ކައުންސިލްގެ ދައުރު ހަމަވުމުން ދެން ހަދާނެ ގޮތެއް ނޭނގިފައި!

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން: މިއަހަރުގެ ޖޫން ތިން ވަނަ ދުވަހަށް މިހާރު އިންތިހާބް ކޮށްފައިވާ ކައުންސިލްތަކުގެ ދައުރު ހަމަވާނެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބުނާ ގޮތުން މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރެވެ. އެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާނެ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ، ދައުރު ހަމަވުމުގެ ކުރިން ކައުންސިލް އިންތިހާބެއް ބޭއްވޭކަށް ނެތެވެ. އުފެދޭ ސުވާލަކީ ދެން ކައުންސިލްތައް ހިންގާނީ ކިހިނެއް ހެއްޔެވެ؟

ކައުންސިލްތަކުގެ އިންތިހާބް ބޭއްވުމަށް އެންމެ ފުރަތަމަ ނިންނީ އޭޕްރީލް ހަތަރު ވަނަ ދުވަހަށެވެ. ހުރިހާ ތާއްޔާރީތައް ވެސް ވިއެވެ. އިންތިހާބަށް އިއުލާނުކޮށް ގިނަ ބަޔަކު ކުރިމަތިވެސް ލިއެވެ. ގާނޫނުގައި ބުނާ އަދަދަށް ކުރިމަތިލުމުން ބައެއް ފަރާތްތައް ހޮވުނު ކަމަށް ވެސް އިއުލާން ކުރި އެވެ. ކެމްޕޭންތައް ވެސް ފެށި އެވެ.

ހާލަތު އެއްކޮށް ބަދަލުވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އިންތިހާބު ފަސްކުރަން މަޖުބޫރުވުމުންނެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ، އިންތިހާބު އެންމެ ފަސްކުރެވޭނެ، ތާރީހު ކަމަށްވާ މިމަހުގެ 18 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.

އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަން ކަށަވަރުވެ ގާނޫނީ ހުސްކަމަކަށް ދިއުމުގެ ބިރު އޮތުމުން 'ސަންސެޓް' ގާނޫނެއް ސަރުކާރުން އިސްވެ، މަޖިލީހަށް ހުށަހެޅި އެވެ. އަދި ގާނޫނު އަސާސީއަށް ވެސް މި ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ.

އެއީ ކައުންސިލް އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމްވުމާއެކު އިންތިހާބު ބާއްވައި، އާ މެމްބަރުން އިންތިހާބުވެ މަގާމާ ހަވާލުވެންދެން، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުކުުރުމަށެވެ. ނަމަވެސް މެންބަރުންގެ ހިޔާލު ތަފާތެވެ. މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ގާނޫނޫ އަސާސީގެ ރޫހާ ހިލާފް ކަމެއް ކަމަށް ވެސް ބައެއް މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ކައުންސިލްތަކުގެ ދައުރު ދިގު ކުރަން ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް ގިނަ މެންބަރުން ދެކޭ ގޮތުގައި އެކަން ކުރުމަކީ ބަޖެޓަށް ބުރަ ބޮޑުވެ ހަރަދު ބޮޑެ ވެސް ވާނެ ކަމެކެވެ. އޭގެ ބަދަލުގައި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވުމުން، މީހަކު އައްޔަންކޮށް ނުވަތަ ކައުންސިލްތަކުގެ ސިވިލް ސާވިސްއިން މުވައްޒަފުންގެ ތެރެއިން މީހަކާއި ހިންގުން ހަވާލު ކުރެވިދާނެ ކަމަށް ބައެއް މެންބަރުން މިއަދު ފާހަގަ ކުރެއްވި އެވެ.

"މި ތިއްބެވި ކައުންސިލަރުންގެ މުއްދަތު އިތުރުކޮށް އެ މީހުނަށް އިތުރު ފުރުސަތު ދިނުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޑިމޮކްރެޓިކް ގޮތެއް ނޫން. އެއަކީ ލާމަރުކަޒީއާ ގުޅޭ ގޮތެއް ވެސް ނޫން،" ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ރައިސުލްޖުމްހޫރިއްޔާ މީހަކު އައްޔަނު ކުރުމަކީ ވެސް އެންމެ ޑިމޮކްރެޓިކް ގޮތް ނޫން ކަން ޝާހިދު ފާހަގަކުރެއްވި އެވެ. އޭގެ ބަދަލުގައި ސިވިލް ސާވިސް ކޮމިޝަނުން ސެކެޓްރީ ޖެނަރަލެއް ނުވަތަ ޒިންމާދާރު އެންމެ އިސްވެރިޔާއާ އެ މަސްއޫލިއްތު ހަވާލު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަކީ ކުރަން ހޮޔޮވާވަރުގެ ކަމެއް ނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ފާހަގަކުރެއްވި އެވެ. އެހެން ކަންކޮށްފި ނަމަ އެއީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެންބަރުންނޭ ނުބުނުވޭނެ ކަމަށް ޝީފާއު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަމިއްލަ އިސްނެންގެވުމަށް ރަށްރަށަށް ކައުންސިލަރުން އައްޔަނު ކުރުން އެއީ ރީތި ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑުމެނަށް ނުފެންނަންޔާ އަޅުގަނޑުމެނަށް މި ރައްޔިތުންގެ މަޖިލީހުން ބިލް މެދުވެރިކޮށް ހަމަ ރަނގަޅު ހައްލުތަކެއް ހޯދައިދެވިދާނެ،" ޝިފާއު ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ދައުރު ދިގުކުރަން ނުފެންނަ ކަން ފާހަގަކޮށް ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައިސުލްޖުމްހޫރިއްޔާއަށް އަށް ކައުންސިލްތައް ހިންގުން ވަކިބަޔަކާއި ހަވާލު ކުރެވިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކޮށް ވަޒީފާ ގެއްލޭ މީހުންނަށް އެހީވެވިދާނެ ކަމަށް ވެސް އަލީ ރިޒާ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބު ކުރުމުގެ ކުރިން ރަށް ރަށުގެ ހިންގުމުން ކަތީބުން އެއް ފަރާތްކޮށް، ކޮންމެ ރަށަކަށް ކައުންސިލަރެއް އައްޔަނު ކުރީ އޭރެގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މިއަދު މަޖިލީހުގެ ރައީސްގެ ގޮތުގައި އެމަނިކުފާނު އިންނަވައި ވަނީ ވިދާޅުވެފަ އެވެ.

"އެހެން ނަމަވެސް އެއަކީއެއް އަމަލުކުރަން ރަނގަޅު ގޮތް ކަމަކަށް އެއިރުގައި ވެސް އަޅުގަނޑު ދެކިފައެއް ނޯންނާނެ. އަދި އަޅުގަނޑުމެން އެކަކު ވެސް އެއިރުގައި ދެކިފައެއް ނޯންނާނެ،" މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް