ހައްލު ހޯދާނީ އަޅުގަނޑުމެން، ރައީސް ކަންބޮޑުވާނެ ކަމެއް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން މަޖިލީހުން ގާނޫނީ ފަރުވާއެއް ހޯދައިދޭނެ ކަމަށް ވަނީ ވިދާޅުވެފައި ---- ފޮޓޯ/މަޖިލިސް

ކައުންސިލްތަކުގެ މުއްދަތު ހަމަވުމުން ދެން ކަން ކުރާނެ ގޮތަކާ މެދު ހިޔާލު ތަފާތުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުން އެކަމަށް ހައްލު ހޯދައިދޭނެ ކަމަށާއި އެކަމާ ރައިސުލްޖުމްހޫރިއްޔާ ވެސް އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައުނުގަތުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވީ ކޮވިޑް-19 ގެ ސަބަބުން މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށެވެ.

އެ މައްސަލައިގެ ބަހުސް، މަޖިލީހުގައި ފެށިފައިވާއިރު މަޖިލީހުގެ ރައީސާއި ގިނަ މެންބަރުންގެ ވިސްނުންފުޅު ހުރީ ގާނޫނު އަސާސީ އިސްލާހު ނުކޮށް އެކަމަށް ގާނޫނީ ފަރުވާއެއް ހޯދުމަށެވެ. ސަބަބެއް ކަމަށް ފާހަގަކޮށްފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމެވެ. ބައެއް ހައްގުތައް ވެސް ހިފެހެއްޓިފައި ހުރުން އުޒުރެއްގެ ގޮތުގައި ދެއްކުމަށްފަހު އެވެ.

"އަޅުގަނޑުމެން މީގައި [ކައުންސިލްތަކަށް] ހައްލެއް ދިވެހި ރައްޔިތުންނަށް ހޯދައި ދޭނަން. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އެހެން ބޭފުޅުން ވެސް މިކަމާ ކަންބޮޑުވެލައްވައިގެން އުޅުއްވުމުގެ މާނައެއް ނެތް. އަޅުގަނޑުމެން ބަހުސް މިކުރީ ވަމުންދާ ގޮތް އުޅުންފިލުވުމަށްޓަކައި. އަޅުގަނޑަށް ވެސް އިއްޒަތްތެރި މެންބަރުންގެ ހިޔާލުފުޅު ހޯދުމަށްޓަކައި ލިބިގަތުމަށްޓަކައި. ދެނެގަތުމަށްޓަކައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނެސްފައިވާ އެތައް ފަހަރެއްގެ ހަނދާން އާ ކުރައްވަމުން ނަޝީދު ވިދާޅުވީ، މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މެންބަރުން ބޭނުންފުޅު ނުވާ ކަމަށެވެ.

މަޖިލީހުން ގާނޫނީ ލަފާ ހޯދަނީ ކައުންސިލަރ ޖެނަރަލްގެ ފަރާތުންކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ބަންޑާރަ ނައިބަކީ ރައިސިލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ ދެއްވަން ހުންނަވާ ބޭފުޅެއްކަން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައި ނުވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ކައުންސިލަރ ޖެނެރަލް އާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެފައިި ވަނިކޮށެވެ.

comment ކޮމެންޓް