އެންއީއޯސީ: 24 ގަޑިއިރު ހޭލާ، ތައްޔާރަށް!

އޭޕްރީލް 4، 2020: އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ސަންއަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއަށް މިދިޔަ މާޗް އެއްވަނަ ދުވަހު ލިބިވަޑައިގެންނެވި، ރައީސް އޮފީހުގެ ސިޓީއާއެކު އޭނާއަށް ކުރައްވަން ޖެހިވަޑައިގެންނެވީ އާދައިގެ މަސައްކަތެއް ނޫނެވެ. މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއިން އަޅަން ޖެހޭ ފިޔަވަޅުތައް ކޯޑިނޭޓް ކުރާނެ، ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ރައީސް ނިންމެވުމަކުން އޭނާއާ މަތިކުރި އެވެ. އެ މަސައްކަތްތަކަށް އެންޑީއެމްއޭއާ ދަރުބާރުގެ ހަވާލުކޮށް ޖެހިގެން އައި ދުވަހު މަސައްކަތް ފަށައިގަންނަން ޖެހުނެވެ.

"ފުރަތަމަ އީއޯސީ [އެމަޖެންސީ އޮޕަރޭޝަން ސެންޓަރު] ސެޓްއަޕް ހެދީވެސް ވަރަށް ކުޑަކޮށް. މިތަނުގެ ކުޑަ މާލަމެއްގައި އަޅުގަނޑުމެން ސެޓަޕްއެއް ހަދާލީ. އޭރު ހިތަކަށް ނާރާ މިއީ މިހާ ބޮޑު ކަމަކަށްވެގެން މިހާ ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައި ފުޅާވެގެން އައިސްދާނެއެކޭ. އެކަމަކު މަސައްކަތް ފަށައިގަތީމާ އިނގިއްޖެ މިއީ އާދައިގެ މަސައްކަތެއް ނޫންކަން. އެއަށް ވުރެ ބޮޑު ކަމެއްކަން. ކުއްލިއަކަށް މިތަނުގެ މުޅި އޮޕަރޭޝަން ދަރުބާރުގޭގެ ހުރިހާ މާލަމަކަށް ފުޅާކޮށްލަން ޖެހުނީ،" ކޮރޯނާވައިރަހުގެ ކަންކަން ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ، ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ފެށިގެން އައިގޮތާ ގުޅޭ ގޮތުން ހިސާން "ސަން"އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް ލަފާކުރެވިފައި ނެތް ބޮޑު ޗެލެންޖެއް!

މީގެ ކުރިން ކުރިމަތިވި ސުނާމީގެ ކާރިސާ އާއި އެއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެތައް ކާރިސާއެއްގެ ވަގުތުގައި އެތައް ތަޖުރިބާތަކެއް ހިސާންއަށް ކުރެއްވިފައި ވިޔަސް، އޭނާ ވިދާޅުވި ގޮތުގައި މިއީ އޭނާއަށް ވެސް ކުރިމަތިވެ ވަޑައިގެން ތަފާތު ޗެލެންޖެކެވެ. ކުއްލި ކުއްލިއަށް ބަދަލުވެ ފުރޮޅެމުން ދިޔަ ހާލަތާ އެކު، އެންއީއޯސީ ވެގެން ދިޔައީ ކުއްލި ބޮދެތި ނިންމުންތައް ނިންމާތަނަކަށެވެ. ކުރިން ލަފާކުރެވިފައި ނުވާ އެތައް މައްސަލައެއް ހައްލު ކުރަން ޖެހުނެވެ.

ހިސާން ވިދާޅުވި ގޮތުގައި، އެންމެ ދުވަހެއްގެ ތެރޭގައި މުޅި ދިރިއުޅުން ބަދަލުވީ ދަރުބާރުގެ ހަތަރު ފާރުގެ ތެރެއަށެވެ. ބޮޑުވެ ފުޅާވަމުން ދިޔަ އެންއީއޯސީގެ މަސައްކަތްތަކަކީ ހަމައެކަނި ދިރިއުޅުން ކަމަށްވެގެން ދިޔަ ވަގުތުތަކާ ވެސް އޭނާއާ ކުރިމަތިވި އެވެ. ހިސާންގެ ހަޔާތުން ދެ ހަފްތާ ހޭދަކުރެއްވަން ޖެހުނީ އާއިލާއާ ދުރުން ދަރުބާރުގޭގަ އެވެ. އޭނާއަށް ގެޔަށް ދެވޭ ވަރަށް ވުރެ ޒިންމާތައް ބޮޑުވެ މަސައްކަތް ބުރަވީ އެވެ.

"މީގެ ކުރިން ސުނާމީ އަދި އަލިފާނުގެ ހާދިސާތަކުގެ ވަގުތުގައި އަމަލުރަން ޖެހޭ ގޮތުގައި އެސްއޯޕީތައް ހެދިފައި ހުންނަނީ. އޭރުން ދެން އެބަ އިނގޭ އެކި މަރުހަލާތަކުގައި ކުރަންވީ ކަންކަމާ އަމަލު ކުރަންވީ ގޮތް. އެކަމަކު މި އޮޕަރޭޝަންގައި މިވާގޮތަކީ، މިއަދު އޮންނަ ހާލަތެއް ނޫން މާދަން އޮންނަނީ. މުޅި ދުނިޔޭގެ ހާލަތުވެސް އޮވެދާނެ ބަދަލުވެފައި. އެވަގުތަކަށް ނިންމުންތައް ނިންމަން ޖެހެނީ އެ ހާލަތަށް ރިއާޔަތްކޮށްފައި. ކޮންމެ ކޭސްއަކަށް ވަކި ޑެޒިޝަންއެއް ނަގަން މި ޖެހެނީ. ވަރަށް ބޮޑު މަސައްކަތެކޭ އަޅުގަނޑު ހިތަށްއެރީ ފުރަތަމަ ވެސް. އެކަމަކު އަޅުގަނޑު ވިސްނީ މިއީ ގައުމަށް އެންމެ ބޮޑަށް ހިދުމަތް ކުރަން ޖެހޭ ވަގުތޭ. އެންމެން ގުޅިގެން މިކަން ވާނެއޭ،" ހިސާން ވިދާޅުވި އެވެ. "ދެ ހަފްތާ އަޅުގަނޑު ރަނގަޅަށް ނުނިދަން. އާއިލާއާ މުޅިން ދުރުގައި އަޅުގަނޑު އުޅެން ޖެހުނީ. މުޅި ހަޔާތް އަނެއްހެން ބަދަލުވެގެން ދިޔަ،"

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހިސާން (މ) އާއި މިނިސްޓަރު އަލީ ވަހީދު އަދި އަމީން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހިސާން ވިދާޅުވި ގޮތުގައި އެންއީއޯސީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގައިގަންނަން ފެށުމާއެކު އޭނާއަށް ވެސް ހިތްވަރު ލިބެމުން ދިޔަ އެވެ. ޓީމުގެ ރޫހު ފެނި އުންމީދުތައް ވެސް އާލާވާން ފެށި އެވެ. ކުރިން މިއީ ނުވާނެ ކަމެއް ކަމަށް ހީވެފައި އޮތް ހީވުން އޭނާގެ ސިކުނޑިން ފިލައި ދިޔަ އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެންމެ އުނދަގޫވީ، ތަފާތު މަސައްކަތްތައް ކުރާ ސަރުކާރުގެ އެކި މުއައްސަސަތަކާއި އެޖެންސީތައް އެއްތަންވެ، އެއް އަޒުމެއްގައި މަސައްކަތް ކުރަން ދިމާވި ދަތިތަކެވެ. ސަބަބަކަށްވީ، އެއް އެޖެންސީ އަނެއް އެޖެންސީ ވިލަރެސްކޮށްގެން މަސައްކަތް ކުރުމުގައި ހުރި ފުށުއެރުންތަކެވެ.

ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގެ އުސޫލުތައް އެކުލަވާލާފައި ހުރީ މިވަރުގެ ބޮޑު ކަމެއް މުއައްސަސާތައް ގުޅިގެން ކުރާ ގޮތަކަށް ނޫނެވެ. ހިސާން ވިދާޅުވާ ގޮތުގައި ސަބަބަކަށް ވަނީ، މި ބަލިމަޑިކަމަކީ މީގެ ކުރިން ލަފާވެސް ކޮށްލެވިފައިވާ ކަމަކަށް ނުވުމެވެ. އެކަމަކު އެ ހުރިހާ ހުރަސްތަކެއް އެއް ފަރާތްކޮށްފައި އެންމެން ނިކުތީ އެއް އަޒުމެއްގައި، ތާރީހީ މަސައްކަތަކަށް ކަމަށް ހިސާން ވިދާޅުވި އެވެ.

"މި ހުރި ތަފާތުތައް އެއް ފަރާތްކޮށްފައި ކޮންމެ އެޖެންސީއެއްގެ ރޫހުވެސް ހުރީ މިއީ ގައުމީ މަސައްކަތެކޭ، އިންސާނީ މަސައްކަތެކޭ. މިކަމުގައި އަޅުގަނޑުމެން ފަސްޖެހިގެން ނުވާނޭ. އެ ރޫހުގައި އަޅުގަނޑުމެން ނިކުމެ މަސައްކަތް ފަށައިގަތީ،" ހިސާން ވިދާޅުވި އެވެ.

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ސިފަކުރެއްވި ގޮތުގައި، އެންއީއޯސީގެ މަސައްކަތަކީ، ސުނާމީ ކާރިސާއަށް ފަހު ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަސައްކަތެވެ. އެންމެ ވަރުގަދަ އޮޕަރޭޝަނެވެ. ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަކީ، އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންއީއޯސީއިން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ހިސާން ވިދާޅުވި އެވެ.

އެންއީއޯސީގެ އޮޕަރޭޝަންތަކުގައި ސަރުކާރުގެ 70 އަށް ވުރެ ގިނަ މުއައްސަސާތަކާއި އެޖެންސީއެއް މަސައްކަތް ކުރެ އެވެ. އެ މަސައްކަތުގައި 800 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުންނާއި ވޮލަންޓިއަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެންއީއޯސީއިން މީހާތަނަށް 59،700 ގަޑިއިރު މަސައްކަތުގައި ހޭދަކޮށްފި އެވެ. މިއީ، މިހާ ގިނަ ބަޔަކު ރާއްޖޭގައި މިކަހަލަ މަސައްކަތެއްގައި އެއްތަންވި ފުރަތަމަ ފަހަރު ކަމަށް ވެސް ވެދާނެ އެވެ.

ފުރަތަމަ ކޭސް، އެންމެ ބޮޑު ޓެސްޓް!

ހިސާން ވިދާޅުވި ގޮތުގައި، އެންއީއޯސީ ތައްޔާރުވަމުން ދިޔައީ، ކޮންމެ ހިދެއްގައި ވެސް ކޮވިޑް-19 ބަލި މީހަކު ރާއްޖެއިން ފެނިދާނެ ކަމަށް ބަލައިގެންނެވެ. އެންމެ ނުރައްކާތެރި ހާލަތަށް ވެސް ދިޔައީ ތައްޔާރުވަމުންނެވެ. ދުނިޔޭގައި ވައިރަސް ފެތުރެމުންދާ ބާރުމިނާ އެކު ރާއްޖެއިން ވައިރަސް ނުފެނުން އެއީ ނާދިރު ކަމެއްކަމަށް އޭރު އޮތީ ޔަގީންކުރެވިފައި ކަމަށް ހިސާން ވިދާޅުވި އެވެ. މާޗް ހަތްވަނަ ދުވަހު ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ރިޕޯޓްކުރުމާ އެކު، އެންއީއޯސީ ބާރު ދުވެލީގައި ހިނގައިގަތެވެ. އެއީ އެންއީއޯސީގެ ފުރަތަމަ ޓެސްޓް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ފަންނީ ލަފާދޭ، ޓޮކްޓަރުންގެ ޓީމް، ޓެގް ޓީމުގެ ބައްދަލުވުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

"ފުރަތަމަ ކޭސް އައީ ވަރަށް އާދަޔާ ހިލާފު ގޮތަކަށް. އެ ކޭސްއިން ޕޮޒިޓިވްވި މީހާވެސް އޭރު ވަނީ [ރާއްޖެއިން] ފުރާފައި. ކޭސް ފެނުނު ކުރެއްދޫގައި ސްޓާފުން ޓޫރިސްޓުން ލައިގެން 1،400 އަށް ވުރެ ގިނަ މީހުން ތިބި. ރައްޔިތުންގެ ހާސްކަން ވެސް ހުރި. އެ ހުރިހާ ކަމަކަށް ވިސްނަން ޖެހުނު. ފުރަތަމަ ކޭސްގައި ރިއެކްޓް ކުރި ގޮތް އެއީ މިތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ނެގި ފިލާވަޅެއް،" ހިސާން ވިދާޅުވި އެވެ.

ކޮންމެ މަސައްކަތަކަށް ކްލަސްޓާއެއް!

ހިސާން ތަފްސީލް ކޮށްދެއްވި ގޮތުގައި ރައީސް ބޭނުންފުޅުވި ގޮތަށް، ކޮރޯނާވައިރަހުގެ ކަންކަމާ ގުޅިގެން އެއް މަރުކަޒެއްގެ ތެރެއިން ހުރިހާ މަސައްކަތްތައް ހިންގޭ ގޮތަށް، އެންއޯއީސީގައި ކްލަސްޓާތަކެއް އެކުލަވާލި އެވެ. ކޮންމެ ކްލަސްޓާއަކުން ކުރަނީ ވަކި މަސައްކަތެކެވެ. ޑޮކްޓަރުން ހިމެނޭ ގޮތުން، ޓެގް ޓީމަކާއި ކޮންޓެކްޓް ޓްރޭސިން އާއި ރެޕިޑް ރެސްޕޮންސް މަސައްކަތަށް، ކްލަސްޓާއެއް އޮވެ އެވެ. މީގެ އިތުރުން ޕްލޭނިން ކޯޑިނޭޝަން، އޮޕަރޭޝަންސް އަދި މީޑިއާ ރިލޭޝަންސްގެ މަސައްކަތްތަކަށް ވެސް ކްލަސްޓާއެއް އުފައްދާފައިވެ އެވެ. މިއިން ކޮންމެ ކްލަސްޓާއަކީ ވެސް އެންއޯއީސީ މަސައްކަތް ކުރުމަށް މުހިންމު ބައެއް ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ، އެއް ކްލަސްޓާ މަސައްކަތް ކުރުން، ހުއްޓުނަސް އެންއޯސީގެ މަސައްކަތަށް ބުރޫއަރައި ހުއްޓިދާނެ އެވެ.

އެންއޯއީސީގެ މަސައްކަތް ކުޑަ ވަގުތުކޮޅަކަށް ވެސް ހުއްޓިއްޖެ ނަމަ، ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ވެސް އެ ހުއްޓިދާނެ އެވެ. ހިސާން ވިދާޅުވާ ގޮތުގައި މިއީ ވަރަށް އެފިޝަންޓް މަސައްކަތަކަށް ވާން ޖެހެނީ އެހެންވެ އެވެ. އެކަމަކު އެއީ ހުއްޓާލެވެން ނެތް މަސައްކަތެކެވެ. އެއީ، މިވަގުތަށް މުޅި ރާއްޖެ ހިންގާ މައި ކޮމާންޑް ސެންޓަރެވެ.

މިނިސްޓަރު އަމީން އާއި ހިސާން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

"މިއީ ދުލުން ބަޔާންކޮށްލެވޭ ވަރަށް ވުރެވެސް ބޮޑު މަސައްކަތެއް. އޮފީހެއް މިނިސްޓްރީއެއް ހިންގުމަށް ވުރެ ވެސް ބޮޑު މަސައްކަތެއް މިއީ. މިތަން މި އޮންނަނީ 24 ގަޑިއިރު ހޭލާ،" ހިސާން ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކާއި އައިސޮލޭޝަން ސެންޓަރުތަކާއި އެ ތަންތަނަށް ޝައްކުވާ މީހުން ގެންދިޔުމާއި ޓެސްޓް ހަދަން ސާމްޕަލްތައް ނެގުމުގެ އިންތިޒާމް ހަމަޖެއްސުމާއި މިހެން ގޮސް ހުރިހާ ކަމެއް ވިލަރެސް ކުރުމުގެ މަސައްކަތްތައް ދަނީ އެ ސެންޓަރުގެ ތެރޭގަ އެވެ. ރަށްރަށުގައި ތިބޭ އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް ކޮމާންޑް ދެނީވެސް ހަމަ މި ސެންޓަރުންނެވެ.

ދުނިޔޭގެ ބަދަލުވާ ހާލަތާއި ރާއްޖޭގެ ހާލަތު ދިރާސާކޮށް، މި އޮޕަރޭޝަންގެ އެންމެ އިސް ވަޒީރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްވެ ހުންނަވާ އެޖެންސީތަކުގެ އިސްވެރިން އެންއީއޯސީގައި ކޮންމެ ދުވަހަކު ބައްދަލުވެ އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެ އެވެ. އަދި އެއަށް ފަހު، ސެންޓަރުގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ކޮންމެ ރެއަކު ބްރީފިން ދެއެވެ. ރައީސް އާއި ވަޒީރުން ބައިވެރިވާ އެ ބައްދަލުވުމަކީ ކުރިއަށް އޮންނަ 24 ގަޑިއިރަށް ކަންކަން ތަރުތީބު ކުރާނެ ގޮތް ނިންމާނެ، ބައްދަލުވުމެވެ.

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ގުރުބާނީއާ އެކު ކެތްތެރިކަމުގެ ނަމޫނާއެއް!

ކޮރޯނާވައިރަހުގެ ކަންތައްތައް މައިތިރިވެ ހިސާން އާއި އެންއީއޯސީގެ ޓީމަށް އަދި ގެޔަށް ދެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ. ހިސާން ވިދާޅުވަނީ، ރެއާ ދުވާލު ހޭލާ ތިބެގެން އެ ކުރާ މަސައްކަތުން އެ ޓީމަށް ވަރުބަލި ކަމެއް ނާންނަ ކަމަށެވެ. އެ ސެންޓަރުގެ ގިނަ މުވައްޒަފުން މަސައްކަތް ނިންމާލާ ގެއަށް ދަނީ ފަތިހު ހަތަރެއް ޖަހާވެސް ބޮޑުވާ ފަހުން ކަމަށް ހިސާން ވިދާޅުވި އެވެ. އެކަމަކު އަނެއް ދުވަހު ހެނދުނު ތިބެނީ ނިކުމެ މަސައްކަތުގަ އެވެ.

"މިއީ ވަރަށް ކެތްތެރި ބަޔަކަށް ކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ މި ޓީމް ވަރަށް ކެތްތެރި. މިއީ ދިވެހިންގެ ހައްގުގައި މި ޓީމުން ކުރާ މަސައްކަތް. މި ޓީމްގެ ކޮންމެ މީހަކީ މި ގައުމަށްޓަކައި އެ މީހުންގެ ވަގުތުތައް ހޭދަކުރަމުން ދާ ބައެއް،" ހިސާން ވިދާޅުވި އެވެ. "މިވަރުގެ ހިތްވަރެއް ދިވެހިންގެ ބަޔަކު ކުރާތީ އަދި ނުދެކެން. މި ޓީމަށް ހަމަ ސާބަސް،"

ސްޓޭކް ހޯލްޑާ ބައްދަލުވުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

އެންއީއޯސީއިން ކުރަން ހުރި މަސައްކަތްތަކާއި އަދާކުރަން ޖެހޭ ޒިންމާތައް އަދިވެސް ގިނަ އެވެ. ކުރިއަށް އޮތްތަނުގައި ރާއްޖެ ބައްޓަންވާނެ ގޮތުގެ ސާފު މަގެއް ކުރަހަން ޖެހިފައި އޮތީ މި ސެންޓަރަށެވެ. މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ލުއިކޮށްލުމުން ދެން ވާނެ ގޮތާއި އެ ކަންކަމަށް އަޅާނެ އަވަސް ފިޔަވަޅުތައް ރޭވުމުގައި ވެސް އިސް ދައުރެއް އަދާކުރަން ޖެހެނީ މި ސެންޓަރަށެވެ. ހިސާން ސިފަކުރައްވާ ގޮތުގައި ދެން އޮތް ޗެލެންޖު އަދި ކުޑައެއް ނޫނެވެ. ދުނިޔޭގައި މި ބަލިމަޑުކަމުގެ މަންޒަރު ބަދަލުވާނެ ގޮތް އަދި އޮތީ، ނޭނގުމެއްގެ ތެރޭގަ އެވެ. އެއީ، ފަރުވާތެރިވެ ހުށިޔާރުވެގެން ތިބެން ޖެހޭ ކަމެކެވެ.

އެކަމަކު ހިސާން ދެއްވާ ބޮޑު ޔަގީންކަމެއް އެބަ އޮތެވެ؛ ސިކުންތަކުން ސިކުންތަކުން ބަދަލުވަމުން އަންނަ ކޮންމެ ހާލަތަކަށް އެންއީއޯސީގެ ޓީމް އޮތީ ތައްޔާރަށެވެ. އެ މީހުން ތިބީ ދިވެހިންގެ ހިދުމަތުގައި އެންމެހާ ދިވެހިންގެ ރައްކަލަކަށް އަތުކުރި އޮޅާލައިގެންނެވެ. އެންއީއޯސީގެ މަސައްކަތްތަކީ މިވަގުތު ގައުމުގެ ހިތާއި ރޫހެވެ. ގައުމަށް އުންމީދު ގެނެސްދެނީ އެންއީއޯސީއިން ހޭބޯނާރާ ކުރާ މަސައްކަތްތަކުންނެވެ. މިއީ އާދަޔާ ހިލާފު ރޫހެއްގައި ތިބި އަޖައިބެއް ފަދަ ޓީމެކެވެ.

comment ކޮމެންޓް