ޕްރެޒެންޓަރުންގެ ބަސްމަގު ރަނގަޅު ކުރުމަށް ބްރޯޑްކޮމްއިން ޗެނަލް13އަށް ނަސޭހަތްތެރިވެއްޖެ

ޗެނަލް13 އިން ގެނެސްދޭ ހަޖަމް ޕްރޮގްރާމްގެ ތެރެއިން

ޗެނަލް13ގެ ޕްރޮގްރާމުތަކުގައި ޕްރެޒެންޓަރުން ގެންގުޅޭ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑަށް ފެއްތުމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނަސޭހަތްތެރިވެއްޖެެ އެވެ.

ބްރޯޑްކޮމްއިން މިއަދު ޗެނަލް13އަށް ފޮނުވި ސިޓީއެއްގައި ބުނެފަިއ ވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ހުށަހަޅާ ޕްރެޒެންޓަރުން، އަދި ހާއްސަކޮށް ޗެނަލް 13އިން ގެނެސްދޭ "ހަޖަމު" ޕްރޮގުރާމުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން ދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް13އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތައް ބައްޓަންކުރުމަށާއި، އެޕްރޮގްރާމްތައް ހުށަހަޅާ ފަރާތްތަކުގެ ބަސްމަގު މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ބެހެއްޓުމަށް ބްރޯކްކޮމްއިން އެ ސިޓީގައި ނަސޭހަތްތެރިވި އެވެ. އަދި ބްރޯޑްކާސްޓްކުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ކޮންޓެންޓު ގެނެސްދިނުމަށް އެދި ނަސޭހަތްތެރިވިއެވެ.

އަދި އެއާ ހިލާފަށް ޕްރޮގްރާމުތައް ބްރޯޑްކާސްޓްކުރަމުންދާ ކަމަށް ވާނަމަ، މި ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައިވެއެވެ.

މީގެ ކުރިން ޗެނަލް13އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމުގައިވެސް ސައްހަ ނޫން މައުލޫމާތު ގެނެސްދިނީތީ ބްރޯޑްކޮމްއިން ވަނީ ނަސޭހަތްދީފައެވެ. އަދި ފަހުންވެސް އެކަން ތަކުރާރުވުމުން "މަޑިސީލަ" ޕްރޮގްރާމު ހުއްޓާލަން ޗެނަލް13އަށް އެ ކޮމިޝަނުން އެންގިއެވެ. އެ ފަހުން މަޑިސީލަ ޕްރޮގްރާމު އޮތް ގަޑީގައި ގެނެސްދެނީ "ހަޖަމް"ގެ ނަމުގައި އަލަށް ހެދި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައިވެސް "މަޑިސީލަ" ޕްރޮގްރާމުގެ ޕްރެޒެންޓަރުން ބައިވެރިވެއެވެ.

comment ކޮމެންޓް