އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

އަދާގެ ހިތަށް ތަފާތު އަސަރުތަކެއް ކުރުވިއެވެ. ކެތްކުރަން މަސައްކަތް ކުރިނަމަވެސް ލޮލުގައި ގިނަވާން ފެށި ކަރުނަތައް ނުހުއްޓުވި ކޯތާފަތް މަތިން ތިރިއަށް ދެމެންފެށިއެވެ. ފޮރުވަންވެގެން އަދިވެސް ބޮޑަށް އިސްޖަހާލެވިއްޖެއެވެ.

"އަދާ. ކެތްކުރޭ. ކެތްކުރޭ ދެރަގޮތެއް ނުވާނެ. ޔޫ ލަވް ހިމް އެލޮޓްއެއްނު. އަރްސަންއަކީ އެންމެ ލޯބިވާ ފަރާތް. ކައިވެންޏަށްފަހު އޭނަ ބަދަލު ކުރެވިދާނެ. ޔޫ ކެން ޑޫ އިޓް އަދާ......" އަދާގެ ކަންފަތްކައިރީގައި ވަސްވާސްދިނީ ޝައިތާނާ ހެއްޔޭ ހިތަށް އެރުމުން އަދާއަށް ބުމަ ކައިރިކޮށްލެވިއްޖެއެވެ. ނޫނެކެެވެ. އޭނަ އަރްސަންއަށްވުރެ ލޯބިވާން ޖެހޭނީ ދީންދެކެއެވެ. ދީނޭ ކިޔާފައި އޭނަގެ ހިތުގައި އަޔާޒްއަށްޓަކާ ވިންދު ޖަހަންފެށީބާވައެވެ. ޚުތުބާ ނިންމާފައި ކައިވެނި ކޮށްދޭން ފަށާއިރަށް ކުއްލިއަކަށް އަދާ ތެދުވުމުން އެތާ ތިބި އެންމެންގެ ހާސްކަމާއި ނުތަނަވަސްކަމުގެ ނަޒަރު އޭނައަށް ހުއްޓުނެވެ.

"ސޮރީ އަރްސަން. އަަހަންނަކަށް މި ކައިވެންޏެއް ނުކުރެވޭނެ. އައިމް ނޮޓް ރެޑީ.. ސޮރީ...." އެންމެންގެ ބޮޑުވެފައިވާ ދެލޯތަކަށް ނަޒަރު ހިންގައިލިއިރު އަރްސަންއާއި ދިމާލަށް ބަލާނެ ހިތްވަރެއްވެސް ނެތެވެ. އަރްސަން އޭނަދެކެ ލޯބިވާވަރާއި އޭނަގެ މި ރަހުމްކުޑަ އަމަލުން އެ ހިތް ފަޅައިގެންދާނެކަން އެނގުނެވެ. ކިތަންމެ "ކޫލް" އަދި ފިރިހެންވަންތަ ސިފަތަކެއް ދެއްވާފައިވިޔަސް އަރްސަންގެ ހިތް މަޑު ކަފަކޮޅެއްފަދައެވެ. ރައީސްގެ ހުރިހާ ދަރިންވެސް އެފަދައެވެ. އޭނަގެ މަންމަ ދިޔާނާ އަނބުރައިގެންފާނެ ފަދަ ގޮތަކަށް ބަލަން ހުރެފައި ލަދުންގޮސް އިސްޖެހިއްޖެއެވެ.

"ދަރިފުޅާ..." ބައްޕަ ގޮވައިލިއެވެ.

އަދާ މަޑުކޮށްނުލާ ދުއްވައިގަތްއިރު ކަރުނަތައް ކުރިއަށްވުރެ ބޯކޮށް އޮހެމުން ދިޔައެވެ.

" އަދާ އަދާ....." މިންކާ އޭނަގެ ފަހަތުން ދުވެފައި އައެވެ. އަދާ އެދިޔަ ބާރުމިނުގައިގޮސް އޭނަގެ ކާރަށް އެރިއިރު މިންކާ އަނެއް ދޮރުފަތް ހުޅުވާފައި އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު މޭގައި އަތް އަޅާ އޮބައިލިއެވެ. މިވަރަށް ހިތަށް ގޮތްގޮތްވާނެނަމަ އެންމެފަހުން މިދާގޮތަށްގޮސް އިމަޖެންސީ ރޫމަށް ނިމިދާނެއެވެ. އަދާ މިކުރި ހިތްވަރަށްޓަކާ އޭނަގެ ހިތް ސާބަސްދިނެވެ. އުފަލުން ހިތް ފުރުނެވެ. އަރްސަންގެ މޫނަށް ވެރިވި ކުލަވަރު އޭނަ ދިރިހުރިހާ ހިނދަކު ހިތުން ނުފޮހެވޭނެއެވެ. އުފާވިއިރު ރޮވޭގޮތްވެސް ވިއެވެ. އަރްސަންއަށް ދެރައެއް ލިބުމުން ލިބުނު އުފާތައް ހިނދުކޮޅެއްގެ ތެރޭ ސައިބޯނި ބޮތްކެއްހެން ވައިތެރެއަށް ފަޅައިގެން ހިގައްޖެއެވެ.

"އަަހަރެން ބޭނުމީ އެކަނި އިންނަން.." އަދާ ހުންގާނުގައި ބާރަށް ހިފެހެއްޓިއެވެ. ރޮވޭވަރުން ލޮލަށް ފުސްކަމުން މިގަޑީގައި ދުއްވުން ރައްކާތެރިއެއްނޫނެވެ.

"ރޮއި. ހިތް ފުރެންދެން ރޯލާ. އޭރުން ހިތަށް ލުއިވާނީ....އަހަރެން ކާރު ދުއްވާނަން. މި ސީޓަށް ބަދަލުވޭ..."

އަދަ ބަސްއަހާ ކުޑަކުއްޖެއްހެން މިންކާ ބުނިގޮތަށް ހެދިއެެވެ، މޫނުގައި އަތްއަޅައިގެން އިނދެ އޭނަ ގިސްލާފައި ރުޔެވެ. އޭނަގެ ލޯބިވާ އަރްސަންއަށްޓަކައެވެ. އެ ސަފުހާތައް އަލުން ނުހުޅުވޭނެތީއެވެ. އެހުރިހާ ރީތި ހަދާންތަކެއް އޭނަ ހިތުގެ ފުންމިނުގައި ވަޅުލައިފިއެވެ. ހަގީގަތުގައި އޭނަ ބަދަލުވީ މިންކާއާއި ހެދިއެވެ. މިންކާގެ ސަބަބުން އޭނަ އާލިއާގެ ޕޭޖު ބަލަން ފެށުމުން ހިދާޔަތް ލިބުނީއެވެ. ފެނުނު ހުވަފެނަކީ އޭނަގެ ދިރިއުޅުން އެއްކޮށް ބަދަލުކޮށްލި ސަބަބެވެ. އާލިއާގެ ޕޭޖުން އޭނަގެ ހިތުގައިވާ ދިމަޅައެއް ފިލާ އަލިވެ ތެދުމަގު ފެންނަންފެށީއެެވެ. އޭގައި ހުރި ޕޯސްޓްތަކާއި ލެކްޗާތައް ބަލަން ފެށުމުން އާލިއާ އެދައްކަނީ ތެދުވާހަކަކަން ޔަގީންވިއެވެ. ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. މިހުރިހާ ނިއުމަތެއް ފިލާ އަބަަދަށް ލޯ މަރައިލާ ހިނދު އެއްކޮށް ގެންދެވޭނީ ހަަަމައެކަނި ސޯލިހު އަމަލުތަކެވެ. އަދިވެސް އޭނަ ދީން އުގެނެމުން ދަނީއެވެ. ތައުބާއާއި ހަމަޔަށްވެސް އަދި ނުދެވެއެވެ. ނަމަވެސް އޭނަ އަމިއްލަ ހިތާއި ހަގުރާމަކޮށްފިއެވެ. އަރްސަންއަށްވުރެ ދީން އިސްކޮށްފިއެވެ. ލޯބި ގުރުބާން ކޮށްފިއެވެ. އަރްސަންގެ ހުރިހާ ސިފަތައް ރީއްޗަސް އޭނައަށް ލިބިފައިވަނީ ކަޅު ހިތެކެވެ. އެހިތަށް އަލިކަމެއް ލިބުމުގެ ނަސީބެއްނެތެވެ. އެއަށްވުރެ އަރްސަން ދީނާއި ދެކޮޅެވެ.

"އަދާ. ހިތް ބަދަލުވެއްޖެއްޔާ އަލުން ގޮސް އެކައިވެނި ކުރެވިދާނެ. އަދި އެންމެން ތިބޭނެ. ކާރުން ފައިބާނަންތަ........"

"ޑްރައިވް..." އަދާ އެންގިއެވެ.

"އޯކޭ...." މިންކާ ކާރު ދުއްވާލިއިރުވެސް ހިތުގެ ހިނގުން މަޑެއްނުވެއެވެ.

އޭނައަށް ބުނަން ނޭގޭފަދަ މަސްހުނި އިހުސާސްތަކެއް ކުރެވުނެވެ. ހަގީގަތުގައިވެސް އޭނަގެ ދުޢާ އިޖާބަކުރެއްވީހެއްޔެވެ؟ މިހެންވާންވީ ކީއްވެހެއްޔެވެ؟ އެންމެފަހު ވަގުތު ހިތްތައް ފުރޮޅުއްވާ ފަރާތުން އަދާގެ ހިތް އަނބުރައިލެއްވީއެވެ. އަރްސަންއަށް ފިލާވަޅެއް ލިބިއްޖެއެވެ. ފޮނި ބޮޑާ ކިބުރުވެރިމީހާގެ ހިތުގައި ހިތި ރަހަލީލެއް ލަހެއް ނޫނެވެ.

"ބަޓް އައި ކްރައި ފޯ ޔޫ ބިއުޓިފުލް ޕާސަން. އަރްސަން....." މިންކާ ނޭފަތް ދަމައިލިއެވެ.

"އަދާ. ހިނގާ އިހަށް އަހަރެމެންގެ ގެއަށް..އަހަރެމެންގެ ގެ އަބަދުވެސް އަދާއަށް މަރުހަބާ ކިޔާނެ. އަހަރެންގެ ކޮޓަރީގައި އުމުރު ދުވަހަށްވެސް ހުރެވިދާނެ.." މިންކާގެ އެ ހުށަހެޅުން އަދާ ގަބޫލުކުރިއެވެ. ހަގީގަތުގައި އޭނަގެ މަންމައާއި ބައްޕަ ތިބޭނީ އޭނަދެކެ ނުރުހިފައެވެ. އޭނަގެ އެ އަމަލުން އެންމެންގެ ނުރުހުމާއި ރުޅި އަމާޒުވާނެއެވެ. ކޮންމެގޮތެއް ވިޔަސް އޭނަ ގަބޫލު ކުރާގޮތުން އޭނަ ފިޔަވަޅު އެޅީ ރަގަޅު ދިމާލަށެވެ.

***

އެންމެނަށް ޝޮކެއްލިބި ނުތަނަވަސްކަން ވެރިވެފައިވާތަން ފެނިލައްވާ ނާއިބު ރައީސް ތައިމޫރު ތެދުވެންނެވިއެވެ.

"އައިމް ސޮރީ މިފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހުނީތީ. އަޅުގަނޑުމެންގެ އާއިލާ އަދި އަންހެންކުއްޖާގެ އާއިލާއަކީ އެންމެ ގާތް އެކުވެރިން. މި ހިނގި ހާދިސާއިން ދުރުވާވަރަށްވުރެ ބޮޑަށް ހިތްތައްވަނީ ގުޅިފައި. އަދި އެދެކުދިން ނަކީ އެތައް އަހަރެއްވާންދެން ވަރަށް ލޯބިން އެކީ އުޅޭ ކަޕްލްއެއް. މިއީ ލަވް މެރިޖެއް. އެންމެ ފަހަކާއި ޖެހެންދެން ބްރައިޑްވެސް ހަމަ ކައިވެންޏަށް އުފަލުން ތައްޔާރުވީ. މިރޭ ޖެހުނު މައްސަލައެއް އަޅުގަނޑުމެންނަކަށްވެސް ނޭގޭ. ފަހުން ހުރިހާކަމެއް ރަގަޅުވާނެ. އަޅުގަނޑުމެންގެ އަރްސަންއަކީ ކޮންމެ އަންހެންކުއްޖެއްގެ ހޮވުމަށް ނުވާނެ ގޮތަކީ ނެތްގޮތެއް. ހީޒް ވަން އޮފް ދަ މޯސްޓް އެލިޖަބްލް ބެޗެލާސް އިން އަވާ ކަންޓްރީ. ވީމަ ދެރަގޮތެއް ނުވާނެ. ސޯ.....ވަރަށް ބޮޑަށް މެހުމާނުންގެ ފަރާތުން މާފަށް އެދެން. މިއުފާވެރި ރޭގެ ނިމުން މިގޮތަށް އަންނާނެކަމަކަށް އެކަކުވެސް ހިޔެއް ނުކުރޭ. އަދި މިރޭ އަންނާނެ. އައި ހަމްބްލީ ރިކުއެސްޓް އޯލް އަވާ ގެސްޓްސް ޓު އެންޖޯއި އަވާ ފީސްޓް. ޕްލީޒް...." ތައިމޫރު އެންމެންނަށް މަގުދެއްކެވީ ގަސްތަކުގެ ތެރޭ އަތުރާފައި ހުރި ގޮނޑިތަކަށެވެ. މެހުމާނުންތަކުގެ ތެރެއިން ބައެއްމީހުން ކާން ބޭނުންވިޔަސް އަރުތެރެއިން މިރޭ އެއްޗެއް ނުދިރުވޭނެ އެތައް އާއިލީ މީހުންނެއް ފެންކަޅިވެފައި ތިއްބެެވެ. އަރްސަންގެ މާމައާއި ކާފަ އަދި އެހެންމީހުންނަށްވެސް ލިބިފައިވާ ހައިރާންކަމާއި ހިތާމަތައް މޫނުމަތިން ހުރީ ފައުޅުވާށެވެ. މާމަގެ މޭގައިވެސް ރިއްސައިލިއެވެ. އެ ދެލޮލުގައި ކަރުނަތައް ވިދަންފެށިތަން ފެނި ޒުވާންދަރިންގެ ހިތާމަ އިތުރުވިއެވެ. މުޅި އާއިލާއަށް ދިމާވި މުސީބާތެއްފަދައެވެ.

ސުކައިނާ ބަސްހުއްޓިފައި އިރުކޮޅެއްވާންދެން އިނެވެ. އަރްސަންގެ މޫނުމަތިން ތަފާތު ޝުއޫރެއް ފައުޅެއްނުވެއެވެ. އެކްޓަރެއްފަދައެވެ. ހިތްފަޅައިގެން ދިޔަނަމަވެސް އޭނަ ހުރީ އޭނަގެ ގޮތުގައެވެ. އަރްސަން ދާން ހިނގައިގަތުމުން ސުކައިނާ ދަރިފުޅުގެ އަތުގައި ހިފެހެއްޓިއެވެ.

"ދަރިފުޅާ.....މަންމަ ވަރަށް ދެރަވެއްޖެ. މިވީ ކިހިނެއް؟ ދަރިފުޅު ރަަގަޅުތަ؟ ބީ ސްޓްރޯންގް މަންމަ ދޫނި.....ޖަސްޓް ބީ ސްޓްރޯންގް.އޭނަ އަދި އަންނާނެ. މަންމައަށް ޖެހުނު މައްސަލައެއް ނޭގޭ އެކަމަކު ޔަގީންވާ ކަމަކީ ތި ދެކުދިން އަލުން ގުޅޭނެކަން......"ސުކައިނާ އަޅައަޅައިގެންފާ ވާހަކަދެއްކިއިރު އޭނަގެ ކަރުތެރެ ބެދެމުން ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

"ޔަޕް މަންމާ އައިމް އޯކޭ.." އަރްސަން އިސްތަށިގަނޑުގައި އަތް ހިންގައިލުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން މަންމައާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ހިނިތުންވެލިގޮތުން ސުކައިނާގެ ހިތްކުދިކުދިވެގެންގޮސް އަރްސަންގެ ގައިގާ ބައްދައިގަނެވުނުގޮތަށް ރޮވިއްޖެއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް އަދާއަށް މާފެއް ނުކުރާނެއެވެ. އެންމެންގެ ތެރޭ އޭނަގެ ދެލޯފަދަ ފިރިހެންދަރިފުޅު ނިކަމެތިކޮށް ލަދުގަންނަވާލައިފިއެވެ. އަރްސަންގެ މިޒާޖުގައި ހުންނަގޮތަކުން އަދި ބޭރުފުށުން ކިތަންމެ ހަމަޖެހޭގޮތް ދައްކައިގެން ހުއްޓަސް އެހިތަށް ކުރާނެ އަސަރާއި ރޯނެ ރުއިން މަންމައަށްވީތީ ދެނެގަނެވިއްޖެއެވެ. މަންމައަށް ދަރިން އެނގޭފަަދައިން އެނގޭނެ އެހެން އިންސާނެއް ނުވާނެއެވެ. މައިމޫނު އަރްސަންގެ ކޮނޑުގައި އަތް ބާއްވާފައި ފިތައިލިއެވެ. ތައިމޫރަށްވެސް ބޭބެއަށް ކޮށްފައިވާ އަސަރު އިހުސާސްކުރެވުނެވެ. އޭނަ މައިމޫން ގޮވައިގެން އެތެރޭގެ ކޮޓަރިއަކާއި ދިމާލަށް ހިންގަވައިގަތީ އަނެއް އަތުން މަންމަ ގައިގާ ލައްކޮށްލައިގެން ހުރެއެވެ. މަންމަވެސް މަޑުމަޑުން ރޮނީއެވެ. އަދާ އެދިޔައީ ސްކައިޕެލެސްގެ އެންމެންގެ ލޯތަކުން ކަރުނަ އޮހޮރާލާފައެވެ.

އަރްސަންއަށް ކޮޓަރިއާއި ހަމަޔަށް ގޮސް ދޮރު ލެއްޕުނީ ހަމަކިރިޔާއެެވެ. ހުރިތަނަށް ތިރިވިގޮތަށް ދޮރުގައި ބޯ ޖައްސާލައިގެން އިނދެ ހިމޭން ކަރުނަތައް އޮއްސަމުން ދިޔައިރު އަމިއްލަ ނަފުސަށްވެސް އޭނަގެ ހިތާމަތައް ފޮރުވަން މަސައްކަތްކުރާފަދައެވެ. އަދާ އޭނަގެ ހިތް ހަލާކުކޮށް އެތައްސަތޭކަ އެތިކޮޅުތަކަށް ހަދާ ބުރުއްސާލައިފިއެވެ. ކުރިން އޮތްގޮތަށް އެ ހިތް އަނބުރާ ގެނައުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެކަމެއް ނޫނެވެ. މަސްހުނި އިހުސާސްތަކުގައި ބޮޑިވަމުން ދިޔަސް އެންމެ ބޮޑަށް އިހުސާސްކުރެވުނީ ހިތްދަތިކަމެވެ. ކަރުނައާއި ވޭނެވެ. ކައިވެންޏަށް އެޅި ހެދުމުގައިގޮސް ޝަވަރުދަށުގައި ހުއްޓިލާ ދޫކޮށްލުމުން ވާރޭފަދައިން ފެންގަނޑު އޭނަގެ ޖިސްމު ފިނިކޮށްދޭންފެށިއެވެ. ދެލޯ މަރާލައިގެން އެތައް އިރެއްވާންދެން އޭނަ ހުއްޓެވެ.

ތެތް ހެދުން ބަދަލުކޮށްލުމަށްފަހު އަރްސަން ތައްޔާރުވެލައިގެން ބެކްޕެކް އަޅުވައިގެން ނުކުތެވެ.

އޭނަ ބޭނުންވަނީ ބޭރު ގައުމަކަށްގޮސް ދުވަސްކޮޅެއްވާންދެން އެކަނި އުޅެލާށެވެ.

ފަހު ދުވަހު ސޯޝަލްމީޑިއާ ފުރާލާފައި އޮތީ އަރްސަންއާއި އަދާގެ ވާހަކަތަކުންނެވެ. އެތަން މިތާގައި އޭނައާއި އަދާގެ ފޮޓޯތަކެވެ. އެމީހަކަށް ފެނުނު ގޮތަކަށް ޚިޔާލު ފައުޅުކުރުމަކީ އެންމެންގެ އާދައެކެވެ. އެކަމެއް ނުހުއްޓުވޭނެއެވެ. ހަގީގަތް ނޭގި ތިބެ ލަފާކޮށްފައި އެކި އެއްޗެހި ލިޔެ ހަމްދަރުދީއާއި އެހެން ޝުއޫރުތައް ފާޅުކުރާއިރު އެދެމީހުންގެ ރީތިކަަަމަށް ކޮށްފައި ހުރި ތައުރީފުތައް މަދެއް ނޫނެވެ. އަލުން ގުޅެން އާދޭސްކޮށްފައިވާއިރު ބައެއް އަންހެންކުދިން ބުނަނީ އެވީ އެންމެ ރަގަޅަށް ކަމުގައެވެ. އަރްސަން ހުސްހަށިބަޔަށް ހުރުމުން އެ ރީތި އެސްފިޔަތަކުގެ ހިޔާވަހިކަން ލިބުމަށް އުއްމީދުކުރެވޭ ކަމުގައެވެ.

އަރްސަންގެ ހިތުގެ ކަޅުކަން އަދި އެނގުނަސް ބައެއް އަންހެންކުދިންނަށް އެއީ މައްސަލައަކަށް ނުވާނެއެވެ.

***

މަހުދީގެ ޝައުގެއް ބުރުގާއަޅައިގެން ތިބޭ މުސްލިމް އަންހެންކުދިންނަކަށް ނެތެވެ. އޭނަވެސް ދެކެނީ އެފަދަ ކުދިންނަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތުގެ މީހުންގެ ގޮތުގައެެވެ. އެއިން މީހަކާއެކު އުޅެން ފަށައިފި މީހެއްގެ ބޯ ކާލާނެއެވެ. މަހުދީގެ ވިސްނުން އެހެން ހުރިކަމީ އާލިއާއަށް ލެއްވި ނަސީބެކެވެ. އާލިއާ ޕޭޖް ނެގުމުން އޭނަ ދޫކޮށްލަން މަހުދީ އެންގިއެވެ.

"ޒިން. ޑޫ ވަޓް އެވާ ޔޫ ވޯންޓް ވިތް ހާ ނައު.............."

މާޒިންވެސް އިތުރު ކަމަކަށް ޝައުގެއްނެތެވެ. އޭނަ ބޭނުންވީ ހަމައެކަނި އާލިޔާގެ މޫނު ދެކެލުމަށެވެ. އަންހެންކުއްޖެއްކަން ޔަގީންކުރަން ބޭނުމެވެ. ބައެއްފަހަރަކުން ގަސްތުގައި ބަރު އަަޑަކުން ވާހަކަދައްކާތީ ޖެއްސުމެއް ކޮށްލާހިތުންނެވެ.

އާލިއާއަށް ހަވީރު ކާނެ އެއްޗެއް ދީފައި އެ މީހުން ބުނީ އެމީހުން އެނބުރި އަންނާނީ މިރޭކަމުގައެވެ. މިރަށުގައި އާލިއާނޫން އިތުރު މީހެއްނެތްކަން އެނގުމުން ބިރުގަންނަ ގޮތްވެފައިވެސް ރަށުތެރޭ އެކަނިމާ އެކަނި ހުންނާކަށް ނުކެރުނެވެ. އެމީހުން ފައިބައިގެން ދިޔުމުން ބިރުވެރިކަން އިހުސާސް ކުރެވޭގޮތްވިއެވެ. މިކަހަލަ ފަޅުރަށެއްގައި ޖިންނި ޝައިތާނުންވެސް ޖަގަހަ ޖަހާނެއެވެ. ރޭގަނޑުގެ މަޚުލޫގުން ގޯނާ ނުކުރާނެހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނެހެދޭނެއެވެ. ނަމާދުކޮށްގެން ޒިކުރުކިޔަވައިގެން ހުންނަ އަޅަކަށް މާތް ﷲގެ ރައްކާތެރިކަން ލިބިގެންވާނެއެވެ. އާލިޔާ މުސައްލައާއި ކާތަކެތި އަޅާފައިވާ ވަށިގަނޑު ހިފައިގެން ގޮސް މޫދުގެ އައްސޭރިފަށުގައި ނަމާދުކޮށްލިއިރު އެލިބުނު ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭގެއެވެ. ހިމޭންކަމާއި އެކަނިވެރިކަމުގައި ނަމާދުކުރަން ލިބުމުން ޚުޝޫއަތްތެރިވެވުނު މިންވަރު އެތައްގުނަ އިތުރެވެ. ނަމާދުކޮށްގެން އަތް މައްޗަށް ނަގައިގެން އޭނަ ދުއާކޮށް މޫނު ފިރުމައިލިއެވެ. ޒިކުރުކުރިއެވެ. ނިކަން ރީތި ރާގަކަށް ގުރުއާންގެ އާޔަތްތަކެއް ކިޔެވިއެވެ. އެއަށްފަހު ހަވީރު ސައި ބުއިމާއިގެން މަޝްޣޫލުވިއެވެ.

"އެމީހުން ހީކުރަނީ ކީކޭ؟ ކިޑްނެޕްކޮށްފައި ހުރި ފީލިންގްސް އެއްވެސް ނެތް. މިރަށް އަރާމު ހަމައެކަނި މިސްވަނީ ފެމިލީ......އެންޑް ފްރެންޑްސް..." އާލިއާ ބާސްކެޓްގައިވާ އެއްޗެހި ބަލައިލިއިރު ތަރުމޯޒުގައި ކޮފީއެވެ. ޕިއްޒާ ފޮތްޗަކާއި ކޭކު އަދި ސަބްމެރިންއެކެވެ. ކެއުމަށްފަހު އޭނަ އެތާ ހުރެ ކަސްރަތުކޮށްފައި ސަކަރާތްޖެހިއެވެ. ޖިމަށްގޮސް ހަށިގަނޑުގެ ހުރިހާ ހުޅުތައް މަޑުވެފައި ހުރި ކުއްޖެއްފަދައެވެ. ޖިމްނާސްޓެއް ފަދައިން އެކިގޮތްގޮތަށް ހަށިގަނޑު ލަންބާލާއިރު އެކުއްޖާގެ ކަށިކޮޅެއް ނެތީބާވައޭ ދެެކެން ހުރި މީހެއްގެ ހިތަށް އަރާނެއެވެ. އެއްފަހަރު ގަސްތަކުގެ ތެރެއިން ހިލަމެއްވިހެން ހީވެފައި ކުއްލިއަކަށް ދެލޯ ބޮޑުކޮށްފައި ފުންމައިގެން ތެދުވެގެން އެ ދިމާލަށް ހިނގައިގަތެވެ. ކުއްލިއަކަށް ފެނުނީ ގަހުގެ ފުރަގަހުން ނުުކުމެގެން ނުލަފާކޮށް ހެވިފައި ހުރި މާޒިން އައިތަނެވެ. އާލިއާއަށް މޫނު ފޮތިކޮޅު ނަގަން ދުއްވައިގަންނާކަށްވެސް ނޭގުނެވެ. ބިރުންގޮސް ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އޭނައަށް ހުރެވުނީ ޝޮކެއްގައެވެ. ރީތިކޮށް އޭނަ ބޭޒާރުވެއްޖެއެވެ. އެނުލަފާ މީހުންގެ ބަހަށް އިތުބާރުކޮށް އޭނަ އެކަނި ރަށުގައި ބަހައްޓާފައި ގޮސްދާނެކަމަށް ހީކުރެވުނީ އޭނަގެ މޮޔަކަމުންނެވެ.

މާޒިން " ދަ ޑެވިލް" މިހިރީ ހަމަ ކުރިމަތީގައެވެ.

އޭނަ ޖެއްސިހާ މޮޔަ ވައްތަރުތައް ދެކެފިއެވެ.

މާޒިންހުރީ މަޖާވެފައެވެ. އާލިއާގެ މޫނު ފެނުނީ ޚިޔާލު ކުރެވުނު ގޮތަކަށް ނޫނެވެ. މީރާއަށްވުރެ ރީތި އަންހެން ކުއްޖެކެވެ. ޚާއްސަކޮށް އާލިއާއަށް ލިބިފައިވާ ލޮލުގެ ރީތިކަމުގެ އަސަރުގައި ނުޖެހޭނެ ފިރިހެނަކު ވާނެކަމެއް ނޭގެއެވެ. އެހާވަރުން މޫނު އަޅައިގެން އުޅެނީ އެރީތިކަން ފޮރުވަން ހެއްޔެވެ؟ އެހެން އަންހެންކުދިން އުޅެނީ ރީތިކަން ނުދެއްކިގެނެވެ. މިހާ ރީތި އަންހެނުން ފޮރުވިގެން ތިބުމުގެ މާނައެއް ނުފެނެއެވެ. މޭކަޕް ނުކުރިޔަސް އެހާ ނަލައެވެ.

އާލިއާއާއި މާޒިންގެ ކަޅި ބައްދަލުވިގޮތަށް އިރުކޮޅެއްވާންދެން ހަރަކާތް ކުރަން ނޭގިފައި ހުއްޓެވެ. ދެން އާލިއާ އެނބުރިލާފައި ދުވެގޮސް މުސައްލަމަތީ އޮތް މޫނުފޮތިކޮޅު މޫނަށް ވައްޓައިލުމުން ކަޅު ވިލާތަކެއްގެ ތެރޭ އިރު ފޮރުވުނުފަަދައެވެ.

"އިޑިއަޓް. މަކަރުވެރި ގޮަތަކަށް ނޫނީ އަންހެންކުދިންނަށް ބަލަން ނޭގެނީތަ؟ ހަރާމް ކަންތަކަށް އަރައިގަންނައިރު ހެއްދެވި ފަރާތް މިވަގުތުވެސް ބައްލަވާ ވޮޑިގެންވާނެކަމެއް ނޭގޭތަ؟ " އާލިއާ ކަރުތެރެއިން ނެރެލި އަޑުން މާޒިން ވަކިން ހިނި އައެވެ.

"ގުރުއާން ކިޔެވިއިރު ވެސް އަހަރެން އަޑުއަހަން ހުރީ. ތިހާ އަޑު ހުތުރެއްނޫން..................." މާޒިން ހޭންފެށިއެވެ" މްމްމް...ދެން މަތި މައްޗަށް ފަރުދާ ދެމިޔަސް މޫނު ނުފެންނަކަމަކަށް ނުވާނެ. މި ފޯނުގައި ބައިވަރު ފޮޓޯތަކާއި ވީޑިއޯތައްވެސް އެބަހުރި. ސޯޝަލް މީޑިއާ ފުރާލާނަން..."

އާލިއާގެ ބަސް ހުސްވިއެވެ.

"ހިތުގައި ޖެހުނީ ދޯ......."

ދެންވެސް އާލިއާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އާލިއާ ރޮނީކަން ނޭގެއެވެ. މޫނުބުރުގާ އަޅާ އަންހެންކުއްޖަކަށް އެއަށްވުރެ ބޮޑު ދެރައެއް ނުދެވޭނެއެވެ. އެހެންމީހުންގެ ނުރުހުމުގައި ފޮޓޯތަކެއް ލައިގެންވާނެ މޮޅެއްވެސް އޮތީއެއް ނޫނެވެ. އޭނަ ބުނި އެއްޗެއް ބުނީ އާލިއާ ބިރުގަންނަވާލުމަށެވެ.

"ފޮޓޯތައް ލީކްކޮށްނުލާނީ އެންމެ ޝަރުތެއްގެ މަތިން......" މާޒިން ކައިރިއަށް އައެވެ.

ނުނިމޭ

comment ކޮމެންޓް