މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ: ކައުންސެލް ޖެނެރަލް

މަޖިލީހުގެ ރައީސްއަށް ގާނޫނީ ލަފާ ދެއްވާ، ކައުންސެލް ޖެނެރަލް ފިލްޒާ -- ފޮޓޯ/ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ގާނޫނީގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށްޓަކައި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ.

އެހެންކަމުން މިހާލަތުގައި ގާނޫނީ އަސާސީއަށް އިސްލާހު ގެނެވިދާނެތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އެކަމާ ގުޅިގެން ކައުސެލް ޖެނެރަލްގެ ލަފަޔަކަށް ވެސް އެކަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ކައުންސެލް ޖެނެރަލް ފިލްޒާ، ނަޝީދަށް ފޮނުއްވި ލަފާގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކޮންމެ ވަގުތެއްގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވަނީ ގުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

މިހާރު ރާއްޖޭގައި އިއުލާނުކޮށްފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓާ ޖެނެރަލަށް ފެނިއްޖެހިނދެއްގައި، އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލަށް ގަބޫލުކުރެވިއްޖެހިނދެއްގައި، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމުގެ އިއުލާނުކުރުމަށާއި، އެ އިއުލާނު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެކަން ކައުންސެލް ޖެނެރަލް ފާހަގަކުރެއްވިއެވެ.

އަދި ޑިރެކްޓާ ޖެނެރަލް ވަޒީރަށް ލަފާދެއްވައިފިނަމަ، ވަކި ސަރަހައްދަކަށް، ވަކި ވަގުތަކަށް، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެކަމުގެ އިއުލާނު ވަޒީރު ކުރަން ވާނެކަމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އެނގެން އޮންނަ ކަމަށެވެ.

އެއާ ހިލާފަށް ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހާލަތުގައި ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން އިއުލާނު ކުރެވޭ އަދި ދެމެހެއްޓޭ ހާލަތެއްކަން ވެސް ކައުންސެލް ޖެނެރަލްގެ ލަފާގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ލިބިފައިވަނީ ދައުލަތުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އަދި ސަރުކާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަން ވެސް ފާހަގަކުރެއްވިއެވެ.

އަދި ކުއްލި ހާލަތު އިއުލާނުކުރައްވާ ރައީސް ނެރުއްވާ ގަރާރަކާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

ކައުންސެލް ޖެނެރަލް ވިދާޅުވީ ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ގާނޫނު އަސާސީގެ 253 ވަނަ މާއްދާ އާއި 254 ވަނަ މާއްދާއާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި ގާނޫނު މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ބަލާއިރު ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތު ކަމުގައި ބުނެފައި ވަނީ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން 2012 ވަނަ އަހަރު އަމަލުކުރަން ފެށި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ.

އަދި ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި އެ ބުނަނީ، ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރަކުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ވީމާ އިސްވެ ދެންނެވުނު ނުކުތާތަކަށް ރިއާޔަތް ކުރާއިރު ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ދަންނަވަމެވެ."

comment ކޮމެންޓް