ނޭމާގެ މަދުވަނީ ރޮނާލްޑޯއާއި މެސީގެ ޕްރޮފެޝަނަލިޒަމް: ޒިކޯ

ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ --- ފޮޓޯ/ޖޭމީ ސްމިތް

ބްރެޒިލްގެ ޕީއެސްޖީ ފޯވާޑް ނޭމާ ޖޫނިއާ އެންމެ އުހަށް އެރުމަށް މަދުވަނީ ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕްރޮފެޝަނަލިޒަމް ކަމަށް ބްރެޒިލްގެ ލެޖެންޑް ޒިކޯ ބުނެފި އެވެ.

ޝައްކެތް ވެސް ނެތް ގޮތުގައި އުމުރުން 28 އަހަރުގެ ނޭމާ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންގެ ލިސްޓުން ވެސް އެންމެ ކުރީގައި ނަން އޮންނާނެ ކުޅުންތެރިއެކެވެ. ކުލަބުތަކުގައި ދެއްކި ކުޅުމާއި ޖަހާފައިވާ ގޯލުތަކުގެ އަދަދުތަކަކީ އެކަމަށް ބާރުދޭ ހެކިތަކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅައިގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް 2017 ވަނަ އަހަރު ބަދަލުވުމަށް ފަހު ކުޅުނު 80 މެޗުގައި 69 ގޯލު ޖަހައި ފްރާންސްގެ ލީގާއި ލީގު ކަޕުގެ ތަށި ވެސް ފަސޭހަކަމާ އެކު ޕީއެސްޖީން ހޯދުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ ވެސް ނޭމާ އެވެ.

އެކަމަކު ވޭތުވެ ދިޔަ 15 ވަރަކަށް އަހަަރު މެދުކެނޑުމެއްް ނެތި އެއްވަނައިގައި ހިފަހައްޓަމުން އަންނަ މެސީއާއި ރޮނާލްޑޯއާއި އެއް ފޮޅުވަތެއްގަައި ނޭމާގެ ނަން ގިނަ ބަޔަކު ނުހިމަނާ ސަބަބުތައް ގިނަ އެވެ. ދަނޑު ބޭރުގައި ހިނގާ ކަންތައްތަކާއި އަހުލާގީ މައްސަލަތަކުގެ ޝިކާރައަކަށްވެ ނޭމާގެ ޑްރާމާތައް ނުހަނު ގިނަވުމަކީ ވެސް އޭނަ ދެކެ ބައެއް މީހުން ފޫހިވާ ކަމެކެވެ.

އެހެން ނަމަވެސް ނޭމާގެ ހުނަރާއި އެއްވަރަށް އޭނަގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓިއްޖެ ނަމަ ދުނިޔޭގެ އެއްވަނައަށް އެރުމަކީ މާދުރުގައި އޮތް ކަމެއް ނޫން ކަމަށް ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ޒިކޯ ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ގަޔާވޭ ނޭމާގެ ކުޅުމަށް. ވަރަށް ހިތްގައިމު. އެކަމަކު މެސީއާއި ރޮނާލްޑޯ ފެންވަރަށް އޭނާ ދިއުމަށް މަދުވާ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި އެކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމް ނޭމާ ހިފަހައްޓަން ޖެހޭ،" ޒިކޯ ބުންޏެވެ.

ޒިކޯ ބުނީ ނޭމާ އަކީ ވަރަށް ފަސޭހައިން ދަނޑު ބޭރުގެ އަޑުތަކަށް ހެއްލޭ ކުޅުންތެރިއެއް ކަމަށެވެ. އެކަމަކު އެ އަޑުތަކަށް ބީރު ކަންފަތެއްދީ ޕީއެސްޖީގައި އޮތް ޓީމާއެކު ވިސްނުންތެރިކަމާ އެކު ކުޅެގެން ނޭމާ ބޭނުންވާ ހިސާބަށް ވާސިލް ވެވޭނެ ކަމަށް ޒިކޯ ބުނެ އެވެ.

"ނޭމާއާއި ދާދި ފަހުން ވާހަކަ ދެއްކިން. ފުޓުބޯޅައިގެ މުހިންމު ވާހަކަތަކެއް ހިއްސާކުރެވުނު. އަދި އިތުރަށް ޕްރޮފެޝަނަލް ވުމަށް ނަސޭހަތްތެރިވީން." ޒިކޯ އިތުރަށް ބުންޏެވެ.

comment ކޮމެންޓް