ދަނޑުވެރިންގެ އުފެއްދުންތައް މާކެޓުކުރަން "ދަނޑުވެރިޔާ" އެޕްލިކޭޝަން

ދަނޑުވެރިޔާ އެޕްލިކޭޝަން -- ފޮޓޯ: ގިމިކް ސްޓޫޑިއޯ

ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކައި، މާކެޓު ކުރުމަށް ހާއްސަ ޕްލެޓް ފޯމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގިމިކް ސްޓޫޑިއޯ އިން "ދަނޑުވެރިޔާ" ގެ ނަމުގައި ޑިވެލޮޕްކުރާ މި އެޕްލިކޭޝަން އަކީ ދިވެހި ދަނޑުވެރިން ހައްދާ އުފެއްދުންތައް ވިއްކުމަށް ފަސޭހަވާނެހެން ތަރައްގީކުރާ އޮންލައިން ޕްލެޓްފޯމެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމުގެ އިތުރުން ދަނޑުވެރިކަމުގައި ބޭނުންކުރާނެ އުކުޅުތަކުގެ ޓިއުޓޯރިއަލްތައް ވެސް ދަނޑުވެރިންނަށް ބަލައިލެވޭނެ އެވެ. މީގެ އިތުރުން ދަނޑުވެރިންނަށް ބޭނުންވާ ފާޓިލައިޒާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ.

ގިމިކް ސްޓޫޑިއޯ އިން ބުނީ ދަނޑުވެރިޔާ އެޕްލިކޭޝަން އަކީ "ގޭގައި އިނދެގެން ރަށުގައި ހައްދާ އަނބު ވެސް ގަނެލެވޭނެ" ފަދަ ފަސޭހަ އެޕްލިކޭޝަން އަކަށް ވާނެ ކަމަށެވެ.

"މިއީ މާލޭގައި ތިބޭ ވިޔަފާރިވެރިންނަށް، ރަށްރަށުގައި ދަނޑުވެރިން ހައްދާ އުފެއްދުންތައް ވިއްކަން ފަސޭހަވާނެ ޕްލެޓްފޯމެއް. ކުރުކޮށް ބުނާނަމަ މިއީ އޮންލައިން ލޯކަލް މާކެޓެއް. މި އެޕްލިކޭޝަން މެދުވެރިކޮށް ވިއްކޭނީ ރާއްޖޭގައި އުފައްދާ، ހައްދާ ތަކެތި،" ގިމިކް ސްޓޫޑިއޯ އިން ބުންޏެވެ.

އެޕްލިކޭޝަން ލޯންޗު ކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، އެ ސްޓޫޑިއޯގެ އަމާޒަކީ މި އެޕްލިކޭޝަން ހިފައިގެން ރަށްރަށުގައި ތިބި ދަނޑުވެރިންގެ ގާތަށްގޮސް، ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް އެޕްލިކޭޝަން މެދުވެރިކޮށް ހުރި ފުރުސަތުތަކުގެ ވާހަކަ ކިޔައިދިނުމެވެ.

"ކައުންސިލްތަކަށް ވެސް ޑައިރެކްޓް އެޕްރޯޗު ކުރުމުން މަގުސަދަކީ. ދަނޑުވެރިންގެ ގާތަށް ގޮސް މީގައި ހުރި ފަސޭހަ ކިޔައިދެން މަސައްކަތް ކުރާނަން،" އެ ސްޓޫޑިއޯ އިން ބުންޏެވެ.

މި އެޕްލިކޭޝަނުގައި ލޮޖިސްޓިކްސްގެ ކަންތައްވެސް ހިމެނިފައިވާނެ ކަމަށް ގިމިކް ސްޓޫޑިއޯ އިން ބުންޏެވެ. އެ ސްޓޫޑިއޯގެ އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއް ނުވަތަ ދެ މަހެއްގެ ތެރޭ އެޕްލިކޭޝަން ލޯންޗުކޮށް ދަނޑުވެރިންނަށާއި ރައްޔިތުންނަށް ގަނެވިއްކުމުގެ ފަސޭހަ މާކެޓެއް ގާއިމްކޮށްދިނުމެވެ.

comment ކޮމެންޓް