ފިލިޕީންސްއިން ލުޒޯންގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފި

ފިލިޕީންސްއިން ވަނީ ލުޒޯންގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

މެނީލާ (އޭޕްރިލް 7): ފިލިޕީންސްގެ ވެރިރަށް މެނީލާ ހިމެނޭ ގޮތަށް ލޮކްޑައުންކޮށްފައިވާ ލުޒޯން އައިލެންޑު ބަންދުކޮށްފައި އޮންނަ މުއްދަތު މިމަހުގެ 30އާ ހަމަޔަށް އިތުރުކޮށްފި އެވެ.

ފިލިޕީންސްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ މަހުގެ 17އިގައި ލުޒޯންގައި އިއުލާން ކުރި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" މީގެ ކުރިން ނިމެން ހަމަޖެހިފައި އޮތީ އަންނަ ހަފްތާގެ އާދީއްތައިގަ އެވެ.

ނަމަވެސް މިއަދު އެގައުމުގެ ކެބިނެޓް ސެކްރެޓަރީ ކާލޯ ނޮގްރަލެސް ވިދާޅުވި ގޮތުގައި ރައީސް ރޮޑްރީގޯ ޑުޓާޓޭ ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ހުއްދަ ދެއްވާފަ އެވެ. އަދި އެކަމަށް ލަފާ ދިނީ ކޮރޯނާވައިރަސް ހުއްޓުވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން އެކުލަވާލާފައިވާ ކޮވިޑް-19 އިންޓަ އޭޖެންސީ ޓާސްކް ފޯސްއިން ކަމަށް ބުނެފަ އެވެ.

ލުޒޯންގެ ލޮކްޑައުންގެ ދަށުން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ގެއިން ބޭރަށް ދިޔުން ވަނީ މަނާކޮށްފަ އެވެ. އަދި އެރަށަށް ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށް، ލުޒޯންގެ އިންޓަނޭޝަނަލް ފްލައިޓުތައް ވަނީ ހުއްޓާލާފަ އެވެ.

ފިލިޕީންސްގައި މިހާތަނަށް 3,660 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 163 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް