ކޮރޯނާވައިރަސް: ސެމްސަންގަށް ބޮޑު ފައިދާއެއް

ސެމްސަންގް އެސް20 ފޯނު ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން: ސަން ފޮޓޯ/ ފަޔާޒް މޫސާ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރަނީ އިގްތިސާދަށެވެ. އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އަތްމަތި ދަތިވަމުންދާއިރު، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދަށްވެސް ދަނީ މީގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.

މިކަމުގެ ސަބަބުން ބޮޑެތި ކުންފުނިތަކުގެ އާމްދަނީއަށްވެސް އަސަރު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ހާއްސަކޮށް ހިއްސާގެ ބާޒާރުގައި ކުންފުނިތަކުގެ އަގު ދަށަށް ދާން ފަށާފައިވާ މި ދަނޑިވަޅުގައި، ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ އަށް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް ކޮރެއާގެ ޓެކް ޖަޔަންޓް، ސެމްސަންގުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑްގެ ސަބަބުން އެ ކުންފުނީގެ އާމްދަނީ އަށް މާބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ. ސެމްސަންގުން އެ ކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ އާއި ފައިދާގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް 44.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ.

ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ތިން ޕަސެންޓް އިތުރުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ކުންފުނީގެ އާމްދަނީ އަށް އަސަރު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. ސަބަބަކީ ރީޓެއިލް ފިހާރަތައް ބަންދު ވުމާއި ޑެލިވަރީ ރޫޓްތައް ބަންދުވެ ދަތުރުފަތުރަށް އައިސްފައިވާ މެދުކެނޑުންތަކާއެކު ސޭލްސްއަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

ސެމްސަންގުނގެ އާމްދަނީ އާއި ފައިދާގެ ތަފާސްހިސާބުތަކަށް އެކުންފުނިން އަދި ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

ސެމްސަންގުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެކުންފުނީގެ އާ ފްލެގްޝިޕް ސެމްސަންގް ގެލެކްސީ އެސް20 ސީރީޒް ލޯންޗުކޮށްފަ އެވެ. އެ ކުންފުނީގެ އާ ފޯނުތަކަށް ލިބޭ ތަރުހީބު މިހާރުގެ ހާލަތާ އަޅާބަލާއިރު ރަނގަޅު ކަމަށް މާކެޓް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް