ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނަށް އާންމުން ތަފާތު ނުކުރުމަށް އެދިއްޖެ

ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ކުރާ ފަރާތްތަކަށް އާންމު ރައްޔިތުން ތަފާތު ކުރުން ނުގެން ގުޅުމަށް ދިވެހި ރެޑް ކުރެސެންޓުން އިލްތިމާސް ކޮށްފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި 19 މީހަކު ރާއްޖެއިން ފެނިފައިވާއިރު، 11 މީހަކު ޕޮޒިޓިވްވެފައިވަނީ ހަތަރު ރިސޯޓަކުންނެވެ. ހަތަރު މީހަކު ދެ ސަފާރީއަކުން ޕޮޒިޓިވްވި އެވެ. މީގެ އިތުރުން ވަރަށް ގިނަ ރިސޯޓުތަކުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މޮނީޓަރިން ހާލަތައްވެސް ގެނަ އެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، މިހާރު ފެތުރެމުން އަންނަ ވައިރަހާ ގުޅޭ ގޮތުން އާންމުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.

"ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވޭ ފަރާތްތަކާ ދޭތެރޭގައި އާންމުންގެ ތެރޭގައި ތަފާތުކުރުން ވަރަށް ބޮޑު. އަޅުގަނޑުމެނަށް އެކި ފަރާތްތަކުން ރިޕޯޓް އެބަ ލިބޭ،" ހިމްޔާ ވިދާޅުވި އެވެ.

އެގޮތުން ރިސޯޓަކުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވެގެން އަމިއްލަ ރަށަށް ދިއުމުން، އެ މީހާ އަނބުރާ ބަލައިގަތުމާއި މުޖުތަމައުގައި އުޅުމަށް ދަތިތަކެއް ކުރިމަތިވެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގައި ވެސް އެފަދަ ދަތިތަކެއް ދިމާވެފައި ހުރިކަން ހިމްޔާ ފާހަގަކުރެއްވި އެވެ.

"މިކަމަށް ވަރަށް ބޮޑަށް ވިސްނާ މި ތަފާތުކުރުން އަޅުގަނޑުމެން އެބަ ނައްތާލަން ޖެހޭ. މިއަދު ދައްކަނީ ބައްޔަށް ޝައްކު ކުރެވޭ ފަރާތެއްގެ ވާހަކަ. އަދި މިސާލަކަށް ބައްޔަށް ޕޮޒިޓިވްވެގެން ދާ ފަރާތުގެ ހާލަތު އަޅުގަނޑުމެނަށް ވަރަށް ދަތި މިވަގުތު ވިސްނާލަން،" ހިމްޔާ ވިދާޅުވި އެވެ.

ހަމަ އެގޮތައް ބިދޭސީންނާ މެދު ވެސް ތަފާތުކުރުންތައް ގެންގުޅޭ ކަން ހިމްޔާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ކޮވިޑް-19 ބަލި ޖެހިދާނެ ކަމަށާއި ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް