"ރެސްކިއު ފްލައިޓު"ން ޓިކެޓް ގަތުން ބޮޑު ވޭނަކަށް!

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެތުރި، ރާއްޖެ ނާދެވިފައި، ރާއްޖެއިން ބޭރުގައި 8،000 އަށްވުރެ ގިނަ ދިވެހިން ތާށިވެފައި އެބަތިއްބެވެ. ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއެކު އެ މީހުން ތިބީ ރާއްޖެއަށް އެނބުރި އަންނާނެ ގޮތެއް ނެތި، ތާށިވެފަ އެވެ. އެންމެން ވެސް ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ކޮންމެ މީހެއް ކޮންމެ އާއިލާއެއް ވެސް ބޭނުންވާނީ އެންމެ ފުރަތަމަ ފްލައިޓުން ގައުމަށް އެނބުރި އަންނާށެވެ.

ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައިވާއިރު، ރާއްޖެއަށް އެނބުރި އަންނަން އޮތީ އެންމެ ގޮތެކެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންއިން ޝެޑިއުލްކުރާ ފްލައިޓްތަކުގަ އެވެ. ފުރުސަތު މިހާ ހަނިކޮށް ހުރުމާއި މި ހާލަތުގެ ނާޒުކުކަމާއެކު ގިނަ ބައެއްގެ ފާޑުކިޔުން މޯލްޑިވިއަންއަށް ދަނީ އަމާޒުވަމުންނެވެ. ބޭރުން ދިވެހިން ގެންނަ ފްލައިޓުތަކުން ޓިކެޓު ވިއްކުމުގައި ވަކި ބަޔަކަށް އިސްކަންދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެވެ.

ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރާ ގުޅިގެން މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތުގެ ދަށުން ލަންކާގެ ކޮލޮމްބޯއިން 100 ދިވެހިން އަދި އިންޑިއާގެ ކޮޗިންއިން 188 ދިވެހިން ވަނީ ގެނެސްފަ އެވެ. ދެން އޮތީ މާދަމާ މެލޭޝިއާއިން 200 މީހުން ގެންނަން ޝެޑިއުލްކޮށްފައިވާ ފްލައިޓެކެވެ.

ބޭރުގައި ތިބި ދިވެހިންގެ އަދަދާއި ޝެޑިއުލްކުރާ ފްލައިޓުގެ ޖާގައަށް ބަލައިލުމުން އެނގެނީ އެއްފަހަރާ އެ އެންމެން ގެނެވޭނެ ގޮތެއް ނެތް ކަމެވެ. ނަމަވެސް ކޮލޮމްބޯ އާއި ކޮޗިން ފްލައިޓުން މީހުން ގެންނަން ޓިކެޓު ވިއްކީ ބޭއިންސާފުން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައިވެ އެވެ. ޓިކެޓު ވިއްކީ މޯލްޑިވިއަންގެ އާއިލާ މީހުންނަށާއި "އިއްޒަތްތެރިންނަށް" ކަމަށް އާންމުން ތުހުމަތު ކުރި އެވެ.

ނަމަވެސް ބޭރުގައި ތިބި މީހުން ގެނައުމުގައި މޯލްޑިވިއަންއިން އެއްވެސް އުސޫލެއް ނުވަތަ ލިސްޓެއް ނުގެންގުޅޭ ކަމަށް އެކުންފުނިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. ބޭރުގައި ތިބި ހުރިހާ ދިވެހިން ގެނެވެންދެން ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން މިކަން ކުރާނެ ކަމުގެ ޔަގީންކަން މޯލްޑިވިއަންއިން ބުނެ އެވެ. އަދި މީހުން ގެނައުމުގައި އަމަލުކުރާނީ ސަރުކާރުން އެދޭ ގޮތަކަށް ކަމަށް ވެސް ބުންޏެވެ.

މިއަދު ހެނދުނު މެލޭޝިޔާ ފްލައިޓް ފުލްވަންދެން، އެ ފްލައިޓްގެ ޓިކެޓު ވިއްކުމާ މެދު ނުރުހުން ފާޅުކުރި މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެކަމަކު، ކޮލަމްބޯ އަދި ކޮޗިން ފްލައިޓުގެ ތަޖުރިބާއަށް ބަލައި މޯލްޑިވިއަނުން ނިންމީ މިފަހަރު އާ ގޮތެއް އަޖުމަބަލާށެވެ.

އާންމުންގެ ޝަކުވާތަކަށްފަހު ޓިކެޓު ވިއްކުމުގެ ކަންކަން "ދެފުށް ފެންނަ" ގޮތަކަށް ކުރުމަށްޓަކައި މެލޭޝިއާ ފްލައިޓުން އޮންލައިންކޮށް ޓިކެޓު ބުކްކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް އާ ގޮތަކާއެކު ކުރިމަތިވީ އާ މައްސަލައެކެވެ.

އެކަމާ ގުޅޭގޮތުން ޓިކެޓު ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވި މީހުން ޝަކުވާ ކުރީ، އޮންލައިންކޮށް ބުކިން ނުހެއްދޭތީ އެވެ.

ޓުވީޓުކުރި އެކަކު ބުނީ ޓިކެޓު ވިއްކަން ހުޅުވާލުމާ ހަމައިން މޯލްޑިވިއަންގެ އެޕްލިކޭޝަނާއި ވެބްސައިޓަށް ނުވަދެވޭ ކަމަށާއި ފޯން ލައިންތައް ވެސް ބިޒީވެފައި ހުރި ކަމަށެވެ.

އެހެން މީހަކު ބުނީ ވެބްސައިޓު، އެޕްލިކޭޝަން އަދި ލޭންޑްލައިންތައް ޑައުންވެފައި ހުރި ނަމަވެސް، ރައީސްއާއި ވަޒީރުންގެ އާއިލާ ބޭފުޅުންނަށާއި ގާތް މީހުންނަށް ޓިކެޓު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓިކެޓު ބުކް ކުރަން 300އަށްވުރެ ގިނަ ފަހަރު ގުޅި ކަމަށާއި ފޯނު ނަގާފައި ކިއޫގައި މަޑުކުރަން ބުނުމަށްފަހު ފޯނު ކަނޑާލާ ކަމަށް ވެސް އެކަކު ބުންޏެވެ.

އެހެން މީހަކު ބުނީ ޖުމުލަ 724 ފަހަރު ގުޅަން މަސައްކަތްކުރި ކަމަށާއި ގުޅުނު ތިން ފަހަރުން ކުރެ ކޮންމެ ފަހަރަކު 50 ވަރަކަށް މިނެޓު ވެއިޓިންގައި މަޑުކޮށްގެން ވެސް ޓިކެޓު ނުލިބުނު ކަމަށެވެ.

އާންމުންގެ ހުރި މި ކަންބޮޑުވުންތަކާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ ޕީއާރު އަދި މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް "ސަން"އަށް ވިދާޅުވީ ޓިކެޓު ބުކް ކުރުމުގައި އާންމުންނަށް ދަތިތަކެއް ދިމާވިކަން އެކުންފުނިން ގަބޫލުކުރާ ކަމަށެވެ.

މޫސަ ވިދާޅުވީ އެ ދަތިތައް ދިމާވީ، އެ ފުރުސަތުގައި ޓިކެޓު ހޯދަން ގުޅި މީހުންގެ އަދަދު ގިނަކަމާ އެކު އެ ޑިމާންޑަށް ކޭޓާ ނުކުރެވުމުންނެވެ.

"ވެބްސައިޓަށް ކޮންމެ ސިކުންތަކު އެބަހުރި 100 ވަރަކަށް ހިޓްސް. ލޭންޑް ލައިނަށް މިނެޓަކު 1000 ވަރަކަށް ކޯލު އަންނަތަން ފެނޭ." މޫސަ ވިދާޅުވި އެވެ.

ކަން މިހެން ހުރި ނަމަވެސް މޫސަ ވަނީ މޯލްޑިވިއަންގެ ފަރާތުން މިކަމުގައި ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން މޯލްޑިވިއަންއިން ޓިކެޓު ވިއްކަމުންދަނީ އޮންލައިންކޮށެވެ. ނަމަވެސް މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް އިއްޔެ އެޓޭކުތަކެއް އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އޮންލައިންކޮށް ޓިކެޓު ވިއްކަން ހުޅުވާލީ ވެސް ދެފުށް ފެންނަ ގޮތަކަށް މިކަން ކުރުމަށް ކަމަށް މޯލްޑިވިއަންއިން ބުނިއިރު، ޓުވިޓާގައި ބައެއް މީހުން ވަނީ މިއަށް ވުރެ ފަސޭހަ ގޮތަކަށް ވެސް ދެފުށް ފެންނަ ގޮތަކަށް މިކަން ކުރެވިދާނެ ކަމަށް ބުނެ ހިޔާލުފާޅުކޮށްފަ އެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކޮންމެ މީހަކުވެސް ބޭނުންވާނީ އަމިއްލަ ގައުމުގައި އާއިލާއާއެކު ހުރުމަށެވެ. ނަމަވެސް މައްސަލަ ދިމާވެގެން މިއުޅެނީ އެއްފަހަރާ އެންމެންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުންނެވެ. ބޭރުގައި ތިބި 8000 އެއްހާ މީހުން އެއްފަހަރާ ގެނެވުނު ނަމަވެސް، ހާލަތު އޮތް ގޮތުން އެ އެންމެން ވެސް ދާން ޖެހޭނީ ކަރަންޓީނަށްކަން މިއީ ހަގީގަތެވެ. ނަމަވެސް މި އަދަދަށް މީހުން ކަރަންޓީނު ކުރާ ޖާގައެއް ނެތްކަން ވެސް މިއީ ހަގީގަތެވެ.

ދަތުރުފަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އެއްފަހަރާ އެންމެން ނުގެނެވުނު ނަމަވެސް ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން އެންމެން ގެނެވެންދެން ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް