ދިރާގު ފިކްސްޑް ބްރޯޑްބޭންޑުން ސަރުކާރުގެ ވިއުގައަށް ހިލޭ ވަދެވޭނެ

ދިރާގު ސީއީއޯ އާއި ކޮމިޔުނިކޭޝަން މިނިސްޓަރު މަލީހު

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާތީ، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުގެ ވިއުގައަށް ހިލޭ ވަދެވޭނެ ގޮތް، ދިރާގުން ހަދައިފި އެވެ.

ދިރާގުން ބުނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ގުޅިގެން ހަމަޖެއްސި މި އިންތިޒާމްގެ ދަށުން، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތުން މުޅިން ހިލޭ ސަރުކާރުގެ ވިއުގައަށް ވަދެވޭނެކަމަށެވެ.

ދިރާގުން އަދި ބުނީ މިދުވަސްވަރަކީ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވާ ދުވަސްވަރަކަށް ވާތީ، ގޭގައި ތިބެގެން ރިމޯޓް ވޯކިންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ހިދުމަތް މުވައްޒަފުންނަށް ވަރަށް މުހިންމު ކަމަށެވެ.

މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ދިރާގުން ބުންޏެވެ.

މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ކޮރޯނާއާ ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލްތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާކަން ފާހަގަކޮށް ދިރާގުން ބުނީ ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، އާއިލާއާއި ރައްޓެހިންގެ ހާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް އިންޓަނެޓް ބޭނުންވާ ކަމަށެވެ.

މިކަމުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުން ކުރިއަށްވުރެ އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ މާޗު މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދޭން ފަށައިފައެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފަ އެވެ.

މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހު ދީފައިވާއިރު އަދި މޭ މަހު ވެސް މި އެލަވަންސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދދިރާގުން ބުންޏެވެ. މީގެ އިތުރުން ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ތަކުންވެސް ދިރާގުން ވަނީ 50 ޕަސެންޓް ޑިސްކައުންޓް ދީފަ އެވެ.

މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލް މަހު 50 އާއި 75 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދީފައިވާއިރު މޭ މަހުގައި ވެސް މި އެލަވަންސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަގާ ޑޭޓާ އެޑް-އޮން އަށް 50 ޕަސެންޓް އިތުރު ޑޭޓާ ލިބިގެންދާނެ އެވެ.

ދިރާގުން ދަނީ ސަރުކާރާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް