މި ދަނޑިވަޅުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ހުރަހެއް ނެތް: އޭޖީ

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ބަންޑާރަ ނައިބު އިބްރާޙިމް ރިފްއަތު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކައުންސިލު އިންތިހާބު ފަސް ކުރަން ޖެހިފައިވާތީ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މި ދަނޑިވަޅުގައި ހުރަހެއް ނެތް ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކައުންސިލު އިންތިހާބު ފަސް ކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން މައްސަލައެއް ހުށަހަޅައިގެންނެވެ. އެކަމަކު، އޭގެ ބަދަލުގައި މަޖިލީހުން ބިލެއް ފާސްކޮގެން އިންތިހާބު ފަސް ކުރަން ނިންމި އެވެ. ކައުންސިލު އިންތިހާބު ފަސް ކުރަން ނިންމާފައި ވަނީ ސަރުުކާރުގެ ފަރާތުން ހުށަހަަޅާ ސަންސެޓު ބިލެއް ފާސްކޮށްގެންނެވެ. މެމްބަރުންގެ ދައުރު އިތުރު ކުރަން އުޅެނީ، އެ ސަންސެޓު ބިލު ފާސް ކުރިޔަސް، މިހާރު ތިބި ކައުންސިލުތަކުގެ ދައުރު ހަމަވާތީ އެވެ. މެމްބަރުންގެ ދައުރު އިތުރު ކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމަށްޓަކައި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ. އެކަމަކު، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. އެ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނާ ނުރައްކަލެއްގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އިއުލާން ކުރުމުގެ ބާރު ލިބިގެންވާ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައި ނުވެ އެވެ. ރާއްޖޭގައި އިއުލާނުކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާނު ކުރާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެވެ.

އޭޖީ ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކަމެވެ. އެހެންކަމުން މިވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނު އަަސާސީ އިސްލާހުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ އުމުރު އޮތީ ކަނޑައެޅިފައި. 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން،" ރިފްއަތު ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ މެދު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ލަފަޔަަކަށްވެސް އެދިފަ އެވެ. ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވީ މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

comment ކޮމެންޓް