ކޮރޯނާވައިރަސް: އިޓަލީން ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް

ކޮވިޑް ޖެހިފައިވާ މީހުންނަށް އިޓަލީގެ ޑޮކްޓަރުން ފަރުވާ ދިނުމުގައި--

އިޓަލީގައި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހޭ މިންވަރު ދަށްވެއްޖެ އެވެ.

އެގޮތުން އެގައުމުގައި މިއަދު ކޮރޮނާވައިރަސް ޖެހިފައިވަނީ 1941 މީހުންނަށެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު ދެ ޕަސެންޓް ދަށް އަދަދެކެވެ. މިއީ މާޗް 30 ގެ ފަހުން ބަލި ޖެހޭ މީހުން އެންމެ ދަށްވި ދުވަސްވެސްމެ އެވެ. އަދި އައިސީޔޫގައި ފަރުވާ ދޭ މީހުންގެ އަދަދުވެސް މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

މިހާތަނަށް ކޮރޯނާ ޖެހިގެން އިޓަލީން ވަނީ، 16،523 މީހަކު މަރުވެފަ އެވެ. މިއަދު އެކަނިވެސް 636 މީހުން އިޓަލީން ވަނީ މަރުވެފަ އެވެ.

މިއަދާ ހަމައަށް އިޓަލީގައި 132،547 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު 22،837 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

އިޓަލީގައި ކޮރޮނާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ އެގައުމުގެ އުތުރުގެ ލޮމްބަރުޑީ ސަރަހައްދުގަ އެވެ. އެ ހިސާބުން އެކަނިވެސް 9,202 މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާ ކޮންޓްރޯލް ކުރަން މުޅި އިޓަލީ މިހާރު އޮތީ ލޮކްޑައުންގަ އެވެ. އިޓަލީގެ ބޮޑުވަޒީރު ގިއުސެޕޭ ކޮންތޭ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކަށް ލުޔެއް ދޭނީ ސައިންޓިސްޓުންގެ ލަފަޔާ އެކުގައި ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިޓަލީގެ އިގްތިސާދަށް ދަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވަމުންނެވެ. ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އިޓަލީންވަނީ 432 ބިލިއަން ރުފިޔާގެ ޕެކޭޖެއްވެސް އިއުލާންކޮށްފަ އެވެ.

ކޮރޯނާ ޖެހުނު މީހުން ޖުމްލަ އަދަދު މުޅި ދުނިޔެއިން ވަނީ މިލިއަނަކަށްވުރެ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ހުރީ 72،000 އަށް ވުރެ މަތީގަ އެވެ.

comment ކޮމެންޓް