އަންނަ ހޮނިހިރު ދުވަހު މޯލްޑިވިއަން އިން ޓްރިވެންޑްރަމަށް ފްލައިޓެއް ބާއްވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ: ޓްރްވެންޑްރަމަށް މޯލްޑިވިއަން އިން ފްލައިޓެއް ބާއްވާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ ހޮނިހިރު ދުވަހު ފްލައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުން ބައެއް ގައުމުތަކުގެ އެއާޕޯޓުތައް ވަނީ ބަންދުކޮށްފައެވެ. އެއާއެކު އެގައުމުތަކުގައި ތިބި ދިވެހީންނަށް ވަނީ ރާއްޖެ ނާދެވި ތާށިވެފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕީއާރު އަދި މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަން އިން އަންނަ ހޮނިހިރު ދުވަހު ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޓްރިވެންޑްރަމަށް ކުރާ ދަތުރުގެ ޓިކެޓް އަގަކީ، 199 ޑޮލަރު (3،065 ރުފިޔާ) ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް މި ދަތުރުގެ އިތުރު ތަފްސީލެއް މޫސަ ހާމައެއް ނުކުރައްވަައެވެ.

މޫސަ އިތުރަށް ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފީތަކަށް ދިން ލުއި ދިނުމާއެކު މަޝްވަރާކުރުމަށްފަހު ޓިކެޓްގެ އަގުތަށް ރިވައިސްކޮށްފައިވާ ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ އަގުތައް:

  • ސްރީލަންކާ، ކޮލަމްބޯ - 220 ޑޮލަރު (3،388 ރުފިޔާ)
  • އިންޑިއާ، ކޮޗިން - 149 ޑޮލަރު (2،295 ރުފިޔާ)
  • އިންޑިއާ، ޓްރިވިންޑްރަމް - 199 ޑޮލަރު (3،065 ރުފިޔާ)
  • މެލޭޝިއާ، ކުއާލަލަމްޕޫރު - 330 ޑޮލަރު ( 5،082 ރުފިޔާ)

https://sun.mv/134374

މިހާތަނަށް މޯލްޑިވިއަން އިން ލަންކާއިން ގެނެސްފައިވަނީ، 100 މީހުންނެވެ. އަދި ކޮޗިން އިން ގެނެސްފައިވަނީ 183 މީހުންނެވެ. އަދި މިރޭ ފަތިހު މެލޭޝިއާ އިން 200 މީހުން ގެނައުމަށް ފްލައިޓެއް ވަނީ ތާވަލްކޮށްފައެވެ. މީގެ އިތުރުން އަދިވެސް އެ މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް