މެލޭޝިއާގައި ތިބޭ އާއިލާތަކަށް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ކެއާ ޕެކޭޖް

މޯލްޑިވިއަންގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވިއަން

މެލޭޝިއާގައި ތިބޭ ދިވެހި އާއިލާތަކުގެ ތެރެއިން ކޮންމެ އާއިލާއަކަށްވެސް ގިނަވެގެން ފޮނުވޭނީ 15 ކިލޯގެ ކެއާ ޕެކޭޖްކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި މެލޭޝިއާ އޮތީ ލޮކްޑައުންގަ އެވެ. އަދި ރާއްޖެއާ އެގައުމާ ދެމެދު ކުރާ ކޮމާޝިއަލް ފްލައިޓްތައް މިހާރު އޮތީ މެދުކަނޑާލައިފަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖް ފޮނުވުމުގެ އުސޫލް އާންމުކޮށްފަ އެވެ.

މާދަމާ މެލޭޝިއާއަށްދާ މޯލްޑިވިއަންގެ ފްލައިޓްގައި ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތު ދީފައިވަނީ ހިލެ އެވެ.

މިނިސްޓްރީން ބުނީ މެލޭޝިއާއަށް ފޮނުވޭނީ އެގައުމުން ނުލިބޭ ބޭހާއި ޒަރޫރީ ކަންކަމުގައި ފޮނުވާ ތަކެެތި ކަމަށެވެ. އެގޮތުން ޑަކްޓަރީ ބޭސް ފޮނުވާއިރު ބޭސް ސިޓީ އޮންނަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކެއާ ޕެކޭޖްގެ ގޮތުގައި ފޮނުވޭ ތަކެތީގެ ތެރޭގައި މަސްދަޅާއި ރިހާކުރާއި ނޫޑްލީސް ކޭހާއި މަސް އަދި ފަތް ޕެކެޓް ހިމެނެ އެވެ.

ކެއާ ޕެކޭޖްގެ ގޮތުގައި ފައިސާ، ކިއްލި، ހެދިކާ، ރޯމަސް އަދި މޭވާ އާއި ދުންފަތުގެ ބާވަތްތައް ނުފޮނުވޭނެކަމަށް މިނިސްޓްރީން ބުންޏެެވެ.

ކެއާ ޕެކޭޖްގެ ގޮތުގައި ފޮނުވާ ތަކެތި މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ކައުންޓަރުތަކުން ހެނދުނު އަށަކުން ހަވީރު 4:30 އާ ހަމައަށް ބަަލައިގަނެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

ކާގޯގެ ގޮތުގައި ފޮނުވަން ބޭނުންވާ ތަކެތީގެ މައުލޫމާތު ހިމެނޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.

މީގެ ކުރިން ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށްވެސް ކެއާ ޕެކޭޖް ފޮނުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލި އެވެ.

comment ކޮމެންޓް