އެންޒީ މަސްދަޅަކުން ތިން ރުފިޔާ އަގުހެޔޮކޮށްފި

އެންޒީގެ ބައެއް އުފެއްދުންތައް -- ފޮޓޯ :އެންޒީ

ކޮވިޑް19އާ ގުޅިގެން އާންމުންނަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވާ މި ދުވަސްވަރު ލުޔެއް ހޯދައިދިނުމަށް ޓަކައި އެންޒީން ވިއްކާ މަސްދަޅުގެ އަގު ހެޔޮކޮށްފި އެވެ.

އެގޮތުން އެންޒީން ވަނީ ކޮންމެ މަސް ދަޅަކުން ތިން ރުފިޔާ އަގުހެޔޮކޮށްފަ އެވެ.

އެއާއެކު ކުރިން 15 ރުފިޔާއަށް ވިއްކި އެންޒީ ތެޔޮ މަސް ދަޅު މިހާރު 12 ރުފިޔާއަށް ލިބޭނެ އެވެ. އަދި ފެން މަސް ދަޅެއްގެ އަގު 11.50 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފަ އެވެ.

މިހާރު އެންަޒީ ތެޔޮ މަސް ދަޅު ކޭހެއްގެ އަގަކީ 555 ރުފިޔާ އެވެ. އަދި ފެން މަސްދަޅު ކޭސް ވިއްކަނީ 530 ރުފިޔާ އަށެވެ.

ކޮވިޑް19އާއި ގުޅިގެން އާންމުންނަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވާ މި ދުވަސްވަރު ލުޔެއް ހޯދައިދިނުމަށްޓަކައި އެންޒީން ވަނީ މަސްދަޅަކުން ތިން ރުފިޔާ ކުޑަކޮށްދީފައި-- ފޮޓޯ/އެންޒީ

އެންޒީއިން ބުނީ މަސްދަޅުގެ އަގަށް ހެޔޮ ބަދަލެއް ގެންނަން ނިންމީ ކޮވިޑް19އާއެކު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ އިތުރުން ކުރިއަށް އޮތީ ރަމަޟާން މަހަށް ވުމާއެކު އެންމެ ގިނައިން ބޭނުންކުރާ ޕްރޮޑަކްޓަކީ މަސްދަޅަށް ވުމުން ލުޔެއް ހޯދައިދިނުމަށް ކަމަށެވެ.

މި ދުވަސްވަރު ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާއިރު، ޑެލިވަރީގެ ހިދުމަތާއެކު އެންޒީގެ ހިދުމަތްތައް ގޭގައި ތިބެގެން ހޯދޭނެ ގޮތް ވެސް އެކުންފުނިން ވަނި ފަހިކޮށްދީފަ އެވެ.

އެންޒީގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުމަށްފަހު ބޭނުންވާ މަސްދަޅުގެ ބާވަތް، އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދިނުމުން ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ. އެންޒީގެ ޑެލިވަރީ ހިދުމަތް ދޯނިތަކަށް ވެސް ފޯރުކޮށްދެ އެވެ.

އާންމުންނަށް ލުޔެއް ހޯދައިދިނުމަށް އެންޒީއިން ވިއްކާ މަސްދަޅުގެ އަގު ދަށްކުރިއިރު، މި އަގުގައި ހުސްނުވެ މަސްދަޅު ލިބޭނެ ކަމުގެ ޔަގީންކަން އެންޒީއިން ކަސްޓަމަރުންނަށް އަރުވަ އެވެ.

އެންޒީ މަސްދަޅު އުފައްދާ މައި ކުންފުނި އެންސިސް ފިޝަރީޒްއަކީ ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ ކުންފުންޏެކެވެ. މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ހެޔޮކޮށް ދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އެންސިސްއިން ބުނެ އެވެ.

comment ކޮމެންޓް