ސްޕެއިނުގެ ގަދަ ތިން ބާރަށް އިރުޝާދު ދިން ކޯޗު މަރުވެއްޖެ

ބާސާ، ރެއާލް އަދި އެތުލެޓިކޯގެ ކުރީގެ ކޯޗު ރަޑޯމީރު އަންޓީކް --- ބީބީސީ

ސްޕެއިނުގެ ގަދަ ތިން ބާރު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް އަަދި އެތުލެޓިކޯ މެޑްރިޑަށް ކޯޗުކަން ކޮށްދިން ރަޑޯމީރު އަންޓީކް މަރުވެއްޖެ އެވެ.

އުމުރުން 71 އަހަރުގައި ރަޑޯމީރު މަރުވި އިރު އޭނާ އަކީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ސްޕެއިނުގެ އެންމެ ބޮޑު ތިން ކުލަބަށް ކޯޗުކަން ކޮށްދިން ފަރާތެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ވިދާލި ރަޑޯމީރު މަރުވުމާ ގުޅިގެން ފުޓުބޯޅަ އާއިލާއިން އަންނަނީ ސޯޝަލް މީޑިއާގައި ހަމްދަރުދީގެ ޕޯސްޓްތައް ކުރަމުންނެވެ.

ކޯޗެއްގެ ގޮތުގައި ރަޑޯމީރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮށްފައި ވަނީ އެތުލެޓޯގަ އެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ ވަނީ އެކުލަބަށް ސްޕެނިޝް ލީގާއި ކޮޕަ ޑެލްރޭގެ ތަށި އެތުލެޓިކޯއަށް ހޯދައިދީފަ އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އެންމެ ފާހަގަ ކޮށްލެވެނީ 1983 ވަނަ އަހަރު މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލައި، ލުޓޮން ފުޓުބޯޅަ ކުލަބު ރެލިގޭޝަނުން ސަލާމަތް ކޮށްދިން ގޯލު ކާމިޔާބު ކޮށްދިނުމެވެ. ރަޑޯމީރު މަރުވުމާ ގުޅިގެން ލުޓޮން އިން ވަނީ އޭނަގެ ހަނދާންތައް އައު ކޮށްފަ އެވެ.

"ޓައުންގެ ލެޖެންޑް ރަޑޯމީރު މަރުވި ޙަބަރު އަޑުއެހީ ފުން ހިތާމައާ އެކު. އޭނަ އަކީ ކުލަބަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީ ރެލިގޭޝަނުން ސަލާމަތްކޮށްދިން ހީރޯއެއް." ލުޓޮން ފުޓުބޯޅަ ކުލަބުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

comment ކޮމެންޓް