެ މީހުން ބޭނުން ނުވާފަދައެވެ. ލިއަމް ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ ހަޔާތަކީ އުފަލާ މަޖަލުގައި ހޭދަކުރަން އޮތް ތަނެކެވެ. ތިމާ މަރުވުމަށްފަހު އަލުން ދިރުވޭނެ ކަމަކަށް ލިއަމް ޤަބޫލެއް ނުކުރެއެވެ. ނަރަކައާއި ސުވަރުގެއަކީ ވާތަނެއްކަމަށް ލިއަމް ޤަބޫލެއް ނުކުރެއެވެ. ވަށައިގެން ފެންނަ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް އޭނާ ދެނީ ކަނު ލޮލެކެވެ. ބީރު ކަންފަތެކެވެ.

ލިއަމްއަކީ ކަންތައްތައް ދިރާސާކުރާ މީހަކަށްވުމާއެކު ބައެއްދީން ތަކުގެ މައުލޫމާތު ލިއަމްގެ އަތުގައި ހުރެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ދީނަކީ އޭނާއަށް ކަމުދާ އުސޫލުތަކެއް ހުރި ދީނެއްނޫނެވެ. އޭނާއަކީ އެއްވެސް ދީނެއް ގަބޫލުކުރާ މީހެއްނޫނެވެ. ދިރާސާ ނުކުރާ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. ބައެއްފަހަރު އިސްލާމް ދީނުގެ ކަންތައްތައް ހުރި ގޮތް ބަލާލަން ހިތަށް އެރިނަމަވެސް ލިއަމް ފަސްޖެހެއެވެ. މުސްލިމުންނަކީ ހަރުކަށި ބައެއްކަމުގައި އޭނާގެ ސިކުނޑިއަށް ވިސްނިފައިވާތީއެވެ. ހުޅަނގުގެ ގައުމެއްގައި ބޮޑުވި ކުއްޖެއްކަމުން ލިއަމްއަށް މުޅިންވެސް އަޑުއިވިފައިވަނީ ހުޅަނގުގެ މީޑިއާއިން އިސްލާމްދީނާ މެދު ދައްކާ ވާހަކަތަކެވެ. އިސްލާމްދީނަކީ ހަރުކަށި ދީނެއްކަމަށް އޭނާގެ ސިކުނޑިއަށް ވިސްނިފައިވުމާއެކު އިސްލާމްދީނާ މެދު އެ ހިތުގައި އިންތިހާ ނަފްރަތުވެއެވެ. ލިއަމްގެ މަންމައާއި ބައްޕައަކީ ކްރިސްޓިއަނުން ކަމުގައި ވިނަމަވެސް ލިއަމްއަށް އެ ދީންވެސް ކަމުނުދަނީއެވެ.

ޕާކިސްތާނަށް ދިޔުމުގެ ކުރިން އެ ގައުމާ ބެހޭ ގިނަ މައުލޫމާތުތަކެއް އެއްކުރެވޭތޯ ލިއަމް ބެލިއެވެ. ޕާކިސްތާނަކީއިސްލާމީ ގައުމެއްކަން އޭނާއަށް އެނގެއެވެ. ފުރަތަމަ ފަހަރަށް އެ ގައުމަށް ދެވޭތީ ލިއަމް ކުޑަކޮށް ނުތަނަވަސް ވާގޮތްވިއެވެ. އެހެންނަމަވެސް އޭނާ ޕާކިސްތާނާއި އިންޑިއާގެ ތަގާފަތް ދިރާސާކުރަން އެ ކުރާ ދަތުރު މަޑުޖައްސާލާކަށް ބޭނުމެއް ނޫނެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެ ގައުމަށް ދިރިއުޅުން ބަދަލުކުރި އެކުވެރިއަކު ހުންނާތީ ހުންނާނެ ތަނެއް ހޯދާކަށްވެސް މާ އުނދަގުލެއް ނުވެއެވެ. ލިއަމް ގެއެއް ބޭނުންވަނީ ހިތްފަސޭހިސާބަކުންނެވެ.

ޖެހިގެން އައި ދުވަހު ލިއަމް ފުރައިފިއެވެ. ޕާކިސްތާނަށް އެ ބޯޓު ޖެއްސީ މެންދުރުގެ ވަގުތެއްގައެވެ. ލިއަމް އެރައިވަލް ގޭޓުން ނުކުތް އިރު އެކުވެރިޔާ ހުއްޓެވެ. އޭނާ ހިނިތުންވަމުން ގޮސް އެކުވެރިޔާގައިގައި ބައްދާލިއެވެ. ދެމީހުން ގޮސް އެކުވެރިޔާގެ ކާރަށް އެރިއެވެ. ކާރު ސްޓާރޓް ކޮށްލުމާއެކު ލިއަމް ވާހަކަ ދެއްކިއެވެ.

"ހޭ... ބުނީމެއްނު ތަނަކަށް ފުރާވާހަކަ"

"އާ... އަންހެނުން މަންމަމެން އުޅޭނީ ޔޫކޭގަ... އެހެންވީމަ ޔޫކޭއަށް ދިރިއުޅުން ބަދަލުކުރަން މިއުޅެނީ... އެއްވެސް މީހަކު ނޭނގޭ ތަނެއްގަ އެކަނި އުޅެން ކެރޭނެތަ؟" އެކުވެރިޔާ ސަމާސާ ރާގެއްގައި ބުނެލިއެވެ. ލިއަމްޖަހާލީ ހިނިގަނޑެކެވެ.

"ކީއްވެ ނުކެރެންވީ؟" ލިއަމް އެހެން ބުނި ކަމުގައި ވި ނަމަވެސް އެއީ އިސްލާމީ ގައުމެއްކަމުން ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް އޭނާގެ ހިތުގައިވެއެވެ. އެކަމަކު އެކަން ފޮރުވަމުން އޭނާވެސް އެކުވެރިޔާ އާ އެއްބައިވެ ސަމާސާއެއްކޮށްލިއެވެ. އެ ގައުމުގެ ކަންތައްތައް ހުންނަ ގޮތަކާ ބެހޭގޮތުން ސުވާލުކުރަން އުޅެފައިވެސް ލިއަމް މަޑުޖެހިލިއެވެ.

ގެއަށް އާދެވުނީ ގަޑިގަނޑަކަށް ގަޑިއިރެއްގެ ދަތުރަކަށް ފަހުއެވެ. އެކުވެރިޔާ އާއެކު އެގެއަށް ވަތް ލިއަމް ވަށައިގެން ބަލާލިއެވެ.

"މަހިޔެއް ނުކުރަން މިހާ ބޮޑުތަނެއްކަމެއް" ލިއަމް އެކުވެރިޔާގެ މޫނަށް ބަލާލިއެވެ.

"ދެން މި ނޫން ތަނެއް ނުލިބުނޭ... ލިއަމް ބޭނުންވަނީ އެކަނި އުޅޭކަށް ނޫންތަ؟ ހޮޓެލަކުންވެސް ރޫމެއް ބޭނުމެއް ނުވިއެއްނު... އެހެން ނޫނަސް މި ވަރަށް ހިތްފަސޭހަ ހިސާބެއް" އެކުވެރިޔާ ބުނެލިއެވެ.

"އެންމެ ރަނގަޅޭ" ލިއަމް ހީލިއެވެ. ތަޅުދަނޑިވެސް ކަލޭ އަތުގަތަ؟ މިތާ މީހަކު ނޫޅޭ ދޯ" ލިއަމް އަހާލިއެވެ.

"އާނ... މިތަނުގައި އެއްވެސް މީހަކު ނޫޅޭނެ... އެކަމަކު ހަފްތާއަކު އެއްފަހަރު މިތަން ސާފުކުރަން މީހަކު އަންނާނެ... އޭނަ ބުނި މަތީ ކޮޓަރި ސާފުކޮށްފަ ހުންނާނެ ވާހަކަ" އެކުވެރިޔާގެ ވާހަކަ އަހަން ހުރުމަށްފަހު ލިއަމް ހިނގައިގަތީ ސިޑިއާ ސިމާލަށެވެ. އޭނާ ކޮޓަރިއަށް ވަދެލިއެވެ. އެކުވެރިޔާވެސް އައިސް ވެނެވެ. ލިއަމް އެރުވި ފޮށިތައް އެއްފަރާތުގައި ބަހައްޓާލާފައި ކޮޓަރިއަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ކުޑަ ދޮރު ކައިރިއަށް ޖެހިލާފައި އެ ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި ހުރި ގޭގެ ކޮޓަރިތެރެ ރީތިކޮށް ފެނެއެވެ. އެހެންނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރު ލައްޕާލާ އޭސީ ޖައްސާލަމުން ލިއަމް ކޮޓަރިން ނުކުމެލިއެވެ. ޓެރެސްއަށް ދެވެން އިން ހަނި ގޯޅިގަނޑުން ގޮސް އޭނާ ޓެރެސްއަށް ނުކުމެލިއެވެ. ޓެރެސްގައި މޭޒަކާއި ގޮނޑިއެއް ހުއްޓެވެ.

"ހިތްގައިމު" ވަށައިގެން ބަލާލަމުން ލިއަމް ބުނެލިއެވެ.

"އޯކޭ... އަހަރެން ދިޔައިއްޔޭ" އެކުވެރިޔާ ލިއަމްއަށް ބަލާލަމުން ބުނެލިއެވެ. ލިއަމްވެސް އެކުވެރިޔާއަށް ޝުކުރުއަދާކުރިއެވެ. ދެމީހުން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ.

ލިއަމް އެނބުރި ކޮޓަރިއަށް ގޮސް އޭނާގެ ފޮށި ހުޅުވާލާ އެއްޗެހިތައް ތަރުތީބުކުރަން އަވަސްވެގަތެވެ. އޭރު އޭސީގެ ފިނި ރަނގަޅަށްވެސް ކޮޓަރިތެރޭގައި ހިފާލައިފިއެވެ. އެއްޗެހިތައް އަލަމާރިއަށް އަޅާފައި ލިއަމް ލިޔަން ގެންގުޅޭ ފޮތްތަކާއި އެހެންނިހެން ސާމާނު ކޮޓަރިތެރޭގައި ހުރި މޭޒުގައި ބެހެއްޓިއެވެ. އެއަށްފަހު އޭނާގެ ބެކްޕެކް ހުޅުވާލާ އޭގެ ތެރޭގައި އޮތް ލެޕްޓޮޕާއި އޭގެ ޗާޖަރުގެ އިތުރުން އައި ޕެޑް ވެސް ގެންގޮސް އެ މޭޒުމަތީގައި ރީތިކޮށް ބާއްވާލިއެވެ. އެއަށްފަހު އިތުރު ޒިބެއް ހުޅުވާލާ އޭނާގެ ކެމެރާ ނެގިއެވެ. ކެމެރާގެ ޗާޖު ހުސްވެފައި އޮތުމުން އެންމެ ފުރަތަމަ އޭނާ ކެމެރާ ޗާޖަށް ޖަހާލިއެވެ.

އެއަށްފަހު ގޮސް ކުޑަ ދޮރު ހުޅުވާލިއެވެ. އޭރުވެސް ކުރިމަތީގައި ހުރި ގޭގެ ކޮޓަރީގެ ކުޑަ ދޮރު ހުރީ ހުޅުވާފައެވެ. އެއްލި ކަޅިއަކުން އެ ކޮޓަރިތެރޭގައި ހަރަކާތް ތެރިވަމުން ދިޔަ އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކުއްޖާ ހުރީ ފުރަގަސްދީގެން ކަމުން މޫނެއް ނުފެނެއެވެ. އެހެންނަމަވެސް އެ ކުއްޖާގެ ދިގު އިސްތަށިގަނޑު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކުއްޖާ ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައި ކަމުން ރީތިވަނީހެން ހީވެއެވެ. އެ ކުއްޖާގެ މޫނު ބަލާލުމުގެ ޝައުގުވެރިކަން އުފެދުނު ނަމަވެސް ދެވަނަ ސިކުންތުގައި ބޯ ހޫރާލަމުން އޭނާ ކުޑަ ދޮރު ލައްޕާލަމުން، ގޮސް ވެއްޓި ގަތީ އެނދުމައްޗަށެވެ. ވެފައި ހުރި ވަރުބައްޔާއެކު އޭނާ ގަސްތުކުރީ ފެންވަރާލާށެވެ. އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ އަލަމާރި ހުޅުވާލިއެވެ. ގޭތެރޭގައި ލާން ގެންގުޅޭ ސޯޓު ތަކުން ސޯޓެއް ލަމުން އައިސް އެނދުގައި އޮށޯވެ ފޯނާ ކުޅެން ފެށިއެވެ. މީހުން ނޫޅޭ ގެއެއްކަމުން އެގޭގައި ވައިފައި އެއްވެސް ނެތެވެ. އެކުވެރިޔާ ބުނެފައި ވަނީ ވައިފައި ގުޅައިދޭ މީހުން މާދަމާގެ ވަގުތެއްގައި އެ ގެއަށް އަންނާނޭ ކަމުގައެވެ.

އޭސީ ނިއްވާލީ ފިނިބޮޑުވީވަރުންނެވެ. އެއާއެކު ކޮޓަރި ތެރެއަށް އާދަޔާ ހިލާފް މަޑުމައިތިރި ކަމެއް ވެރިވެގެން ދިޔައެވެ. އޭނާ ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި ޖައްސާލާ ލަވައެއް ޖަހާލަން އުޅުނެވެ.

ލަވަތައް ހުންނަ ފޯލްޑަރ ހުޅުވާލާ ލަވައެއް ޕްލޭކޮށްލަން އުޅުނު ވަގުތު އާދަޔާ ޚިލާފް ރީތި އަޑެއް އޭނާގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުގައިވަނީ މަޑުމައިތިރިކަމެކެވެ. ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. އެ ކިޔަނީ ކޯންޗެއްކަން ނޭނގުނު ނަމަވެސް އެ އަޑު އެހުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ބަސްތަކެއް އޭނާ އަޑު ނާހާތީއެވެ. އެ އަޑު އަންނަނީ ޖެހިގެން ހުރި ގެއިންކަން އޭނާއަށް އެނގެއެވެ. ކުޑަ ދޮރު ކައިރިއަށް ޖެހިލާ އެ އަޑު އަހަން ލިއަމް މަޑުކޮށްލިއެވެ. ބައެއްފަހަރު އަޑު ބާރުވެލައެވެ. އަނެއްބައި ފަހަރު މަޑުވެލައެވެ. އަކުރުތައް ކިޔުމުގައި އާދަޔާ ޚިލާފް އުކުޅުތައް ގެންގުޅޭހެން އޭނާއަށް ހީވިއެވެ. އިވުނު އާދަޔާ ހިލާފް ބަސްތަކުގެ ސަބަބުން އޭނާގެ މެއަށް ފިނިވިއެވެ. ބުނެދޭން ނޭނގޭ އަސަރެއް ހަށިގަނޑުގައި ދައުރުކުރިއެވެ. ލޯލިތައް ކޮޅަށް ޖެހުނެވެ. އެއީ ހަމަގައިމުވެސް ލަވައެއް ނޫނެވެ. ބޮޑަށް ހީވަނީ ދުއާ އެއް ހެންނެވެ. (ނުނިމޭ)

comment ކޮމެންޓް