ފާއިތުވި ދެ މަހަށް ވުރެ މިދިޔަ މަހު ހުށަހެޅި މައްސަލަ މަދު: ޖެންޑާ މިނިސްޓަރު

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލައަށްވުރެ މާޗް މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު މަދު ކަމަށް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ފާއިތުވި ތިން މަސްދުވަހުގެ ގެވެށި އަނިޔާގެ ތަފާސް ހިސަބަށް ބަލާއިރު މާޗް މަހު ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށެވެ.

"ޖެނުއަރީ މަހު ރިޕޯޓްކޮށްފައި އިނީ 34 މައްސަލަ. ފެބްރުއަރީ މަހު 39 މައްސަލަ. މާޗު މަހުގައި އިނީ 26 މައްސަލަ. ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ ތަފާސް ހިސާބަށް ބަލާއިރު ޖަނަވަރީ މަހު 121 މައްސަލަ. ފެބްރުއަރީ މަހު 169 މައްސަލަ. މާޗު މަހު މި އިނީ 101 މައްސަލަ،" އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.

މާޗު މަހުގައި ރިޕޯޓްކޮށްފައިވާ އަދަދު މަދުވުމުގެ އެކި ސަބަބުތައް ހުރެދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ގަބޫލުކުރަން ބޭނުންވަނީ އަނިޔާގެ މައްސަލަ ހަގީގަތުގައި ވެސް މަދު ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އެއީ އުންމީދެއް. ހަގީގަތަކީ ބައެއް ފަހަރު ރިސާޗުން ދައްކާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް އެ އަނިޔާދޭ ފަރާތާއި އެކު އުޅޭކަމަށްވަންޔާ ރިޕޯޓް ކުރުން އެއީ އުނދަގޫ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރަން އުނދަގޫވާ ދެ ސަބަބެއް އޮވެއެވެ. ފުރަތަމަ ސަބަބަކީ އަނިޔާ ކުރާ މީހާގެ ފަރާތުން މާއްދީ މަންފާ އަނިޔާ ލިބޭ ފަރާތަށް ލިބެމުންދިޔުމެވެ.

ދެވަނަ ސަބަބަކީ އެކަމުގެ އެހީތެރިކަން ލިބޭނެ ކަމުގެ ކަށަވަރުކަން ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގެވެށި އަނިޔާގެ އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް ކަމެއް ރިޕޯޓްކުރަން ބޭނުންފުޅުވާ ނަމަ 1412 އަށް ރިޕޯޓްކުރެއްވުމުން އެ މައްސަލަ އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވި އެވެ.

comment ކޮމެންޓް