ރިލީފް ޕެކޭޖުގެ ދަށުން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާގެ ލޯނު ނެގޭނެ

ރާއްޖޭގެ ރިސޯޓެއް ---

ކޮވިޑް 19 ހާލަތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައެޅި ރިލީފް ޕެކޭޖުގެ ތެރެއިން ރިސޯޓުތަކަށް 7.71 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ ޓޫރިސްޓް ރިސޯޓުތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ. އެ ސްކީމުގެ ދަށުން ގިނަވެގެން ދޫކުރެވޭނީ ރިސޯޓަކަށް 7.71 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ.

"ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕުގެ ނިސްބަތަށާއި ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 އިންސައްތައް ނުވަތަ އެއަށްވުރެ މަތިތޯ ބަލައި އިސްކަން ދެވޭނެ އެވެ. މިކަންކަން ސަރުކާރުން ބެލިމަށް ފަހު ބޭންކް އޮފް މޯލްޑިވްސް އާ ހިއްސާ ކުރާނެ އެވެ." ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލޯނު ދިނުމުގައި އިސްކަންދޭނެ ކަންކަން

  • ދިވެހި އޯނާޝިޕުގެ ނިސްބަތް
  • ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް 45 ޕަސެންޓަށް ވުރެ މަތިވުން
  • 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާވެފައި ވުން
  • ކުރިއަށް އޮތް ތިން އަހަރު ކޭޝް ފްލޯ ފޯކާސްޓް ޕޮސިޓިވްކޮށް ހުރުން

ކޮވިޑް 19 އާއި ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ނުވަތަ ނޯޕޭ ނަގަން މަޖުބޫރު ކުރުވާފައިވާނަމަ އެ ފަރާތްތަކަށް އެ ލޯނު ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ. އަދި އެކަން ސަރުކާރުން ބަލަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ލޯނުތައް ދެވޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައެވެ. އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އެލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާ އެވެ.

އޭގެ އިތުރުން މިދިޔަ އަހަރު 10 މިލިއަނަށް ވުރެ މަދުން ފައިދާވި ރިސޯޓުތައް ނޫން އަމިއްލަ ކުންފުނިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

އެ ލޯނު ތަކުގެ މައުލޫމާތު މިއަދު ފިނޭންސްއިން ހާމައެއް ނުކުރެއެވެ. އެ މައުލޫމާތު ހާމަ ކުރާނީ އެސްޑީއެފްސީއިންނެވެ.

comment ކޮމެންޓް