ސިންގަޕޫރުން 20،000 ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކޮށްފި

ސިންގަޕޫރުން ވަނީ 20،000 ބިދޭސީ މަސައްކަތްތެރިން ކަރަންޓީނުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ސިންގަޕޫރު (އޭޕްރިލް 6): ސިންގަޕޫރުން 20،000 ބިދޭސީ މަސައްކަތްތެރިޔަކު 14 ދުވަސްވަންދެން އެމީހުންގެ ޑޯމިޓަރީތަކުގައި މަޑު ކުރަން އަންގައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ސިންގަޕޫރުން ވަނީ ބިދޭސީ މަސައްކަތްތެރިން ތިބި ދެ ޑޯމެއް ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ޑޯމްގައި 13،000 މީހަކު ތިބި އިރު އޭގެ ތެރެއިން 63 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އަނެއް ޑޯމްގައި 6،800 މީހުން ތިބި އިރު އޭގެ ތެރެއިން 28 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެ ދެ ޑޯމަކީ ޕުންގޮލްގައި ހުރި އެސް11 ޑޯމިޓަރީ އާއި ވެސްޓްލައިޓް ޓޯ ގުއަން ޑޯމިޓަރީ އެވެ. ސިންގަޕޫރުގެ ސަރުކާރުން ބުނި ގޮތުގައި އެ ދެ ތަން ކަރަންޓީނު ކުރީ ޑޯމްތަކުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމުން، މަސައްކަތްތެރިން ރައްކާތެރިކުރުމަށާއި މުޖުތަމައަށް ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.

އެ ފިޔަވަޅުގެ ދަށުން ސަރުކާރުން ވަނީ މަސައްކަތްތެރިން ދިރިއުޅޭ ބްލޮކުން ބޭރަށް ނުދިޔުމަށާއި އެމީހުންގެ ކޮޓަރީގައި ދިރިއުޅޭ މީހުން ނޫން އެހެން މީހުންނާ ބައްދަލުކޮށް ނެހެދުމަށް އަންގާފަ އެވެ.

ސިންގަޕޫރު ސަރުކާރުން ބުނި ގޮތުގައި އެމީހުން ކަރަންޓީނުގައި ތިބޭ މުއްދަތުގައި އެމީހުންނަށް މުސާރަ އާއި ކޮންމެ ދުވަހަކު ތިން އިރަށް ކެއުން ލިބޭނެ އެވެ. އަދި އެމީހުންނަށް މުސާރަ ދިނުމަށް ސަރުކާރުގެ އެހީއަށް އެދޭ ކުންފުނިތަކަށް ދުވާލަކަށް 100 ސިންގަޕޫރު ޑޮލަރު (67 އެމެރިކާ ޑޮލަރު) ދެވޭނެ އެވެ.

މީގެ އިތުރުން އެމީހުންނަށް މާސްކާއި ސެނިޓައިޒާ އާއި ތާމޯމީޓަރު ވެސް ފޯރުކޮށްދޭނެ ކަމަށް ސިންގަޕޫރު ސަރުކާރުން ބުންޏެވެ. އަދި އެމީހުން ދުވާލަކު ދެ ފަހަރު ހުން ބަލަން ޖެހޭނެ ކަމަށާއި ސިއްހީ އެހީ ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

ނަަމަވެސް ޕުންގޮލް ޑޯމްގައި ތިބި ހަ މީހަކު ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްއާ ވާހަކަ ދައްކަމުން ވަނީ އެމީހުން ދިރިއުޅެމުންދާ ތަނުގައި ކުރަފި ތިބި ކަމަށާއި ފާހާނާތައް ހަލާކުވެ، ކާނާ ހޯދަން ކިޔޫ ހަދަން ޖެހޭ ކަމަށް ބުނެފަ އެވެ.

ސިންގަޕޫރުގައި މަސައްކަތް ކުރާ ބިދޭސީން ތިބޭ ޑޯމްތަކަކީ އާއްމު ގޮތެއްގައި ޕްރައިވެޓް ކުންފުނިތަކުން ހިންގާ ތަންތަނެވެ. ނަމަވެސް 1،000އަށް ވުރެ ގިނަ މީހުން ތިބޭ ޑޯމްތަކަށް ލައިސެންސްއެއް ހޯދަން ޖެހެ އެވެ. އަދި އެފަދަ 40 ވަރަކަށް ޑޯމް ސިންގަޕޫރުގައި ހުންނަ ކަމަށް ބީބީސީން ރިޕޯޓު ކުރި އެވެ.

ސިންގަޕޫރުގައި މިހާތަނަށް 1،300އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.

ސިންގަޕޫރުން ފުރަތަމަ ވައިރަސް ފެނުނީ ބޭރުން އެގައުމަށް ދިޔަ މީހުންގެ ފަރާތުން ކަމަށްވީ ނަމަވެސް އެފަދަ ދަތުރެއްކޮށްފައި ނުވާ އެގައުމުގެ މީހުންގެ މެދުގައި ވެސް މިހާރު ވަނީ ވައިރަސް ފެތުރެން ފަށާފަ އެވެ. އަދި އިއްޔެ އެގައުމުން ވަނީ 24 ގަޑިއިރު ތެރޭ 120 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ އެއް ދުވަސް ތެރޭ އެހާ ވަރަށް ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް ބުނެފަ އެވެ.

ސިންގަޕޫރުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ މީހުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ އެހެން ސަބަބުތަކާ ހެދި ބޭރަށް ނުދިޔުމަށް އަންގާފަ އެވެ. އަދި ސްކޫލުތަކާއި ޒަރޫރީ ހިދުމަތްދޭ ވިޔަފާރިތައް ނޫން އެހެން ވިޔަފާރިތައް ބަންދު ކުރަން އަންގާފަ އެވެ.

comment ކޮމެންޓް